އަންނަ ޖެނުއަރީމަހުގެ 13ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި-އިލެކްޝަންގައި އޮބްޒާވަރުންނާއި، މޮނީޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ވޯޓު ނެގުމާއި، ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށާއި މޮނީޓަރކުރުމަށް އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފޯމު ހުށަހެޅުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ 28ވާ ބުރާސްފަތިދުވަހުގެ 15:00ގެ ނިއަލަށެވެ. ކުރިން މިމުއްދަތު ހުޅުވާލާފައި އޮތީ 24 ޑިސެމްބަރުގެ ނިއަލަށެވެ.
މިމުއްދަތު އިތުރުކުރީ އޮބްޒަރވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް ގިނަ ފަރާތްތަކަކުން އެދެމުން އަންނާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
އޮބްޒާވަރުންނާއި މޮނީޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ލިބޭނެ ކަމަށް ވެސް އެކޮމިޝަނުން ވިދާޅުވެއެވެ. އަދި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް [email protected] ލިންކް މެދުވެރިކޮށްވެސް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.
13 ޖެނުއަރީ 2024ގައި ޖުމްލަ 13 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އެއީ ހދ. ނޭކުރެންދޫ، ބ. ފެހެންދޫ ބ. ދަރަވަންދޫ، ކ. ގާފަރު، އދ. މަންދޫ، ނ. މަނަދޫގެ އިތުރުން ނ. މާޅެންދޫ، ހދ. މަކުނުދޫ، ބ. ފުޅަދޫ، ށ.ކަނޑިތީމު، މ.މުލައް، އަދި ރ. މަޑުއްވަރީއެވެ.
ލޯކަލް ކައުންސިލް ބައި-އިލެކްޝަން ބާއްވާ ރަށްތަކާއި ދާއިރާތަކަކީ ވ. ރަކީދޫ، މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު، މާލެ ސިޓީ ކައުންސިލްގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަދި މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރުގެ ބައި އިލެކްޝަނެވެ.
މި 2 ބައި-އިލެކްޝަންގައި ވޯޓުލުމަށްޓަކާ 58 ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އަދި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވުމަށް ގާތްގަނޑަކަށް 350 އެއްހާ އޮފިޝަލުން ބޭނުންވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ.