ވެރިފަރާތަށް ޕާސްޕޯޓު ދޫކުރުމުގައި އައިޑީ ކާޑު ގެންނަން ނުޖެހޭގޮތަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި، އިމިގްރޭޝަންގެ ޚިދުމަތްތައްވެސް މިގޮތަށް ބައްޓަންކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި މަހުގެ 20 އިން ފެށިގެން އައި.ޑީ ކާޑު ނުގެނައި ކަމުގައި ވީނަމަވެސް، ޕާސްޕޯޓު ވެރިފަރާތަށް ދޫކުރާ ގޮތަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދު މިވަނީ ނިންމަވާފައެވެ.
މިއާއެކު އިލެކްޓްރޯނިކް ޕާސްޕޯޓާއި ހަވާލުވުމަށް ވެރިފަރާތުން ހާޒިރުވާނަމަ މިހާރު އައި.ޑީ ކާޑު ގެނައުން ލާޒިމެއް ނުވާނެއެވެ. އަދި 18 އަހަރުނުވާ ކުދިންގެ ބެލެނިވެރިން ކުދިންނާއެކު ޕާސްޕޯޓާއި ހަވާލުވުމަށް ދުރުވާއިރު، އެފަރާތްތަކުގެ އައި.ޑީ ކާޑުގެ ފޮޓޯއެއް ދެއްކުމުން އައިޑީ ކާޑު ވެރިފައި ކޮށްދޭނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
ވެރިފަރާތަށް ޕާސްޕޯޓު ދޫކުރުމުގައި އައި.ޑީ ކާޑު ގެންނަން ނުޖެހޭގޮތަށް ކޮންޓްރޯލަރ ޖެނެރަލް ނިންމަވައިފި.
— Maldives Immigration (@ImmigrationMV) December 20, 2023
އިތުރަށް ކިޔާލުމަށް: https://t.co/2wEtl8ltAT #DhivehiPassport #IMUGA #MaldivesImmigration pic.twitter.com/ElS2cpDjus
ނޮން-އިލެކްޓްރޯނިކް އަދި އެމަރޖެންސީ ޕާސްޕޯޓު ދޫކުރުމުގައިވެސް ވެރިފަރާތުން ޕާސްޕޯޓާއި ހަވާލުވާނަމަ އައިޑީ ކާޑު ގެނައުން ލާޒިމެއް ނުވާނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އަދި މަޤުބޫލު ޢުޒުރެއް އޮވެގެން އެހެން ފަރާތަކުން ޕާސްޕޯޓާއި ޙަވާލުވާނަމަ އިގުރާރު ސިޓީގައި އެފަރާތެއްގެ އައިޑީ ކާޑުގެ ސިރީއަލް ނަންބަރު ޖަހަންވާނެކަމަށާއި، އެއަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް އައިސް އެފަރާތެއްގެ އައިޑީ ކާޑުގެ ފޮޓޯއެއް ދެއްކުމުން ވެރިފައި ކޮށްދޭނެކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.
އިމިގްރޭޝަނުން ވިދާޅުވީ، އެ އިދާރާގެ މަޤްޞަދަކީ ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން، ޚިދުމަތް ހޯދުމަށް އަންނަ ރައްޔިތުންގެ އަޑުއަހައި އެފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކޮށްދީ، އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުންކަމަށެވެ.