ޚަބަރު

ރާއްޖެއިން ޖައްވަށް ބޭރުކުރާ މާއްދާ މަދު، ޙައްލުހޯދުމަށް ދައްކަނީ ނަމޫނާއެއް: ޠާރިޤު


  • ރާއްޖެއިން ޖައްވަށް ބޭރުކުރާ ނުރައްކާތެރި މާއްދާގެ މިންވަރަކީ 0.0035 އިންސައްތަ

  • ހައްލު ހޯދުމަށް މުޅި ދުނިޔެއަށް ދައްކަނީ ނަމޫނާއެއްކަމަށް ވަޒީރު ވިދާޅުވި

ރާއްޖެއިން ޖައްވަށް ބޭރުކުރާ ނުރައްކާތެރި މާއްދާތައް މަދުނަމަވެސް މިކަންކަމަށް ހައްލު ހޯދުމަށް މުޅި ދުނިޔެއަށްވެސް ދައްކަމުންދަނީ ނަމޫނާއެއްކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، "ކްލައިމެޓް ޗޭންޖް ޑިޕްލޮމަސީ ލީޑަރޝިޕް އެންޑް ރެސިލިއެންސް ޕްރޮޖެކްޓް" ނިންމާލުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، މޫސުމީ ބަދަލުތަކާ ބެހޭގޮތުން ރާއްޖެ ވަކާލާތުކުރަމުން އަންނަތާ އެތައް އަހަރެއްވެފައިވާއިރު، އޭގެން ނަތީޖާ ފެންނަން ފެށީ، 2015 ވަނަ އަހަރު ދުނިޔޭގެ އެތައް ޤައުމެއް އެއްބައިވެ، ޕެރިސްގައި އެކުލަވާލި މުޢާހަދާއަށް ފަހުގައިކަމަށެވެ. އޭގެ 8 އަހަރުފަހުން، ނިމިގެންދިޔަ ކޮޕް28 ސަމިޓްގައި ގްލޯބަލް ސްޓޮކްޓޭކަކަށް ޤައުމުތަކަށް އެއްބަސްވެވި، އެއަށް ޢަމަލީ މަސައްކަތް ފެށިފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކާއި އަޅާބަލާއިރު، ރާއްޖެއިން ޖައްވަށް ބޭރުކުރާ ނުރައްކާތެރި މާއްދާގެ މިންވަރަކީ 0.0035 އިންސައްތަ ކަމަށެވެ. އެއަދަދަކީ ކުޑަ އަދަދަކަށްވީ ނަމަވެސް، ރާއްޖެއިން މަސައްކަތް​ކުރާނީ މޫސުމީ ބަދަލުތަކަށް ޙައްލު ހޯދުމަށް އެހެން ޤައުމުތަކަށް ނަމޫނާ ދައްކާ ބަޔަކަށްވުމަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ވަޒީރު ވަނީ ސަރުކާރުން އިއުލާންކޮށްފައިވާ އިޔާދަކުރުވަނިވި ހަކަތައިގެ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާފައެވެ. މިފަދަ މުހިއްމު މަސައްކަތްތައް ކުރިއަށްދާއިރު، ޑިޕްލޮމަސީއާއި ވަކާލާތުކުރުމާއި، ތަރައްޤީވެފައިވާ ޤައުމުތަކުން ރާއްޖެފަދަ ޖަޒީރާ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެހީތެރިވެދިނުމުގެ މުހިއްމުކަމަށް ވަޒީރު ޠާރިޤު ވަނީ އިލްތިމާސްކުރައްވާފައެވެ.

"ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ މާއްދާތައް މަދުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. ދުނިޔޭގެ ޖަށްވަށް ބޭރުވާ ވިހާ މާއްދާތަކުގެ ތެރޭގައި ރާއްޖޭގެ އިންސައްތަ އަކީ އެންމެ 0.0035 އިންސައްތަ. ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު އެއީ ވަރަށް މަދު އަދަދެއް." ވަޒީރު ތާރިޤު ވިދާޅުވިއެވެ.

ކްލައިމެޓް ޗޭންޖް ޑިޕްލޮމަސީ ލީޑަރޝިޕް އެންޑް ރެސިލިއެންސް ޕްރޮޖެކްޓަކީ ޔޫރަޕިއަން ޔޫނިއަން އިން ފަންޑްކޮށްގެން ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި މޫސުމީ ބަދަލުތަކާ ބެހޭގޮތުން ކެޕޭސިޓީ އިތުރުކުރުމަށް ހިންގި މަޝްރޫއެކެވެ.

ބެލްޖިއަމްގެ ޔުނިވަރސިޓީ އޮފް ލިއެޖް، ސްލޮވާކިޔާގެ ޔުނިވަރސިޓީ އޮފް އިކޮނޮމިކްސް އޮފް ބްރަޓިސްލާވިއާ، ފްރާންސްގެ ޔުނިވަރސިޓީ ޕެރިސް ސީޓޭއާއި އެމްއެންޔޫ ގުޅިގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ ދަށުން، މޫސުމީ ބަދަލުތަކާ ބެހޭ ޑިގްރީއެއް އެމްއެންޔޫއަށް ތަޢާރަފްވެގެންދިޔައެވެ. އަދި، މަޢުލޫމާތު ބަދަލުކުރުމުގެ އެތައް ޕްރޮގްރާމްތަކެއްގައި 4 ޔުނިވަރސިޓީއިން ވަނީ ބައިވެރިވެފައެވެ.