ޚަބަރު

އަމާން މާޙައުލެއް ޤާއިމުކުރުމުގެ ބޮޑު ޒިންމާއެއް އޮތީ ޤާނޫނު ތަންފީޒުކުރާ މީހުން އަތުގައި: އޭސީޕީ އާސިމް


  • ވ. ތިނަދުއާއި ފުލިދޫގައި ޕޮލިސް ޕޯސްޓު ވަނީ ހުޅުއްވައިދެއްވާފައި

  • އޭސީޕީ ވިދާޅުވީ، ޚިދުމަތުގެ ސަބަބުން ފަތުރުވެރިންނަށްވެސް ރައްކާތެރިކަން ދެވޭކަމަށް

  • ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގެ ފުރުޞަތު ލިބޭނެ

އަމާން މާޙައުލެއް ޤާއިމުކުރުމަށް އެންމެ ބޮޑު ޒިންމާއެއް އޮތީ ޤާނޫނު ތަންފީޒުކުރަން ތިބޭ މީހުންގެ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެސިސްޓެންޓް ކޮމިޝަނަރ އާސިމް ޢަބްދުﷲ މިހެން ވިދާޅުވީ ވ. ތިނަދޫ ޕޮލިސް ޕޯސްޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން އާސިމް ޢަބްދުﷲ ވިދާޅުވީ، ތިނަދޫފަދަ ފަތުރުވެރިކަން ފުޅާވަމުން އަންނަ ރަށަކަށް ފުލުހުންގެ ޚިދުމަތް ވަރަށް މުހިންމުކަމަށެވެ. އެގޮތުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރައްކާތެރިކަން ދިނުމާއި، އަމާން މާހައުލެއް ޤާއިމުކުރުމަށް މުހިންމު ދަޢުރެއް އަދާކުރާ ޚިދުމަތެއްކަމަށް ވިދާޅުވިއެވެ.

އެސިސްޓަންޓް ކޮމިޝަނަރ ވިދާޅުވީ، މި ޚިދުމަތުގެ ސަބަބުން ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގެ ފުރުސަތު ފަހިވެ ފުލުހުންގެ ޚިދުމަތުގެ މިހާރުގެ ފަލްސަފާކަމުގައިވާ ކުށް އުފެދުމުގެ ކުރިން، އިސްވެ އެކަން ހުއްޓުވުމަށް ކުރެވޭނެ ކަންކަން ބަލައި ތަރުތީބުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އޭގެ އިތުރުން މި ހުޅުވިގެންދިޔަ ޕޮލިސް ޕޯސްޓުގެ ސަބަބުން، ވ. އަތޮޅުގެ ރިސޯޓުތަކާއި ގެސްޓުހައުސްތައް ހިމެނޭ އެހެން ރަށްރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރައްކާތެރި އަމާން މާހައުލެއް ކަށަވަރު ކުރެވިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭއަށް ޒިޔާރަތްކުރާ ފަތުރުވެރިނާއި، އަދި ދިވެހި ރައްޔިތުންނަށް އަމާން މާޙައުލެއް ޤާއިމުކުރުމަށް ފުލުހުންނާ ގުޅިގެން ރައްޔިތުން މަސައްކަތް ކޮށްދެއްވުމަށް އެސިސްޓަންޓް ކޮމިޝަނަރ އާސިމް ޢަބްދުﷲ އެދިލެއްވިއެވެ.

ވ. ތިނަދޫގެ އިތުރުން އެއަތޮޅު ފުލިދޫގައިވެސް ޕޮލިސް ޕޯސްޓުހުޅުވައި އެ ރަށުގައި ޤާއިމުވެތިބެ ފުލުހުންގެ ޚިދުމަތް ވަނީ ދޭން ފަށާފައެވެ. އެކަމަށްޓަކާ އެރަށުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި މި ޕޮލިސް ޕޯސްޓް ހުޅުވައިދެއްވީ، އެކްޓިންގ ކޮމިޝަނަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފެލިދެ އަތޮޅު ކައުންސިލު ރައީސް ޝުޖާޢު ޢަލީއެވެ.