ޚަބަރު

ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ ފުރިހަމަ މަޢުލޫމާތު 1 އަހަރުގެތެރޭގައި އެއްކުރާނަން- އިޙްސާން


  • ރާއްޖޭގައި 139000އަށްވުރެ ގިނަ ބިދޭސީން ވަރކް ޕަރމިޓްގައި މަސައްކަތްކުރޭ

  • ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފައި

  • ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު ގަވައިދުން ބަލަހައްޓަނީ %36 މީހުން

ރާއްޖޭގެ މިވަގުތު ދިރިއުޅޭ ބިދޭސީންގެ އަދަދުތަކާއި އެމީހުންގެ ތަފްސީލީ މަޢުލޫމާތުތައް، ކުރިއަށް އޮތް 1 އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް، ފުރިހަމަކުރުމުގެ ބޮޑު އޮޕްރޭޝަނެއް ފަށްޓަވާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

ބިދޭސީންނާއި ގުޅުންހުރި މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތާއި ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިޙުސާނު ވިދާޅުވީ، އެކިއެކި މަސައްކަތްތަކުގައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ސައްޙަ މަޢުލޫމާތު ރައްކާކުރެވިފައި ހުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ބޮޑު މަސައްކަތެއްކަމަށެވެ. މި އޮޕަރޭޝަނަކީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާއާއި އިމިގްރޭޝަން އަދި ކަމާއި ގުޅުންހުރި އިދާރާތައް ގުޅިގެން ފަށާފައިވާ މަސައްކަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

އިޙުސާން ވިދާޅުވީ، މަސައްކަތްތެރިން ގެންނަ ކުންފުނިތަކުން ބިދޭސީންނާއި ގުޅޭ މަޢުލޫމާތު ގަވައިދުން ބެލެހެއްޓުމާއި، ކަމާއި ގުޅުންހުރި ފަރާތްތަކަށް ޖަވާބުދާރީ ވުމުގެ މަސައްކަތް ކުރާ މީހުން ނިސްބަތުން ވަރަށް މަދުކަމަށެވެ. އެގޮތުން މި މަޢުލޫމާތު ޤަވާއިދުން ބަލަހައްޓަނީ ގާތްގަނޑަކަށް %36 މީހުންކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެތެރެއިން ބަންގްލަދޭޝްއަށް ނިސްބަތްވާ މަސައްކަތްތެރިންގެ ކަންކަން ގަވައިދުން ކުރިއަށްގެންދަނީ %50 މީހުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި ވޯކް ޕަރމިޓް ދޫކުރެވި މަސައްކަތް ކުރަމުންދާ ބިދޭސީގެ އަދަދުކަމަށް ނިޒާމުގެ ތެރެއިން ފެންނަންހުރީ 139000އެއްހާ މީހުންނެވެ. މީގެތެރެއިން ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންގެޢަދަދަކީ 90634 އެވެ.

"ބަރާބަރަށް މަޢުލޫމާތު ބަލަހައްޓަނީ %36 މީހުން. އޭގެ މާނައަކީ އެއީ 40000އެއްހާ މީހުންނޭ. ސުވާލަކީ ގަވާއިދުން ވަރކް ޕަރމިޓް ކަންކަން ނުކުރަނީ ކީއްވެތޯ. މިސާލަކަށް ފިލައިގެން ގަވާއިދާ ޚިލާފަށް އުޅެނީ. އެމީހުން ގެނައި ކުންފުނި އުވުނީ ނުނީ ފައިސާ ނެތީ. މިކަންކަން ގާތުން ބެލެންޖެހޭ." އިޙުސާން ވިދާޅުވިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވީ، އާ ސަރުކާރު ހަވާލުވިއިރުވެސް ބިދޭސީންނާއި ގުޅޭ ފުރިހަމަ މަޢުލޫމާތު ނެތްކަމަށެވެ. ޤައުމީ ސަލާމަތަށް ބަލާއިރު، އެ މަޢުލޫމާތު ނެތުމަކީ ކަންބޮޑުވާކަމެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ބިދޭސީންނާއި ގުޅޭ މަސައްކަތް، ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާގެ ދަށަށް ބަދަލުކޮށް ޚާއްސަ މަސައްކަތްތަކެއް ފަށްޓަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ފުރަތަމަ ކަމަކަށް ކުރަމުންދަނީ، ބިދޭސީން ތިބި ސީދާ އަދަދު ދެނެގަތުމުގެ މަސައްކަތްތަކެވެ. މި މަޢުލޫމާތު އިމިގްރޭޝަންގެ ބޯޑަރ ސެކިއުރިޓީ ނިޒާމުގެ ތެރެއިން ޔަގީންކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއަށްފަހު ދެން ކުރިއަށްގެންދާނީ، އެމީހުން ރާއްޖޭގައި ދިރިއުޅޭ ތަންތަނާއި، ކުރާ މަސައްކަތްތާއި އަދި އެމީހުންގެ ތަފްސީލީ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްކަމަށް އިޙުސާނު ވިދާޅުވިއެވެ. މިއީ، ބުރަ އަދި ބޮޑު މަސައްކަތެއްނަމަވެސް، އެކަން ސަރުކާރުން ކުރައްވާނެކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

"ކުރިއަށް އޮތް 1 އަހަރުގެ ތެރޭގައި، ސީދާ ފިންގަރ ޕްރިންޓާއެކު އެ މަޢުލޫމާތު ދިމާކުރާނަން. ރާއްޖޭގައި ތިބި ބިދޭސީންގެ އަދަދު، ކޮންބައެއްކަން، ކޮން މަސައްކަތެއްކުރާ ބައެއްކަން ކަށަވަރުކޮށް، ބިދޭސީންގެ "އެކްސްޕެޓް ސިސްޓަމް" ގައި ހުރި ޢަދަދުތައް ދިމާކުރާނަން. އެ ޓަރގެޓަށް މިވަނީ މަސައްކަތް ފަށާފައި." ވަޒީރު އިޙުސާން ވިދާޅުވިއެވެ.

މި މަސައްކަތް މާލެ ސަރަޙައްދުގެ އިތުރުން، އަތޮޅުތަކުގެ ހުރިހާ ރަށްތަކާއި ސިނާޢީ މަސައްކަތްކުރާ ރަށްތަކުގައިވެސް ކުރިއަށްގެންދާނެއެވެ. އޭރުން ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ ބިދޭސީއެއްގެ މަޢުލޫމާތު ވަކިވަކިން، އެނގޭގޮތަށް ސިސްޓަމްގައި ރައްކާކުރެވޭނެކަމަށް އިޙްސާން ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ޤަވައިދާ ޚިލާފައި ބިދޭސީން އުޅޭ މައްސަލައިގައި ކަންތައް ކުރާނެ ގޮތެއް ކަނޑައެޅޭނީ، މަޢުލޫމާތު އެއްކުރުމުގެ މަސައްކަތަށް ފަހުގައިކަމަށެވެ.

ރާއްޖޭގެ ޤާނޫނު ބުނާގޮތުން، އެއް ޤައުމަކުން ރާއްޖެއަށް އެންމެ ގިނަވެގެން އަންސްކިލްޑް ލޭބަރުންގެ ގޮތުގައި އެތެރެކުރެވޭނީ އެއްލައްކަ މީހުންނެވެ. މި ގަވައިދު ކަނޑައެޅީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 20ވަނަ ދުވަހުއެވެ.