ކ. ތިލަފުށީގައި ފަހުން ހިއްކި ސަރަހައްދު ނުވަތަ ތިލަފުށީ އިންޑަސްޓްރިއަލް ޒޯނާއި، ކ. ތިލަފުށި ގުޅާލުމަށް ހަދާފައިވާ ކޯޒްވޭ މަގު މިހާރަށްވުރެ ބޮޑަށް ތަރައްޤީކުރުމަށްޓަކައި އެތަން ރީ-ޑިޒައިން ކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ތިލަފުށީ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ނާސިފް ވިދާޅުވެއްޖެއެވެ.
ތިލަފުއްޓަކީ ފުޅާދާއިރާއެއްގައި ސިނާޢީ އެކި މަސައްކަތް ކުރަމުންގެންދާ ރަށަކަށްވެފައި، ބޮޑެތި އެއްގަމު އުޅަނދު ނިސްބަތުން ގިނައިން ދުއްވާ ރަށެކެވެ. ރަނގަޅު ފެންވަރަކަށް މަގުތައް ހެދިފައިނެތުން އެއީ ތިލަފުށީގައި މަސައްކަތް ކުރާ ފަރާތްތަކަށް މިވަގުތު ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. މަގުތައް އެއްވަރު ނުވުމާއި، ގިނަ މަގުތަކެއްގައި ވަޅުގަނޑުގަނޑު ހެދިފައި ހުރުމުގެ ސަބަބުން، އެއްގަމު އުޅަނދު ހަލާކުވާކަމުގެ ޝަކުވާ އެ ފަރާތްތަކަކުން ކުރަމުންދެއެވެ. މިކަންކަން ހައްލުކޮށް، ތިލަފުށީ މަގުތައް ހެދުމުގެ މަސައްކަތް ތިލަފުށީ ކޯރޕަރޭޝަނުން ދަނީ ކުރައްވަމުންނެވެ. އެގޮތުން މަގުތައް އެއްވަރު ކުރުމުގެ މަސައްކަތާއި، މަގުތައް ދިއްލުމުގެ މަސައްކަތް އެކޯރޕަރޭޝަނުން މިހާރުވެސް ދަނީ ކުރައްވަމުންނެވެ.
މީގެ ތެރެއިންވެސް މިވަގުތު އެންމެ ބޮޑު އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތަކީ، ތިލަފުއްޓާއި، އެރަށުގައި ފަހުން ހިއްކި ސަރަހައްދު ނުވަތަ ތިލަފުށީ އިންޑަސްޓްރިއަލް ޒޯން ގުޅާލުމަށް ހަދާފައިވާ ކޯޒް-ވޭ ރީ-ޑިޒައިން ކުރުމުގެ މަސައްކަތެވެ.
ތިލަފުށީ މަގުތައް މަރާމާތު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީ.އެސް.އެމްއަށް މަޢުލޫމާތުދެއްވަމުން ތިލަފުށީ ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ނާސިފް ވިދާޅުވީ، ތިލަފުށި އިންޑަސްޓްރިއަލް ޒޯނާއި ތިލަފުށި 1 ގުޅުވައިދޭ ކޯޒްވޭ އިތުރަށް ފުޅާކޮށް، ޕޭވްކުރެވިފައިވާ މަގެއް ހެދުމަށްޓަކައި ބޭނުންވާ އީ.އައި.އޭގެ މަސައްކަތްތަކާއި، އެތަން ޑިޒައިން ކުރުމުގެ މަސައްކަތް އެކުންފުނިން މިހާރު ކުރައްވަމުންދާކަމަށެވެ. މި މަޝްރޫޢުގެ ދަށުން އެ މަގުހެދުމަށް ހަމަޖެހިފައިވަނީ ތާރު އަޅައިގެން ރަނގަޅު ފެންވަރެއްގައެވެ.
ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑުން މައުލޫމާތު ދިން ގޮތުގައި އެކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭ މި މަގުގެ މަސައްކަތް ބަޔަކާއި ހަވާލުކުރެވި މަސައްކަތް ފެށިގެންދިއުންކަމަށެވެ.
ތިލަފުށީ އިންޑަސްޓްރިއަލް ޒޯންގެ ގޮތުގައި އަލަށް ހިއްކާފައި ވަނީ ގާތްގަޑަކަށް 22 ހެކްޓަރުގެ ބިމެކެވެ. މިހާރު ތިލަފުށީގައި ސިނާޢީ އެކި މަސައްކަތް ކުރުމަށް 300 އަށް ވުރެ ގިނަ ބިން ދޫކޮށްފައިވެއެވެ.