ޚަބަރު

ފަތުރުވެރިންގެ އަމާޒު މިހަފްތާތެރޭގައި ޙާޞިލުކުރެވޭނެކަމުގެ އުއްމީދު ބޮޑު


  • އަހަރުގެ މިހާތަނަށް 1.77 މިލިއަން ފަތުރުވެރިން އައިސްފައިވޭ

  • މިއަހަރުގެ އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން

  • ދެން ބޭނުންވަނީ 22989 ފަތުރުވެރިން

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ޢަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު، 12.7 އިންސައްތަ އިތުރު ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ޑެއިލީ އަޕްޑޭޓްސް ރިޕޯޓުގައިވާގޮތުން، މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.77 މިލިއަން ފަތުރުވެރިން ވަނީ އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 1.57 މިލިއަން ފަތުރުވެރިންނެވެ.

ސަރުކާރުން މިއަހަރަށް އަމާޒުހިފާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ އައު ރެކޯޑެއް ހެދުމަށެވެ. އަހަރުގެ މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ މިންވަރަށް ބަލާއިރު، މި އަމާޒު ޙާޞިލުކުރުމަށް ދެން ބޭނުންވަނީ 22989 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5823 ފަތުރުވެރިން އާދެއެވެ. އެހެންކަމުން މިއަހަރަށް ސަރުކާރުން ހިފާފައިވާ އަމާޒްު މި ހަފްތާތެރޭގައި ޙާޞިލުވާނެކަމަށް ލަފާކުރެވެއެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ރަޝިއާއިންނެވެ. އަދި ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ އިންޑިއާއިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ޤައުމުތައް:

• ރަޝިއާ – 199314 ފަތުރުވެރިން
• އިންޑިއާ – 197433 ފަތުރުވެރިން
• ޗައިނާ – 182462 ފަތުރުވެރިން
• އިނގިރޭސިވިލާތް – 146695 ފަތުރުވެރިން
• ޖަރުމަނުވިލާތް – 128785 ފަތުރުވެރިން

ރާއްޖޭގައި މިވަގުތު 1135 ތަނެއް ވަނީ ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް ހުޅުވާފައެވެ. އަދި ބެޑް ކެޕޭސިޓީއަކީ 61207 ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.