ޚަބަރު

އެސްއީޒެޑްގައި އިންވެސްޓް ކުރެވޭނެ އެންމެ ދަށް އަގަކީ 100 މިލިއަން


  • ކުރިން މިއަދަދު އޮތީ 150 މިލިއަނުގައި

  • އެސްއީޒެޑްގައި 9 ދާއިރާއަކުން އިންވެސްޓް ކުރެވޭނެ

ސްޕެޝަލް އިކޮނޮމިކް ޒޯން، އެސްއީޒެޑްގައި އިންވެސްޓް ކުރެވޭނެ އެންމެ ދަށް އަގަކީ 100 މިލިއަން ޑޮލަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ. މީގެކުރިން އެސްއީޒެޑްގައި އިންވެސްޓްކުރެވޭނެ އެންމެ ދަށް އަގަކީ 150 މިލިއަން ޑޮލަރެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގައި ޤާއިމްކުރާ ސްޕެޝލް އިކޮނޮމިކް ޒޯންގައި ހިންގިދާނެ އިޤްތިޞާދީ މަސައްކަތްތަކާއި އެއިން ޒޯނެއްގައި ހިމެނޭ ޖުމްލަ އިންވެސްޓްމަންޓްގެ އެންމެ ކުޑަމިންގަނޑު ކަނޑައަޅުއްވައި މިއަދު ނެރުއްވި ގަރާރުގައެވެ.

އެސްއީޒެޑެއްގައި އިންވެސްޓް ކުރުމުގެ ހުއްދަ ދެވޭ އިންވެސްޓުމަންޓުގެ އަގަށް ބަދަލު ގެނައި ނަމަވެސް އެސްއީޒެޑުގައި އިންވެސްޓް ކުރެވޭނެ ވިޔަފާރިތަކަށް މާ ބޮޑެތި ބަދަލުތަކެއް ގެނެސްފައެއް ނުވެއެވެ.

އެސްއީޒެޑުގައި އިންވެސްޓް ކުރެވޭ ދާއިރާތަކަށް އިތުރުކޮށްފައިވަނީ ފުޑް ސެކިއުރިޓީ ނުވަތަ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދާއިރާއެވެ. އަދި ރާއްޖެއިން ތެލާއި ގޭސް ހޯދަން އެސްއީޒެޑަށް އިންވެސްޓް ކުރެވޭ ގޮތަށް އޮތް އޮތުން އުނިކޮށް ހަމައެކަނި ގޭސް ހޯދަން ކުރާ މަސައްކަތްތަކަށް އިންވެސްޓް ކުރެވޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

އެސްއީޒެޑުގައި އިންވެސްޓް ކުރެވޭނެ ވިޔަފާރިތައް:

* އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނިފަކްޗަރިން އެކި ބާވަތުގެ މަސައްކަތް
* ޓްރާންޝިޕްމަންޓް ޕޯޓް، އިންޓަނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއާޕޯޓް ބަލްކް ބްރޭކިން، ބަންކަރިން އަދި ޑޮކިން ސާވިސަސް
* ޔުނިވަސިޓީ، ޓާޝަރީ ހޮސްޕިޓަލް، ސްޕެޝަލިޓީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީތައް
* ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ޕާކް، އައިސީޓީއާ ގުޅޭ ފެސިލިޓީތައް
* އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް، އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް
* އިއާދަކުރަނިވި ހަކަތައިގެ ދާއިރާ
* ރާއްޖޭގައި ނެތް ނެޓްނޮލޮޖީއެއް ރާއްޖެއަށް އާންމުކުރުމަށް ހިންގޭ މަސައްކަތްތައް
* ފުޑް ސެކިއުރިޓީ
* ގޭސް އެކްސްޕްލޮރޭޝަން މަސައްކަތް

2014 ވަނަ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ސްޕެޝަލް އިކޮނޮމިކް ޒޯންގެ ޤާނޫނުގައިވާ ގޮތުން ރާއްޖޭގައި ޤާއިމްކުރާ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގައި ހިންގިދާނެ އިޤްތިސާދީ މަސައްކަތްތަކަކީ ކޮބައިކަމާއި އަދި އެއިން ޒޯނެއްގައި ހިމެނޭ ޖުމްލަ އިންވެސްޓްމަންޓްގެ އެންމެ ކުޑަ މިންގަނޑަކީ ކޮބައިކަން ބޯޑް އޮފް އިންވެސްޓްމަންޓްގެ މަޝްވަރާގެ މަތިން ރައީސުލްޖުމްޙޫރިއްޔާ އަހަރަކު 1 ފަހަރު ކަނޑައަޅުއްވަން ޖެހިވަޑައިގަންނަވައެވެ. އަދި އެގޮތަށް ކަނޑައަޅުއްވާ ކޮންމެ ކަނޑައެޅުއްވުމެއް ކޮންމެ އަހަރެއްގެ ފެބްރުއަރީމަހުގެ ކުރިން މުރާޖަޢާކޮށް ރައީސުލްޖުމްޙޫރިއްޔާގެ ޤަރާރަކުން އަލުން ކަނޑައަޅުއްވާ އިޢުލާން ކުރައްވަން ޖެހޭނެ ކަމަށް ވެސް މި ޤާނޫނުގައި ބަޔާންކުރައްވާފައިވެއެވެ.