ޚަބަރު

ހިމަބިއްސާއި ރުބެއްލާއިން ރައްކާތެރިވުމަށް އަލުން ވެކްސިން ދޭން ފަށައިފި


  • ވެކްސިން ދެނީ ރާއްޖޭގައި އުޅޭ ޢުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށް

  • މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުވާ ފަރާތްތަކަށް ވެކްސިން ދޭނެ

  • މިއަހަރު ރާއްޖެއިން ހިމަބިހީގެ 3 ކޭސް ފެނުނު

  • ވެކްސިންގެ ދެ ޑޯޒް ފުރިހަމަވުމުން ބަލިޖެހުމުގެ ފުރުސަތު %97އަށް ކުޑަކޮށްދޭ

ހިމަބިއްސާއި ރުބެއްލާއިން ރައްކާތެރިވުމަށް ދޭ، އެމްއާރު ވެކްސިން އަލުން ދޭން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ފަށައިފިއެވެ.

މި ވެކްސިން ދޭން ފަށާފައިވަނީ ހިމަބިއްސާއި ރުބެއްލާއިން ރައްކާތެރިކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މީސްލްސް ވެކްސިން ދިނުމުގެ ގައުމީ ކެމްޕެއިންގެ ދަށުންނެއެވެ.

މި ކެމްޕެއިންގެ ދަށުން ރާއްޖޭގައި ދިރިއުޅޭ ޢުމުރުން 18 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުވާ މީހުންނަށް ވެކްސިން ދޭނެއެވެ. އަދި ސިއްޙީ ޚިދުމަތްތެރިންގެ ތެރެއިން މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުވާ ފަރާތްތަކަށްވެސް މިކެމްޕޭންގެ ތެރެއިން ވެކްސިން ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ބިދޭސީންގެ ތެރެއިން މީސްލްސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ނުވާ ފަރާތްތަކަށް ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ ވިދާޅުވެއެވެ.

މާލޭ ސަރަހައްދުގައި އެމްއާރު ވެކްސިން ދޭ ތަންތަނާއި ގަޑިތައް

  • ދަމަނަވެށި - ކޮންމެ އަންގާރަ އަދި ބުދަ ދުވަހެއްގެ ހެނދުނު 8:30އިން 10:00އަށް
  • އޭޑީކޭ ހޮސްޕިޓަލް - ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 15:00އިން 16:00އަށް
  • ހުޅުމާލެ ހޮސްޕިޓަލް - ކޮންމެ އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހެއްގެ ހެނދުނު 9:00އިން 11:00އަށް/ ކޮންމެ ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގެ 13:00އިން 15:00އަށް
  • ޖީޕީ ކުލިނިކު (ހުޅުމާލެ ފޭސް ދޭއް، ހިޔާ 16) - ކޮންމެ އާދިއްތަ އަދި ބުދަ ދުވަހެއްގެ ހެނދުނު 9:30އިން 11:30 އަށް/ ކޮންމެ ހޮނިހިރު ދުވަހެއްގެ 13:00އިން 15:00އަށް

ހިމަބިހީގެ މައިގަނޑު ޢަލާމާތްތަކަކީ ހުން އައުމާއެކު ހަމުގައި ރަތް ބިހިތަކެއް ނެގުމެވެ. މީގެ އިތުރުން ކެއްސުމާއި ނޭފަތުން އަރިދަފުސް ފޭބުމާއި ލޯ ރަތްވުން ފަދަ ޢަލާމާތްތައްވެސް ފެނުން އެކަށީގެންވެއެވެ. އެހެންކަމުން އެއްވެސް މީހެއްގެކިބައިން މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްހީ ޚިދުމަތްތެރިއެއްގެ ލަފާ ހޯއްދެވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަވުމުން ބަލިޖެހުމުގެ ފުރުސަތު %97އަށް ކުޑަކޮށްދެއެވެ. އެހެންކަމުން ވެކްސިން ޖެހުމުން ބަލި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް ދަށްކޮށްދެއެވެ.

މި އަހަރުގެ 2 މީހަކު މީސްލްސްއަށް ޕޮޒިޓިވްވެފައިވެއެވެ. އޭގެތެރެއިން އައްޑޫސިޓީން ފެނުނު ކޭސްގައި ކޮންޓެކްޓުންގެ ގޮތުގައި 65 މީހަކު ދެނެގަނެވިފައިވާ ކަމަށާ، އެއިން އެއްވެސް މީހެއްގެ ގައިން ބަލީގެ އަލާމާތެއް ފެނިފައިނުވާކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި އެމްއާރު ވެކްސިން ތައާރަފު ކޮށްފައިވަނީ 1983ވަނަ އަހަރުއެވެ. ވޭތުވެދިޔަ އަހަރުތަކުގައި މިސްލްސް، ރުބެއްލާ ވެކްސިން ކަވަރޭޖް ވަނީ %95އަށްވުރެ މަތީގައި ހިފެހެއްޓިފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، 2017ވަނަ އަހަރު ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި އަދި 2020ވަނަ އަހަރު ރުބެއްލާ ވެސް ނައްތާލެފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފައެވެ.

ނަމަވެސް 2020ވަނަ އަހަރު ރާއްޖެއިން ޕީސީއާރު ޕޮޒިޓިވް މީސްލްސްގެ ކޭސްތައްފެނުމާއި ގުޅިގެން، އެ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން އެމްއާރު ވެކްސިން ކެމްޕޭނެއް ފެށިއެވެ. ނަމަވެސް ކޯވިޑުގެ ބަލިމަޑުކަމާއެކު މިކެމްޕެއިން މެދުކަނޑާލައިފައިވާއިރު މިއަހަރު ރާއްޖެއިން ހިމަބިހީގެ ކޭސްތަކެއް ފެނުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރު އަޅާފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.