ބައެއް ނޫސްވެރިން މިއަދު ކުރި އިޙްތިޖާޖަކީ އެނޫސްވެރިންގެ ފަރާތުން ހުރި ކަންބޮޑުވުންތަކެއް ރައީސުލްޖުމުހޫރިއްޔާއާ ހަމަޔަށް ގެންދިއުމަށް ކުރި މަސައްކަތެއް ކަމަށާއި، ނަމަވެސް އެއްވުން މަނާ ސަރަޙައްދަކަން ނޫސްވެރިން އެއްވުމަކީ ރަނގަޅުކަމެއް ނޫންކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން މިހެން ވިދާޅުވީ ނޫސްވެރިންގެ މިނިވަންކަމަށް ގޮވާލާ ބައެއް ނޫސްވެރިން މިއަދު ކުރި އިޙްތިޖާޖާއި ގުޅޭ ގޮތުން އެކައުންސިލުގެ ރައީސް މުހައްމަދު އާސިފް ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުންނެވެ. ނޫސްވެރިން މިއަދު ކުރި އިޙްތިޖާޖްގައި ފުލުހުންނާއި ނޫސްވެރިންނާއި ކުރިމަތިލުން ހިނގައި، ޕެޕަރ ސްޕްރޭ ބޭނުންކޮށް، ބައެއް ނޫސްވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަވާފައިވެއެވެ. މީގެތެރޭގައި ގިނައީ ހަވީރަށް ނިސްބަތްވާ ނޫސްވެރިންނެވެ.
މީޑިއާ ކައުންސިލްގެ ރައީސް މުޙައްމަދު އާސިފް ވިދާޅުވީ، މިއަދު ނޫސްވެރިން ކުރި އިޙްތިޖާޖަކީ ސިޔާސީ ނުފޫޒެއް އޮވެގެން އޮވެގެން ކުރި ކަމެއް ނޫންކަމަށެވެ. އާސިފް ވިދާޅުވީ، މިއަދުގެ އިހްތިޖާޖުގައި 10 ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، އެމީހުންގެ ހިމާޔަތުގައި މީޑިއާ ކައުންސިލަށް ކުރެވެން ހުރި މަސައްކަތް މިހާރުވެސް ކުރައްވަމުންގެންދަވާކަމަށެވެ.
މިއަދު ނޫސްވެރިން ކުރި މުޒާހަރާއަކީ، ސިޔާސީ ނުފޫޒެއް އޮވެގެން އޮވެގެން ކުރި ކަމެއް ނޫން ކަމެއްކަމަށް މިޑިއާ ކައުންސިލުން ވިދާޅުވިނަމަވެސް ހޯމް މިނިސްޓަރ ވަނީ މިކަމަކީ ސިޔާސީ ފަރާތެއް ފަހަތުގައި އޮވެގެން ހިންގާފައިވާ ސިޔާސީ ޙަރަކާތެއްކަމަށް ތުހުމަތުކުރައްވާފައެވެ. ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ މިއަދު ނޫސްވެރިންގެ ނަމުގައި ބަޔަކު މުޒާހަރާކުރީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ނެތިގެން ނޫންކަމަށެވެ. އެއީ ސިޔާސީ ބޭނުމެއްގައި އެމްޑީޕީން ފަހަތުގައި އޮވެ ކުރި ކަމެއްކަމަށް ޢުމަރު ނަޞީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރިމަތީގައި މިއަދު ބައެއް ނޫސްވެރިން ކުރި މުޒާހަރާއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ބައެއް ނޫސްވެރިން ގެންދަވާފައިވާތީ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެޕާޓީގެ ނާއިބު ރައީސް މުޙައްމަދު ޝިފާޒް ވިދާޅުވީ، ނޫސްވެރިންނަށް ގެއްލިފައިވާ ޙައްގުތައް ހޯދައިދިނުމަށް ބައިނަލްއަޤްވާމީ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ.
ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރައްވަން އަދި ނޫސްވެރިންގެ މަސައްކަތަށް ހުރައެޅުއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާވެސް އަދި ސަރުކާރުގެ އެކި ފެންވަރުގެ މަސްއޫލްވެރިން ވަނީ އެކަން ދޮގުކުރައްވާފައެވެ.