ޚަބަރު

ސްޓެލްކޯގެ ބޭނުމަށް ބަންދުކުރި ދޮންއަދަރާދަހިނގުން ހުޅުވާލަނީ


  • ރޯދަމަހުގެ ކުރިން ދޮންއަދަރާދަހިނގުން ހުޅުވާލާނެ

  • މީގެ ސަބަބުން އެ ސަރަހައްދުގެ ޓްރެފިކަށް ބޮޑު ލުއެއް ލިބިގެންދާނެ

  • އެ ސަރަހައްދުގައި ހުރި ސްޓެލްކޯގެ ސްވިޗް ގިއަރތައް ނެގުމުގެ މަސައްކަތް މި ހަފްތާގައި ފަށާނެ

ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޑެޓް (ސްޓެލްކޯ)އާ އިންވެގެން އޮންނަ ދޮންއަދަރާހިނގުން އަންނަ ރޯދަމަސް އައުމުގެ ކުރިން ޢާންމުކޮށް ހުޅުމާލަން އެކުންފުނިން ނިންމައިފިއެވެ.

މިހާރު ބަންދުކޮށްފައި އޮތް މިމަގަކީ ސްޓެލްކޯގެ ބޭނުމަށް ބަންދުކޮށްފައި އޮންނަތާ އެތައް އަހަރެއްވީ މަގެކެވެ. މަގު އަލުން ހުޅުވާލަން މިހާރު ނިންމަވާފައިވާކަން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވަނީ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ހާމަކުރައްވާފައެވެ.

ހުސައިން ފަހުމީ ވިދާޅުވީ، ސްޓެލްކޯއަކީ ރައްޔިތުންނަށް ޚިދުމަތްކުރަން ނިކުމެ އޮތް ކުންފުންޏެއްކަމަށާ އެހެންކަމުން ކުންފުނީގެ އެންމެމުހިންމު ޒިންމާއަކަށް ވާނީ ރައްޔިތުންނަށް ދަތިވާގޮތައް ހުރި ކަންތައްތައް ބަލައި ދުވަހުންދުވަހައް ހައްލުކޮށްދިނުންކަމަށެވެ. އެއީ ކަރަންޓު ދިނުން ކަމުގައިވީނަމަވެސް އަދި މަގުމަތީގައި ހިނގާއިރު ފޯމަރެއް ހުރެގެން އުނދަގޫވުން ކަމުގައިވީނަމަވެސް އަދި ކޭބަލެއް އޮވެގެން ރައްޔިތުންނަށް އުނދަގޫވިނަމަވެސް އެކަން ހައްލު ކުރެއްވުމަށް ކުންފުނިން ނުހަނު އިސްކަން ދެއްވާނެކަމަށެވެ.

ސްޓެލްކޯއަށް ބިމުގެ ދަތިކަން ހުރިގޮތުން ކުރިން ވަނީ ސްޓެލްކޯއާއި އަދި ގާކޮއްޓާއި އިންވެގެން އޮތް ދޮންއަދަރާދަމަގު ބަންދުކޮށްފައެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، މި މަގު ހުޅުވާލުމުގެ މަސައްކަތް ކުންފުނިން މިހާރު ކުރަމުންދާކަމަށެވެ. މި ހަފްތާ ތެރޭގައި އެ މަސައްކަތް ފަށައި ރޯދަމަސް އައުމުކު ކުރިން އެ މަގު ހުޅުވާލައްވާނެކަމަށް ފަހުމީ ވިދާޅުވިއެވެ.

"މި މަގުގައި މިވަގުތު އެބައިން ސްވިޗް ގިއަރއެއް 40 ފޫޓުގެ. އެ ސްވިޗް ގިއަރ މިއިންނަނީ އައިޖީއެމްއެޗްއަށް ކަރަންޓުވެސް ދީފައި. އޭގެއިތުރަށް ޕްރީފެބް އިންޖީނުގެއެއްވެސް އެބައިން. އެހެންވީމަ އިންޖީނުގެ ނެގުމުގެ މަސައްކަތާއި އަދި ސްވިޗް ގިއަރ ނެގުމުގެ މަސައްކަތް މިހާރު ޕްލޭންކޮށްގެން މި ގެންދަނީ. މިވަގުތު އަޅުގަނޑުމެން އެތަން ޑިޒައިންކޮށް އެތަނުން ނަގަންޖެހޭ އެއްޗެހިތައް ނަގައި އަދި މަސައްކަތައް ޕްލޭންވެފައި އޮތީ. އިރާދަކުރެއްވިއްޔާ މި ހަފްތާ ތެރޭގައި މަސައްކަތް ފަށައިގަންނާނަން. އިރާދަކުރެއްވިއްޔާ ރޯދަމަސް އައުމުގެ ކުރިން މަގު ހުޅުވާލެވޭތޯ ބަލާނަން. ރޯދައަށް އެ ސަރަހައްދުގެ ޓްރެފިކަށް ލުއެއް ގެނެސްދޭނަން." ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ، މާވެޔޮމަގުގައި އާންމުންނަށް އުނދަގޫވާގޮތައް ހުރި ޓްރާންސްފޯމަރ ނެގުމުގެ މަސައްކަތްވެސް މިހާރު ކުންފުނިން ކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ. މި ޓްރާންސްފޯމަރ އެތަނުގައި ހުންނަތާ 7 އަހަރު ވެފައިވާކަމަށާއި އެހެންކަމުން މަގާމާއި ހަވާލުވުމަށްފަހު އެންމެ މުހިންމު އިސްކަމެއް ދެއްވީ މި ޓްރާންސްފޯމަރ ނެގުމުގެ މަސައްކަތް ކުރުމަށްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.