ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމާއި، މާލޭގެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ 3 މެންބަރުންގެ މަޤާމަށް ވާދަކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވަނީ މޭޔަރުކަމާއި، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރުގެ މަޤާމެވެ. ހެންވޭރު ދެކުނު ދާއިރާއަކީ އަންހެނުންނަށް ޚާއްސަ ގޮނޑިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ މި މަގާމުތަކަށް އެ ކޯލިޝަނުން ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ނޮވެންބަރު 30 އިން ފެށިގެން ޑިސެންބަރު 4 ވާ ހޯމަ ދުވަހުގެ 15:00 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.
އެ ކޯލިޝަނުން މި މަޤާމުތަކަށް ވާދަކުރާ މީހުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ މިމަހުގެ 9 ވަނަ ދުވަހުކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ މެންބަރުންގެ ތެރެއިން މާލޭ ސިޓީގެ މޭޔަރުކަމާއި، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ކަމަށް ޝައުޤުވެރިވާ މެންބަރުން އެކަމަށް އެދި ފޯމު ހުށަހެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ފޯމު ޕީއެންސީ އޮފީސް ނުވަތަ ޕީއެންސީގެ އީމެއިލް [email protected] އަށް ފޮނުވޭނެއެވެ. މި ޕްރައިމަރީގައި ވޯޓުލެވޭނީ ޑިސެންބަރު 1 ގެ ނިޔަލަށް އެކޯލިޝަންގެ ދެޕާޓީން ކުރެ ޕާޓީއެއްގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ މެންބަރުންނަށްކަމަށް ވަނީ ބުނެފައެވެ.
މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.