ޚަބަރު

ވީއައިއޭގެ އެއިރޮނޯޓިކަލް މެސެޖް ހެންޑްލިންގް ސިސްޓަމް އެންމެ ޒަމާނީ ސިސްޓަމަކަށް


  • މި ސިސްޓަމުން މިހާރު ވަނީ ހިދުމަތްދޭން ފަށާފައި

  • މިހާރު ކުރަނީ މެނުއަލްކޮށް، ދެން އޮޓޯމޭޓްކޮށް ސިސްޓަމުން ކުރެވޭނެ

  • މިއީ ހިދުމަތް ދިނުމަށް ލިބުނު ބޮޑު ފަސޭހައެއް

ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީ.އައި.އޭ ގައި ބޭނުންކުރާ އެއިރޮނޯޓިކަލް މެސެޖް ހެންޑްލިންގް ސިސްޓަމް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ޚިދުމަތްދޭން ފަށައިފިއެވެ. މިއަހަރު ކުރީކޮޅުގައި ފެށި މި މަޝްރޫޢުގެ މަސައްކަތް ނިމުމާއިއެކު ވީ.އައި.އޭ ގައި މިހާރު ގާއިމް ކުރެވިފައިވަނީ މީގެ އެންމެ ފަހުގެ ސިސްޓަމެއްކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

ވީ.އައި.އޭ ގައި ބޭނުންކުރާ އެއިރޮނޯޓިކަލް މެސެޖް ހެންޑްލިންގް ސިސްޓަމަކީ ބައިނަލް އަޤްވާމީ އެއަރ ނެވިގޭޝަން ޚިދުމަތްދޭ ފަރާތްތަކާއި، އެއަރލައިން އޮޕަރޭޓަރުންނާއި، އަދި ފްލައިޓް ކުރޫންނާއި ދެމެދު ވައިގެ ދަތުރުފަތުރުގެ ސަލާމަތާ ރައްކާ ތެރި ކަމަށް ބޭނުންވާ މައުލޫމާތު ޙިއްސާ ކުރުމަށް ބޭނުންކުރާ ހާއްސަ ޕްލެޓްފޯމެއްކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ. މައިގަނޑު ގޮތެއްގައި މިޕްލެޓްފޯމްގައި ރައްކާތެރިކަމާއި އެކު ހިއްސާ ކުރެވޭ މުހިއްމު މައުލޫމާތުތަކުގެ ތެރޭގައި ފްލައިޓް ޕްލޭނާއި، ނޯޓޭމާއި، މޫސުމާއި ބެހޭ މައުލޫމާތާއި ވައިގެ ދަތުރު ފަތުރު ގެ ސަލާމަތާއި ރައްކާތެރި ކަމަށް ބޭނުންވާ އެހެނިހެން މައުލޫމާތު ހިމެނެއެވެ.

މި ސިސްޓަމުން ދަތުރުތަކަށް ބޭނުންވާ މައުލޫމާތު ޕައިލެޓުންނަށް ފަސޭހައިން ފޯރުކޮށް ދިނުމާއި، މޫސުމާ ބެހޭ މައުލޫމާތު ހިމެނެއެވެ. މި ޕްލެޓްފޯމް ގާއިމުވެގެން ދިއުމާއިއެކު މިހާރު މެނުއަލްކޮށް ކުރެވޭ ވަކިވަކި މަސައްކަތްތައް ސިސްޓަމް ތެރެއިން އޮޓޮމޭޓްވެ، އިންޓަރނެޓް މެދުވެރިކޮށް އެއަރލައިންތަކުން ފޮނުވާ ފްލްއިޓް ޕްލޭން އެޕްރޫވްކޮށް ފައިލް ކުރުމުގެ މަސައްކަތް ފަސޭހަކަމާއި ކަމާއިއެކު ކުރެވޭނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

މި ސިސްޓަމަކީ ދުނިޔޭގެ އެކި ޤައުމުތަކަށް އޭވިއޭޝަން ސިސްޓަމްސް އަދި ސޮފްޓްވެއަރގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އިޓަލީގެ ކުންފުންޏެއް ކަމައްވާ އައި.ޑީ.އެސް އެއަރނެވް އާއި ހަވާލުކުރެވިގެން ކުރިއަށްގެންދެވުނު ބައި މިލިއަން ޑޮލަރުގެ އަގުބޮޑު މަޝްރޫޢުއެކެވެ. އައި.ޑީ.އެސް އެއަރނެވް އިން ވަނީ، މިސިސްޓަމް ވީ.އައި.އޭގައި ގާއިމުކުރުމުގެ އިތުރުން އެއިރޮނޯޓިކަލް އިންފޮމޭޝަން ސިސްޓަމެޓިކްކޮށް މެޏޭޖްކުރަން ބޭނުންވާނެ ޕްލޭނެއް ރާވާ އެކުލަވާލުމަށް އެހީތެރިވެދީފައެވެ. އަދި މި ސިސްޓަމް ބޭނުންކުރާނެ ގޮތުގެ ޚާއްސަ ތަމްރީންވެސް ވަނީ ކަމާއި ބެހޭ މުވައްޒަފުންނަށް ފޯރުކޮށްދީފައިވާކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

މިއީ ވީ.އައި.އޭ އިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް ހުރިހާ ޚިދުމަތެއްގައި އެންމެ މަތީ ފެންވަރުގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއްގެ ގޮތުގައި އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

މި ޚިދުމަތް ފޯރުކޮށްދެމުންދާނީ މިހާރުވެސް ރާއްޖޭގެ ވައިގެ ސަރަޚައްދުގައި އެއަރ ނެވިގޭޝަންގެ ޙިދުމަތް ދެމުންގެންދާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ސަބްސިޑަރީއެއްކަމަށްވާ މޯލްޑިވްސް ނެޝަނަލް އެއަރޓްރެފިކް ސަރވިސަސް (އެމްނެޓްސް) އިންނެވެ.