ޚަބަރު

އާރުޓީއެލް އެޕްލިކޭޝަނަށް ޑިޖިޓަލް ވޮލެޓެއް ތައާރަފްކޮށްފި


  • މިވޮލެޓަށް ކުރީބައިގައި ފައިސާ ޖަމާކޮށްފައި ބެހެއްޓޭނެ

  • މީގެ ސަބަބުން ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަވާނެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ފޯރުކޮށްދެމުން އަންނަ އާރްޓީއެލް ފެރީ އާއި ބަހުގެ ޚިދުމަތް ފަސޭހަކަމާއެކު ހޯދުމަށް ޚާއްސަކޮށްފައިވާ އާރުޓީއެލް އެޕްލިކޭޝަނަށް ޑިޖިޓަލް ވޮލެޓެއް ތައާރަފުކޮށްފިއެވެ.

އެމްޓީސީސީން ބުނީ އެޕްލިކޭޝަނަށް އިތުރުކުރި މިވޮލެޓަށް ކުރީބައިގައި ފައިސާ ޖަމާކޮށްފައި ބެހެއްޓޭނެކަމަށެވެ. މިވޮލެޓަށް ފައިސާ ޖަމާކުރެވޭނީ އާރުޓީއެލް އެޕްލިކޭޝަނުގައި އީމެއިލް އާއި ފޯނު ނަންބަރު ވެރިފައިކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

ވެރިފިކޭޝަން ޕްރޮސެސް ފުރިހަމަ ކުރުމުން އެޕްލިކޭޝަންގެ ޕްރޮފައިލްގައި އީމެއިލް އާއި ފޯން ނަންބަރާ ދިމާލުގައި ފެހި ކުލައިގެ ހެޔޮ ފާހަގައެއް ފެންނަން ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނީ އާރުޓީއެލް އެޕްލިކޭޝަނަށް އިތުރުކުރި މި ފީޗާގެ ސަބަބުން ޚިދުމަތް ހޯދާ ފަރާތްތަކަށް މިހާރަށް ވުރެ ލުއިފަސޭހަތައް ލިބިގެންދާނެ ކަމަށެވެ.

އެމްޓީސީސީން ވަނީ މިދިޔަ އޮކްޓޯބަރު މަހު ފެރީ އާއި ބަހަށް ކާޑުން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އަދި ވިސާ ކާޑު އަދި މާސްޓާ ކާޑުގެ އިތުރުން އާރްޓީއެލް ޓްރެވަލް އެޕް މެދުވެރިކޮށް ވެސް ފެރީ ޓިކެޓް ނެގޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޚިދުމަތަކީ ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް އަދި އެއްތަނުން އަނެއްތަނަށް ހެޔޮ އަގެއްގައި ފަސޭހަކަމާއެކު، ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ފެށި ޚިދުމަތެކެވެ. މިޚިދުމަތަކީ ރައްޔިތުން ބަލައިގެންފައިވާ މުހިންމު ޚިދުމަތަކަށް ވެފައިވާ ކަމަށް އެމް.ޓީ.ސީ.ސީން ފާހަގަކުރެއެވެ.