ޚަބަރު

ސިފައިންގެ އަހަރީ ބަޑި މުބާރާތް ނިންމާލައިފި


އަލްމަރުޙޫމް މޭޖަރ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބޭއްވި ސިފައިންގެ އަހަރީ ބަޑި މުބާރާތް ނިންމާލައިފިއެވެ.

މި މުބާރާތް ނިންމުމުގެ ގޮތުން ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރެވެ.

އިންޑިވިޖުއަލް އަދި ޓީމް އިވެންޓްތައް ހިމަނައިގެން، މިމަހުގެ 20 އިން ފެށިގެން ގިރިފުށީގައި ކުރިއަށްގެންދިޔަ، ބަޑި މުބާރާތުގެ އިންޑިވިޖުއަލް ކެޓަގަރީން އެންމެ މޮޅު ބަޑިޖެހުންތެރިއަކަށް ހޮވިފައިވަނީ ސްޓާފް ސާޖަންޓް މުޙައްމަދު ޢަލީއެވެ. މި މުބާރާތުގެ ޓީމް އިވެންޓްތައް ކުރިއަށް ގެންގޮސްފައިވަނީ އެމްއެންޑީއެފްގެ ޔުނިޓްތަކުގެ މެދުގައި ދެ ގިންތިއަކަށް ބަހާލައިގެންނެވެ.

img:http://s1.psmnews.mv/images/660x400/14593436204569.jpg|ސިފައިންގެ އަހަރީ ބަޑި މުބާރާތް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމް.އެން.ޑީ.އެފް

އެގޮތުން ފުރަތަމަ ގިންތިން އެއްވަނަ ޓީމުގެ މަޤާމު ހާސިލްކޮށްފައިވަނީ، އެމްއެންޑީއެފް މާލޭ އޭރިއާ، ހުޅުލޭ ޕޯސްޓްގެ ސިފައިންނެވެ.  އަދި ދެވަނަ ގިންތިން އެއްވަނަ ޓީމުގެ މަޤާމު ހާސިލްކުރީ އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް، އީ.އެމް.އީއެވެ. މި މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ތައްޓާއި، މެޑަލް އަދި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާރ ޖެނެރަލް އަޙްމަދު ޝާހިދެވެ.

img:http://s3.psmnews.mv/images/660x400/14593436333479.jpg|ސިފައިންގެ އަހަރީ ބަޑި މުބާރާތް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމް.އެން.ޑީ.އެފް

ސިފައިންގެ އަހަރީ ބަޑި މުބާރާތަކީ މޭޖަރ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ކުރިއަށް ގެންދާ މުބާރާތެކެވެ. އަލްމަރްޙޫމް މޭޖަރ އިނގިރޭސި ޢުމަރު މަނިކަކީ ސިފައިންގެ ޚިދުމަތުގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ، އިޚުލާޞްތެރިކަމާ ވަފާތެރިކަމާއެކު ސިފައިންގެ ބަޑިގުދަން ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތްކުރައްވާފައިވާ އޮފިސަރެކެވެ.