ޚަބަރު

އެމްއޭސީއެލްއަށް ދިގު މުއްދަތަކަށް ޚިދުމަތްކުރި 139 މުވައްޒަފެއްގެ އަގުވަޒަންކޮށްފި


  • 40 އަހަރާއި 20 އަހަރު ހިދުމަތްކުރި މުވައްޒަފުންގެ އަގު ވަޒަންކުރި

  • ރިޓަޔާރ ކުރައްވާފައިވާ 11 މުވައްޒަފެއްގެ އަގު ވަޒަންކުރި

  • 4000އާއި ގާތްކުރާ ޢަދަދަކަށް މުވައްޒަފުން އެމްއޭސީއެލްގައި މަސައްކަތްކުރޭ

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދީފައިވާ 139 މުވައްޒަފެއްގެ އަގުވަޒަންކޮށްފިއެވެ. އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޠާހާގެ އިތުރުން ކުންފުނީގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ޖުމްލަ 139 މުވައްޒަފަކަށް ވަނީ އެ މުވައްޒަފުން ކުންފުންޏަށް ކޮށްދެއްވަމުންގެންދަވާ މަސައްކަތުގެ އަގުވަޒަންކޮށް ހަދާނީ ފިލާ ހަވާލުކޮށްފައެވެ. އެއީ
* 20 އަހަރު ޚިދުމަތް ކޮށްދެއްވާފައިވާ 24 މުވައްޒަފުން
* 25 އަހަރު ޚިދުމަތް ކޮށްދެއްވާފައިވާ 69 މުވައްޒަފުން
* 30 އަހަރު ޚިދުމަތްކޮށްދެއްވާފައިވާ 35 މުވައްޒަފުން
* 35 އަހަރު ޚިދުމަތް ކޮށްދެއްވާފައިވާ 6 މުވައްޒަފުން
* 40 އަހަރު ޚިދުމަތް ކޮށްދެއްވާފައިވާ 5 މުވައްޒަފުން

މީގެ އިތުރުން، ކުންފުނީގެ މަސައްކަތުން ރިޓަޔާރ ކުރައްވާފައިވާ 11 މުވައްޒަފަކަށްވެސް އެމުވައްޒަފުން ކޮށްދެއްވި ޚިދުމަތްތައް ފާހަގަކޮށް ހަނދާނި ފިލާ ހަވާލުކޮށްފައިވެއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެމް.އޭ.ސީ.އެލް މިވަގުތު ހިންގެވުމާއި ހަވާލުވެ ހުންނެވި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ޠާހާ ވިދާޅުވީ ކުންފުޏެއްގައި ދިގު މުއްދަތެއް މުވައްޒަފުން ހޭދަކުރާނީ އެކުންފުޏަކީ މަސައްކަތް ކުރުމަށް އެކަށިގެންވާ ތަނަކަށް ވުމުންކަމަށެވެ. އެމް.އޭ.ސީ.އެލް އަކީ މުވައްޒަފުންގެ އަގުވަޒަންކުރާ، މުވައްޒަފުންނަށް ރަނގަޅު މާހައުލެއް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރާ ކުންފުންޏެއްކަމަށް ޠާހާ ވިދާޅުވިއެވެ.

"މި ޒަމާނުގައި އެއްތަނެއްގައި 5 އަހަރު ޚިދުމަތް ކުރުމަކީ ދިގުމުއްދަތުކަމަށް އަޅުގަނޑުމެން ދެކެން. މިއަދުގެ ޖީލަކީ ތަފާތު މާހައުލުތަކުގައި މަސައްކަތްކޮށް ގިނަ ތަޖުރިބާތަކެއް އަވަހަށް ހޯދަންބޭނުންވާ ޖީލެއް. އެއީ ހަގީގަތުގައި ވަރަށް ރަނގަޅުވެސް ކަމެއް. އެހެން ނަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ޚިދުމަތުގެ މުއްދަތު ކުރުވިޔަސް އަދި ދިގުވިޔަސް، މަސައްކަތަށް ޙާޟިރުވެ ހޭދަވާ ވަގުތަކީ ތިމާގެ %100 ދީގެން މަސައްކަތްކުރާ ވަގުތުކަމުގަ ހައްދަވާށޭ. ކަމަށް ކަމޭހިތައިގެން ފަރުވާތެރިކަމާއެކު މަސައްކަތް ކުރުމަކީ މީހާ ވަރަށް ފަސޭހައިން ކުރިއަރައިދާނެ ކަމެއް." ތާހާ ވިދާޅުވިއެވެ.

ރާއްޖޭގެ މައި އެއަރޕޯޓަކީ ދިވެހިން ފަޚުރުވެރިވާ އެއަރޕޯޓެއްކަމަށް ހެދުމަށް މަސައްކަތްކޮށްވުމަށާއި، އެއަރޕޯޓަށް އަންނަމުންދާ ޒަމާނީ ބަދަލުގައި ހިއްސާވުމަކީ ކޮންމެ މުވައްޒަފެއްގެ ވެސް އުފަލެއްކަމުގައި ހެއްދެވުމަށް ޠާހާ އެދިވަޑައިގެންނެވިއެވެ. އަދި ވެލާނާ އެއަރޕޯޓަކީ ސަރަޙައްދީ ފެންވަރުގެ އެއަރޕޯޓަކަށް ހެދުމަށް ގިނަ ދުވަހު ކުންފުނީގައި މަސައްކަތް ކޮށްދެއްވާފައިވާ މުވައްޒަފުންގެ ތަޖުރިބާ މުހިންމުކަންވެސް ތާހާ ފާހަގަކުރެއްވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގަމުން އަންނަ އެމް.އޭ.ސީ.އެލްގައި 4000 އާއި ގާތްކުރާ އަދަދަކަށް މުވައްޒަފުން މަސައްކަތް ކުރަމުން ދެއެވެ.