ޚަބަރު

މިތިބީ ރައީސާއެކު ފިސާރި ސާބިތުވެ، ފަސް އެނބުރި ބެލުމެއްނެތް ދާނީ ކުރިއަށް: ޢަބްދުއްރަހީމް


  • ޕީޕީއެމް ޕީއެންސީ އަކީ "އެންމެ ފުރަތަމަ ޤައުމު" އިސްކުރާ ދެ ޕާޓީކަމަށް ވިދާޅުވި

  • އައު ސަރުކާރުގެ ވެގެންދާނީ ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދޭނެ ސަރުކާރަކަށް

  • ކޮންމެ މީހަކަށްވުރެއް މި ޤައުމު މާ ބޮޑުވެފައި މުހިންމުކަމަށް ވިދާޅުވި

ޕީޕީއެމް ޕީއެންސީއިން ތިބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ސާބިތުވެކަމަށާއި، ފަސް އެނބުރި ބެލުމެއްނެތި ދާނީ ކުރިއަށްކަމަށް ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް، ޕީ.އެން.ސީގެ ޗެއާޕާސަން ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަހީމް މިފަދައިން ވިދާޅުވީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ޕީޕީއެމުން ވަކިވެވަޑައިގެން އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ދަނޑިވަޅެއްގައެވެ.

އެކްސްގައި ޢަބްދުއްރަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީ.ޕީ.އެމް ޕީ.އެން.ސީއަކީ އެންމެ ފުރަތަމަ ޤައުމު އިސްކުރާ ދެ ޕާޓީކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް ރައީސް ޑރ. މުޢިއްޒާއެކު ސާބިތުވެ ތިބިކަމަށެވެ.

ޢަބްދުއްރަހީމް ވިދާޅުވީ، ޑރ. މުޢިއްޒުގެ ސަރުކާރު ވެގެންދާނީ ދިވެހި ޤައުމާއި ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދޭނެ ސަރުކާރަކަށްކަމަށެވެ.

"މާތްﷲގެ ވާގިފުޅާއެކު ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ވެގެންދާނީ ދިވެހި ގައުމީ ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދޭނެ ސަރުކާރަކަށް. ފަސްއެނބުރި ބެލުމެއް ނެތި އަޅުގަނޑުމެން ދާނީ ކުރިއަށް." ޢަބްދުއްރަހީމްގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ޢަބްދުއްރަހީމް ވިދާޅުވީ، ޤައުމާއި ދިވެހި ރައްޔިތުންނަށް އޮތް އެންމެ ރަނގަޅުގޮތަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރާއެކު ސާބިތުވެ ތިބުންކަމަށެވެ. އަދި ކޮންމެ މީހަކަށްވުރެ މި ޤައުމު މާ ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ.

ޢަބްދުއްރަހީމް ޢަބްދުﷲ އަކީ ޕީ.ޕީ.އެމް ޕީ.އެން.ސީއަށް ނިމިދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިނުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އަދި އެމަނިކުފާނު ރައީސްކަމުގެ ހުވާކުރެއްވުމާއި ހަމައަށް އިންތިޤާލީ މަރުޙަލާގައި ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމުވެސް ފުރުއްވާފައިވަނީ ޢަބްދުއްރަހީމެވެ.