އަންނަ އަހަރުގެ ބަޖެޓްގައި ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމާއިއެކު ހޯދުމަށް ހިމަނާފައިވާ 500 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް މާލީ ވަޒީރު މުޙައްމަދު ޝަފީގް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާލީ ވަޒީރު ވަނީ އަންނަ އަހަރުގެ ބަޖެޓަށް އަލިއަޅުވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. ވަޒީރު ވިދާޅުވީ، 2024 ވަނަ އަހަރު އިޤްތިސާދު 5.5 އިންސައްތައިގައި ކުރިއަރާނެކަމަށް ލަފާކުރެވޭކަމަށެވެ. އަންނަ އަހަރުގެ ބަޖެޓްގައި ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި 33.5 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. ދައުލަތުގެ ދަރަނި އިތުރުވެފައިވާތީ ޚަރަދުތައް ކުޑަކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ، އަންނަ އަހަރު ބަޖެޓްގެ ފައިނޭންސިން ޕްލޭނަށް ބަލާއިރު ޑެފިސިޓާއި ދަރަނި އަދާކުރުމަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު ޓްރާންސްފަރ ހިމަނައިގެން ބަޖެޓް ފައިނޭންސް ކުރުމަށް 17.2 ބިލިއަން ރުފިޔާ ހޯދަންޖެހޭކަމަށެވެ. މީގެތެރެއިން 12.4 ބިލިއަން ހޯދުމަށް ރޭވިފައިވަނީ ބޭރުގެ ފަރާތްތަކުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެތެރޭގައި މަޝްރޫއުތައް މިހާރު ސޮއިކޮށްފައިވާ ލޯނުތަކުން ޚަރަދުވާނެކަމަށް ބެލެވޭ 4.7 ބިލިއަން ރުފިޔާ ހިމެނޭކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
"ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންނާއި ރަހުމަތްތެރި ދައުލަތްތަކުން ހޯދުމަށް ރޭވިފައިވާ 450 މިލިއަން އެމެރިކާ ޑޮލަރު އަދި ގްރީން ނުވަތަ ބްލޫ ބޮންޑެއް ވިއްކައިގެން 50 މިލިއަން ޑޮލަރު މީގެއިތުރުން އެތެރޭގެ ފަރާތްތަކުން 4.9 ބިލިއަން ރުފިޔާ ހޯދުމަށް ރޭވިފައިވޭ. މީގެތެރޭގައި ބޭރުގެ ފަރާތްތަކުން ހޯދުމަށް ބަޖެޓްގައި ހިމަނާފައިވާ 500 މިލިއަން ޑޮލަރު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން މިވަނީ ފަށާފައި. މިގޮތުން އެކުވެރި އަރަބި އިސްލާމިކް ޤައުމުތަކުންނާއި ރަހުމަތްތެރި ޤައުމުތަކާއިއެކު މިކަމުގައި މަޝްވަރާފެށި އެދެވޭ ގޮތެއްގައި ދަނީ ކުރިއަށް. އަދި ފައިނޭންސް ހޯދަން ބަޖެޓްގައި ހިމަނާފައިވާ މިންވަރަށް ނުލިބިއްޖެނަމަ ދެން ކަން ކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިދަނީ ކުރަމުން." މާލީ ވަޒީރު މުޙައްމަދު ޝަފީގް ވިދާޅުވިއެވެ.
އަންނަ އަހަރަށް ފާސްކޮށްފައިވަނީ 49.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މާލީ ވަޒީރު ވިދާޅުވީ، ޚަރަދު ކުޑަކުރުމަށް މައިގަނޑު 3 ކަމެއް ބަޖެޓްގައި ހިމަނާފައިވާކަމަށެވެ. އެއީ އިންޑައިރެކްޓް ބައެއް ސަބްސިޑީތައް ސަރުކާރުގެ އެހީތެރިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ޚާއްސަކުރެވޭގޮތަށް ޑައިރެކްޓް ސަބްސިޑީއަކަށް ބަދަލުކުރުރުމާއި، އާސަންދައިގެ ނިޒާމު ހަރުދަނާކޮށް މުރާޖާކުރުމުގެ އިތުރުން ސަރުކާރުގެ ވެލްފެއަރގެ ގޮތުގައި ޚަރަދުކުރާގޮތް ހަރުދަނާކުރުމެވެ.
އިޤްތިޞާދު ކުރިއެރުވުމަށް ކުރާނެ ކަންތައްތަކުގެ ތެރޭގައި އަންނަ އަހަރު އެންމެ މުހިންމު އިސްކަމެއް ދެއްވައިގެން ކުރާނެކަމަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޓާމިނަލް ނިންމުންކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. މިއާއިއެކު ފަތުރުވެރިން އަންނަ މިންވަރު ވަރަށް ބޮޑަށް އިތުރުވެގެންދާނެއެވެ.
ތަރައްޤީގެ މަޝްރޫއުތަކަށް ބަލާއިރު މިހާރު ފަށާފައިވާ ހުރިހާ މަޝްރޫއެއް ހުއްޓާނުލައި ކުރިއަށްގެންދާނެކަމުގެ ޔަޤީންކަން މާލީ ވަޒީރު ވަނީ ދެއްވާފައެވެ. އަންނަ އަހަރު ޕީއެސްއައިޕީގެ 458 މަޝްރޫއަކަށް 1.5 ބިލިއަން ރުފިޔާ ވަނީ ބަޖެޓްކޮށްފައެވެ.