ޚަބަރު

ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނަގާފައި ބަހައްޓާގޮތަށް ރައީސް ނިންމަވައިފި


  • މިހާރު ދިދަ ނަގަމުން އަންނަނީ ހެނދުނު 06:00އިން އިރުއޮއްސި 06:00

  • ރައީސްގެ ނިންމެވުމާއެކު، ދެން މުއައްސަސާތަކުން ދިދަ ތިރިނުކުރާނެ

  • މި ނިމެވުމަށް މިއަދުން ފަށައިގެން ޢަމަލު ކުރާނެ

މިއަދުން ފެށިގެން ސަރުކާރުގެ މުއައްސަސާތަކުގައި ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބަހައްޓާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ހަމަޖެއްސެވިކަން ހާމަކުރެއްވީ ރައިސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބެހެއްޓުމާ ބެހޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގެން ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރުގައިވެސް އަލިއަޅުއްވާލެއްވިއެވެ.

މިގޮތުން، ފަޚުރުވެރި ދިވެހި ދިދައަކީ، ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ކޮންމެ ތަނެއްގައި ތިރިކުރުމެއްނެތި ރެޔާއިދުވާލު 24 ގަޑިއިރު ޝަރަފާއި ޢިއްޒަތާއެކު ވިހުރި ވިހުރި ހުންނާނެ، އެންމެ އިއްޒަތްތެރި ނިޝާންގެ ގޮތުގައި އެމަނިކުފާނު ދިވެހި ޤައުމީ ދިދަ ސިފަކުރައްވާފައިވެއެވެ. އަދި ދިވެހި ދިދަޔަށް ދެއްވާ އިޙްތިރާމާއި ޤަދަރު ވަނީ އާކުރައްވާފައެވެ.


"އޭ ލޮބުވެތި ޝަރަފުވެރި ދިވެހި ދިދަޔާ! މިއަދު މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ! މީގެ ފަހުން ތިޔަ ފަޚުރުވެރި ދިވެހި ދިދައަކީ، ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ތިބާހުރި ކޮންމެ ތަނެއްގައި ތިރިކުރުމެއްނެތި ރެޔާއިދުވާލު 24 ގަޑިއިރު ޝަރަފާއި ޢިއްޒަތާއެކު ވިހުރިވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން!" ރައީސުލްޖުމްހޫރިއްޔާގެ އިފްތިތާހީ ތަޤްރީރުގައި ވިދަޅުވިއެވެ.

މި ނިމެވުމާއި އެއްގޮތަށް، ސަރުކާރުގެ މުޢައްސަސާތަކުގައި ވަކި ވަގުތަކަށް މިހާރު ނަގަމުންދާ ޤައުމީ ދިދަ، ތިރިކުރުމެއް ނެތި ދެން 24ގަޑިއިރު ނަގާފައި ބަހައްޓާނެއެވެ. މިހާތަނަށް ދިދަ ނަގަމުން އަންނަނި ހެނދުނު 06:00އިން އިރުއޮއްސި 06:00އަށެވެ.

ޤައުމީ ދިދަ 24 ގަޑިއިރު ނަގާފައި ބަހައްޓަވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާއިރު، މި ސަރުކާރުން ޤައުމިއްޔަތު ދިރުވާއި އާލާކުރަން ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މިގޮތުން ޤައުމިއްޔަތު ކުރިއެރުވުމަށް ވަނީ ޚާއްޞަ ވުޒާރާއެއްވެސް އުފައްދަވާފައެވެ.