ޚަބަރު

ތިނަދޫ އިސްލާމީ މަރުކަޒު އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަހަކަށް


  • ތިނަދޫ އިސްލާމީ މަރުކަޒު ހައްދަވާނީ ދެކުނުގައި އިސްލާމީ ޢިލްމުގެ މުހިއްމު ބިނާއަކަށް

  • މި މަރުކަޒު ބިނާކޮށްފައިވަނީ ސަޢުދީ ސަރުކާރާއި ދިވެހި ސަރުކާރުގެ ޚަރަދުގައި

  • އިސްލާމީ ޙަޟާރަތާއި ޘަޤާފަތް ކުރިއަރުވާނެ މަރުކަޒަކަށް

ތިނަދޫ ސިޓީގައި ޤާއިމުކޮށްފައިވާ އިސްލާމީ މަރުކަޒުގައި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކޯސްތައް ހިންގުމަށް ސަރުކާރުން ހަމަޖައްސަވައިފިއެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ތިނަދޫގައި ޤާއިމުކޮށްފައިވާ އިސްލާމީ މަރުކަޒުގެ ޢިމާރާތް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކޯސްތައް ހިންގުމަށް ޚާއްސަ ކެމްޕަހެއްގެ ގޮތުގައި އަންނަ އަންގާރަ ދުވަހު ހަމަޖައްސަވާނެކަމަށެވެ. އެގޮތުން އެ މަރުކަޒު އައީޔޫއެމްއާއި ޙަވާލުކުރައްވާނެކަމަށް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.

ޑރ. ޝަހީމް ވިދާޅުވީ އިސްލާމީ ޢިލްމު އުނގެނުމަށް ބޭނުންވާ ދަރިވަރުންނަށް ރާއްޖޭގެ ދެކުނުން ތިނަދޫ ސިޓީގައި އެ ފުރުޞަތު ފަހިކޮށްދެއްވާނެކަމަށެވެ. އަދި ދީނީ ޢިލްމު ހޯދުމަށް މާލެއަށް ބަރޯސާ ވާންޖެހުން ހުއްޓުކަމަށް ގެންނަވާ ތިނަދޫ އިސްލާމީ މަރުކަޒަކީ އިސްލާމީ ޙަޟާރަތާއި ޘަޤާފަތް ކުރިއަރުވާނެ ފަދަ މަރުކަޒަކަށް ވެގެންދާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވިއެވެ.


ތިނަދޫ އިސްލާމީ މަރުކަޒަކީ މާލެއަށްފަހު އަތޮޅުތަކުގައި ތަރައްޤީކުރި ފުރަތަމަ އިސްލާމީ މަރުކަޒެވެ. 2018 ވަނަ އަހަރު އެ މަރުކަޒު ހުޅުވާ ބޭނުންކުރަން ފެށިނަމަވެސް، އެތަން އަލުން މަރާމާތުކުރަން ޖެހި، މުޅި ޢިމާރާތުގެ ބޮޑު މަރާމާތުގެ މަސައްކަތް އެމްޓީސީސީއިން ނިންމާލާފައި ވަނީ މިއަހަރުގެ މެދުތެރޭގައެވެ.

ތިނަދޫ އިސްލާމީ މަރުކަޒަކީ ދެބުރިއަށް ޢިމާރާތްކޮށް އެއްފަހަރާ 1000 މީހުންނަށް ނަމާދުކުރެވޭ ވަރުގެ މިސްކިތަކާއި، 500 މީހުންނަށް އެއްފަހަރާ ޖަލްސާ ކުރެވޭވަރުގެ މާލަމަކާއި، ހަތަރު ކުލާސްރޫމާއި، އޮފީހަކާއި، ލައިބްރަރީއެއް ހިމެނޭ ގޮތަށް ބިނާކޮށްފައިވާ މަރުކަޒެކެވެ.

ތިނަދޫ އިސްލާމީ މަރުކަޒު ޢިމާރާތްކޮށްފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ހިލޭ އެހީއާއި، ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެންނެވެ.