ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢަލީ ނަޝާޠު ޢައްޔަން ކުރައްވައިފިއެވެ.
މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، ޢަލީ ނަޝާޠުއާއި ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި، ޢަލީ ނަޝާޠު، ކުރެއްވިއެވެ. ޢަލީ ނަޝާޠުއަށް ހުވާ ލައިދެއްވާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ އަޒްމިރަލްދާ ޒާހިރުއެވެ.
އިލެކްޝަންސް ކޮމިޝަނުގައި 5 މެންބަރުން ތިއްބަވާއިރު، މެންބަރުންގެ ދައުރެއްގެ މުއްދަތަކީ 5 އަހަރެވެ. އެހެންކަމުން ނަޝާތުގެ ދައުރު ދެން ހަމަވާނީ 2028 ވަނަ އަހަރުގެ ޖުލައި 25 އަށެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ޢަލީ ނަޝާޠު އައްޔަންކުރައްވާފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 25 ވަނަދުވަހުއެވެ. އޭނާގެ ދައުރު މިދިޔަ ޖުލައި 25 އަށް ވަނީ ހަމަވެފައެވެ. އަދި އިތުރު ދައުރަކަށް ނަޝާޠު ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އޭނާގެ ނަން މަޖިލީހަށް ފޮނުއްވެވީ މިއަހަރުގެ މޭމަހު 29 ވަނަދުވަހުއެވެ.