ބެލްޖިއަމްގެ ވެރިރަށް ބްރަސްލްސްއަށް މިދިޔަ ހަފްތާގައި ދިން ޓެރަރިސްޓް ޙަމަލާތަކާ ގުޅިގެން އެޤައުމުގެ ޕަބްލިކް ޕްރޮސެކިއުޓަރ ތިންމީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާކޮށްފިއެވެ.
ޓެރަރިޒަމްގެ ދަޢުވާ ލިބޭ މިތިންމީހުން މިހާރުތިބީ އެޤައުމުގެ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އަނެއްކޮޅުން ބެލްޖިއަމްގެ ފުލުހުން މިއަދުވަނީ ބްރަސްލްސްގައި ދިން ޓެރަރިސްޓް ޙަމަލާތަކާ ގުޅުންހުރިކަމަށް ޝައްކު ކުރެވޭ އިތުރުމީހަކުވެސް ހައްޔަރުކޮށްފައެވެ.
ބެލްޖިއަމްގެ ޕަބްލިކް ޕްރޮސެކިއުޓަރ ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ފަރަންސޭސިވިލާތުގެ ޕެރިހަށް ދިން ޙަމަލާތަކާއި މިދިޔަ ހަފްތާގައި ބްރަސްލްސްއަށް ދިން ޙަމަލާތަކާ ގުޅުންވާކަން މިހާތަނަށް ކުރި ތަހްޤީޤުތަކުން ހާމަވެފައިވާކަމަށެވެ. ޕެރިހުގެ ޙަމަލާތަކާއި ބްރަސްލްސްގެ ޙަމަލާތަކުގެ ޒިންމާވެސް އުފުލާފައިވަނީ އައިއެސް ޖަމާޢަތުންނެވެ.