ދުނިޔެ

ޓެރަރިޒަމްގެ މައްޗަށް ކާމިޔާބު ހޯދޭނެކަން ހާމަވެއްޖެ- ބައްޝާރު


ސޫރިޔާގެ ތާރީޚީ ރަށެއްކަމަށްވާ ތަދްމުރު ނުވަތަ ޕަލްމެއިރާ އައިއެސް ޖަމާޢަތުގެ އަތްދަށުން މިނިވަން ކުރެވުމަކީ ޓެރަރިޒަމްގެ މައްޗަށް ސޫރިޔާ ސިފައިންނަށް ކާމިޔާބު ހޯދޭނެކަން ހާމަކޮށްދޭ ކަމެއްކަމަށް އެޤައުމުގެ ރައީސް ބައްޝާރުލްއަސަދު ވިދާޅުވެއްޖެއެވެ.

ބައްޝާރު މިހެން ވިދާޅުވީ ދުނިޔޭގެ އެންމެ އަގުބޮޑު އަދި އެންމެ ތާރީޚީ އާސާރުތައް ހުރި އެއް ރަށްކަމަށްވާ ތަދްމުރުގައި ތިބި އައިއެސް ޖަމާޢަތުގެ ހަނގުރާމަވެރިންގެ އެރަށުން ބޭރުކޮށް ސޫރިޔާ ސަރުކާރުގެ ދަށަށް އެރަށް އަނބުރައި ގެނެވިއްޖެކަން އެޤައުމުގެ ސިފައިން އިޢުލާން ކުރުމާގުޅިގެނެވެ. ސޫރިޔާ ސިފައިން ތަދްމުރު މިނިވަންކުރީ ރަޝިޔާގެ ވައިގެ އެހީތެރިކަމާއެކުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ސޫރިޔާގައި ޙަރަކާތްތެރިވާ އައިއެސްއާ އެނޫންވެސް ޓެރަރިސްޓް ޖަމާޢަތްތަކުގެ މައްޗަށް ކާމިޔާބު ހޯދޭނެކަމަށާ އެޖަމާޢަތްތައް މުސްތަޤްބަލްގައި ބަލިކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ބައްޝާރު ވިދާޅުވިއެވެ.