ފެނަކައިން 100 މިލިއަން ރުފިޔާއާއި ގާތްކުރާ ކޮރަޕްޝަނެއް ހިންގަން އުޅޭކަމަށް ބުނެ ފަތުރަމުންދާ ވާހަކައަކީ، އާންމު ރައްޔިތުންގެ ހިތްތަކުގައި ކުންފުންޏާއި މެދު ނުރަނގަޅު ތަޞައްވުރެއް އުފެއްދުމަށް ފަތުރަމުންދާ ވާހަކައެއްކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
މިކަން ފާހަގަކޮށް ފެނަކައިން ނޫސްބަޔާނެއް ނެރެފައިވަނީ، ފެނަކައިން ކޮރަޕްޝަންގެ ބޮޑު ޢަމަލެއް ހިންގަން އުޅޭކަމަށްބުނެ އޮންލައިން ނޫސް ދިޔަރެސްގައި ބުދަ ދުވަހު ލިޔެފައިވާ ޚަބަރަކާ ގުޅިގެންނެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑަކީ 73 ރަށެއްގެ ފެނުގެ ނިޒާމާއި 88 ރަށެއްގެ ނަރުދަމާ ނިޒާމުގެ އިތުރުން 6 ރަށެއްގެ ބޯފެނުގެ ނިޒާމުގެ ޚިދުމަތް ދެމުންދާ ކުންފުންޏެވެ. މި ޙިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ދުވަހުން ދުވަހަށް ކުންފުނީގެ އޮޕަރޭޝަންތަކަށް ހޯދަންޖެހޭ ސާމާނު، ކުންފުނީގެ ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ހޯދަމުން ދިއުމަކީ އަބަދުވެސް ކުރަމުންދާ މަސައްކަތެއްކަމަށް އެ ކުންފުނިން ބުނެއެވެ.
މި ޚިދުމަތް ހުއްޓުމަކަށް އަޔަނުދީ ދުވަހުން ދުވަހަށް ހޯދަންޖެހޭ ސާމާނާއި، ދުރާލައި ހޯދަންޖެހޭ ސާމާނު ހޯދުމުގެ މަސައްކަތް ކުރަމުންދަނީ، އެއްވެސް މިންވަރަކަށް ކޮރަޕްޝަނުގެ ޢަމަލެއް އެ މުޢާމަލާތުގައި ނުހިމެނޭކަން ކަށަވަރުކުރުމަށްފަހުކަމަށް ފެނަކައިން ބުނެއެވެ. އަދި އާއްމުކޮށް ހުޅުވާލައިގެން ވާދަވެރި ޕްރޮކިއުމަންޓް ޕްރޮސަސެއްގެ ތެރެއިންކަމަށް ފެނަކައިގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ކުންފުނީގެ ދުވަހުން ދުވަހަށް ހިންގޭ އޮޕަރޭޝަންތަކަށް ބޭނުންވާ ސާމާނު ހޯދުމަކީ އެއްވެސް މިންވަރަކަށް މައްސަލައަކަށް ވާންޖެހޭނެ ސަބަބެއް ކަމަކަށް ޤަބޫލުނުކުރާކަމަށާއި، މިއިން އެއްވެސް މުޢާމަލާތެއްގައި ކޮރަޕްޝަނަށް މަގުފައިވެދާނެފަދަ އެއްވެސް ޢަމަލެއް ހިންގަމުން ނުދާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް ދޭކަމަށް އެ ކުންފުނިން ބުނެއެވެ.
ފެނަކައިން ބުނީ މިފަދަ ވާހަކަތައް ފަތުރަނީ ޢާންމު ރައްޔިތުންގެ ހިތުގައި އެކޯރޕަރޭޝަނާމެދު ނުރަނގަޅު ތަޞައްވުރެއް އުފައްދަންކަމަށް ފެނަކައިންވަނީ ތުޙުމަތުކޮށްފައެވެ. އަދި ކަމުގެ ހަޤީޤަތް ސާފުކުރުމެއްނެތި މިފަދަ ޚަބަރުތައް ތަކުރާރުކޮށް ޢާންމުކުރުމަކީ ޒިންމާދާރުކަން ކުޑަ ޢަމަލެއްކަމަށް އެ ކުންފުނިން ބުނެއެވެ.