ޣައްޒާގެ ގިނަ ބަޔަކު ދިރިއުޅެމުންގެންދާ ޖަބަލިއްޔާ ރެފިއުޖީ ކޭމްޕަށް އިޒްރާއީލުން ދިން ހަމަލާ، ދިވެހި ސަރުކާރުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
މި ހަމަލާގައި ފަލަސްޠީނުގެ ގިނަ އަދަދެއްގެ ރައްޔިތުން ޝަހީދުވެ އެތަކެއް ރައްޔިތުންނެއް ވަނީ ޒަޚަމްވެފައެވެ. މީގެތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިން ހިމެނެއެވެ.
މި ޙަމަލާގައި، އެ ކޭމްޕްގައި ދިރިއުޅެމުން ދިޔަ 50 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާ، 150 އަށްވުރެ ގިނަ މީހުން ޒަޙަމުކޮށްލާފައިވާކަމަށް ޚަބަރުތައް ބުނެއެވެ. މި ޙަލަމާގައި، ޖަބަލިއްޔާ ކޭމްޕް އިމާރާތް މުޅިން ސުންނާފަތިވެ، އެތަށް ބަޔަކު އިމާރާތްތަކުގެ ދަށުވެ ތަށިވެފައިވެއެވެ. މީހުން ސަލާތްމަތްކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭ ޓީމުތަކުންނާއި އާއްމުން އަދިވެސް ދަނީ އެ ޙާދިސާ ހިނގި ކޭމްޕް ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ.
މި ޙަމަލާ ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓުގައި އާއްމު ރައްޔިތުންނަށް އަމާޒުކޮށް އިޒްރާއީލުން ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލުމަށާއި އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބާވުމަށް ތަކުރާރުކޮށް ވަނީ ގޮވާލައްވާފައެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް އެއްވެސް ހުރަހެއް ނެތި އެހީ ފޯރުކޮށްދެވޭނޭ މަގު ފަހިކޮށްދިނުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
ޣައްޒާގެ ޖަބަލިއްޔާ ރެފިއުޖީ ކޭމްޕަށް އިޒްރާއީލުން ދިން އަނިޔާވެރި ހަމަލާ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން. މި ހަމަލާގައި އެތަކެއް މައުސޫމު ރައްޔިތުން ޝަޙީދުވެ ގިނަ ބބަޔަކު ޒަޚަމްވީ ޚަބަރު އެހީ ފުން ހިތާމަޔާއެކު.
— Abdulla Shahid (@abdulla_shahid) November 1, 2023
އާއްމު ރައްޔިތުންނަށް އަމާޒުކޮށް އިޒްރާއީލުން ދެމުންގެންދާ…
ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރާއީލުގެ ހައްދުފަހަނައެޅި ޔަހޫދީ ސިފައިން ދެމުންގެންދާ ހަމަލާތަކާއި، ކުރަމުންގެންދާ ލާއިންސާނީ އަމަލުތަކަކީ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނުތަކާ ޚިލާފު އަމަލުތަކެއްކަމަށް ދިވެހި ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ފަލަސްޠީނުގެ ކުށެއްނެތް އާންމު ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ހަމަލާތަށް ހުއްޓުވުމަށާއި، އދ.ގެ އާންމު މަޖިލީހުން 27 އޮކްޓޫބަރު 2023 ގައި ފާސްކޮށްފައިވާ ޤަރާރާ އެއްގޮތަށް ކުރެވެން ހުރި އެންމެހާ މަސައްކަތެއް ކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ދިވެހިރާއްޖެއިން އަންނަނީ ގޮވާލަމުންނެވެ. އަދި ފަލަސްޠީނުގެ ރައްޔިޔުންނަށް އެއްވެސް ހުރަހެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމަށް ދިވެހި ސަރުކާރުން ދަނީ ގޮވާލަމުންނެވެ.