ޤަވާއިދާއި ޚިލާފަށް ޕާކުކޮށްފައި ހުރުމުގެ ސަބަބުން މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް 31000 އަށްވުރެ ގިނަ އުޅަނދުގައި ސްޓިކަރ ޖަހާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން އަސްލަހް ވިދާޅުވީ، ޓްރެފިކް މައްސަލަތަކުގެ ތެރޭގައި ފުލުހުންނަށް އެންމެ ގިނައިން ހުށައެޅެނީ ޕާކިންގެ މައްސަލަތައްކަމަށެވެ.
މީގެއިތުރުންވެސް ލައިސަންސް އަތުގައި ނެތި ދުއްވުމާއި، ލައިސަންސް ހިފަހައްޓާފައި އޮއްވާ ދުއްވުމާއި، ފޯނުން ވާހަކަދައްކަމުން ވެހިކަލް ދުއްވުމާއި، ކަނޑައަޅާފައިވާ ލިމިޓަށްވުރެ ބާރަށް ދުއްވުން އަދި މިނިސްޓްރީން ކަނޑައަޅާފައިވާ ގަވައިދުތަކާއި ޚިލާފަށް ނަންބަރު ބޯޑު ހަދައިގެން ދުއްވުން މިއީ ފުލުހުންނަށް ފާހަގަކުރެވޭ ބައެއް ޓްރެފިކްގެ މައްސަލަތައް ކަމަށް އަސްލަހް ވިދާޅުވިއެވެ.
ޤަވާއިދާއި ޚިލާފަށް ދުއްވާ އަދި މަގުމަތީގެ ޤަވާއިދުތަކާއި ޚިލާފަށް އަމަލުކުރާ ފަރާތްތަކަށް ފުލުހުން ދަނީ ފިޔަވަޅުވެސް އަޅަމުންނެވެ. އަސްލަހް ވިދާޅުވީ، މިއަހަރުގެ މިހާތަނަށް ޤަވާއިދާއި ޚިލާފުވެގެން ގިނަ އުޅަނދުތަކަށް ފިޔަވަޅު އަޅާފައިވާކަމަށެވެ.
“ގަވާއިދާއި ޚިލާފަށް ޕާކުކޮށްގެން އަޅުގަނޑުމެންނަށް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފިޔަވަޅު އެޅިފައި އެބަހުރި 1071 އުޅަނދެއް އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ގެނެސްފައި އެބަހުރި ޓޯކޮށްގެން. ދެން ހަމަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 31770 ވެހިކަލެއްގައި ސްޓިކަރ ޖެހިފައިވޭ ޤަވާއިދާއި ޚިލާފަށް ޕާކުކޮށްފައި ހުރުމުގެ ސަބަބުން.” ހުސައިން އަސްލަހް ވިދާޅުވިއެވެ.
އަސްލަހް ވިދާޅުވީ، ސްޓިކަރ ޖެހުމަކީ އާންމުން ވަރަށް ބޮޑަށް ކަންބޮޑުވާކަމެއްކަމަށާއި، ނަމަވެސް ފުލުހުން ސްޓިކަރ ޖަހަނީ މަޖުބޫރުވެގެންކަމަށެވެ. އަސްލަހް ވަނީ މިކަން ފުލުހުން ކުރަމުންދަނީ މުޖްތަމައުގައި އުޅޭ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިކަން ފާހަގަކުރައްވާފައެވެ.
“އެބަހުރޭ ޕޭމަންޓަށް އަރަން އޮންނަ ކަންމަތީގައިވެސް ވެހިކަލް ޕާކުކޮށްލާފައި. ދެން އެފަދަ އެއްޗެއް އަޅުގަނޑުމެން ފިޔަވަޅެއް ނާޅައި ދޫކޮށްލަންވީތޯ. ދޫކޮށްލައިފިނަމަ ދެން މަގު ބޭނުންކުރާ އެހެން ފަރާތްތަކަށް ވާނެ ގެއްލުމަކީ ކޮބައިތޯ؟ ކޮންމެ ބޭފުޅަކުވެސް އަޅުގަނޑުމެން ފިޔަވަޅު އެޅީމައި ހިތްހަމަ ނުޖެހެނީ އަޅުގަނޑުމެން ދެކެ. ނަމަވެސް އަޅުގަނޑުމެން މި ފިޔަވަޅުތައް އަޅަން މިޖެހެނީ މުޖްތަމައުގައި އުޅޭ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި". އަސްލަހް ވިދާޅުވިއެވެ.
ފުލުހުން ވަނީ މަގުމަތީގެ މިފަދަ މައްސަލަތައް ހައްލުކުރެވޭނީ އެންމެން އެކީ މަސައްކަތް ކޮށްގެންކަން ފާހަގަކުރައްވާފައެވެ. މިކަން ކުރުމަށް އޮތް އެންމެ މުހިންމު އެއް ކަމަކީ މަގުމަތީގައިވެސް އެކަކު އަނެކަކަށް ދޭންޖެހޭ އިހްތިރާމް ދިނުމެވެ. މަގުމައްޗަކީ ތިމާ އެކަނި ބޭނުންކުރާ ތަނެއް ނޫންކަން ދަނެ މަގުމަތި ބޭނުންކުރާ އެހެން މީހުންނާއި މެދުވެސް ވިސްނާލައިގެންނެވެ.