ޚަބަރު

މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ ބިލު އަވަސްކުރުމަށް އިންތިހާބީ ރައީސް ގޮވާލައްވައިފި


  • މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ބިލު އަވަސްކުރަންޖެހޭ

  • މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުޅި މުޖްތަމައު ހޭލުންތެރިވާންޖެހޭ

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ޞިއްހީ ރައްކާތެރިކަމުގެ ބިލުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިން އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގަންނަވައިފިއެވެ.

އިންތިހާބީ ރައީސް ޑރ.މުއިއްޒު މިކަމަށް އެދިވަޑައިގަތީ ހދ. މަކުނުދޫގައި ގޭސް ފުޅިއެއް ގޮވައި، ދެ މީހަކު މަރުވި ހިތާމަވެރި ހާދިސާއާއި ގުޅިގެން ނެރުއްވި ބަޔާނުގައެވެ.

އިންތިހާބީ ރައީސްގެ ބަޔާނުގައި ހދ. މަކުނުދޫގައި ހިނގައިދިޔަ މި ހިތާމަވެރި ހާދިސާގައި 2 މީހަކު ނިޔާވި ޚަބަރު އެހީ ފުން ހިތާމައާއި އެކުގައިކަމަށް ވިދާޅުވިއެވެ. އަދި މަކުނުދޫގައި ހިނގި ހާދިސާގެ އިތުރުން މިމަހުގެ 19 ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައިވެސް މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގާފައިވާކަން އެމަނިކުފާނުގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

އިންތިހާބީ ރައީސްގެ ބަޔާނުގައި ވަނީ މި 2 ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބު ތަހުގީގުކޮށް، މިފަދަ ހިތާމަވެރި ކަންކަން ތަކުރާރުނުވާނެހެން ފިޔަވަޅު އެޅުއްވުމަށް ކަމާއިބެހޭ މުއައްސަސާތަކަށް ގޮވާލައްވާފައެވެ. އަދި 2 ހާދިސާވެސް ހިނގާފައިވަނީ މަސައްކަތުގެ މާހައުލުގައިކަމުން މިފަދަ ހާދިސާތައް މަދުކޮށް މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުޅި މުޖްތަމައުގެ ހުރިހައި ފަރާތްތަކުން ޒިންމާދާރުވުމަށް އިންތިހާބީ ރައީސް އެދިވަޑައިގެންނެވިއެވެ.

މިފަދަ މައްސަލަތަކަށް ނިޒާމީ ގޮތެއްގައި ހޯދަންޖެހޭ ހައްލުތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ބިލުގެ މަސައްކަތް މަޖިލިސް މެންބަރުން އަވަސްކޮށްދެއްވުމަށްވެސް އިންތިހާބީ ރައީސްގެ ބަޔާނުގައި އެދިވަޑައިގެންނެވިއެވެ.

މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވައި ހިނގި ޙާދިސާގައި ނިޔާވެފައިވަނީ އެރަށު އެއަރޕޯޓު ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ބިގްފިޝް މޯލްޑިވްސްގެ ބިދޭސީ ދެ މުވައްޒަފުންނެވެ. އަދި ކުޅުދުއްފުށީގައި ބުރާސްފަތިދުވަހު ހިނގި ހާދިސާގައި އަނިޔާ ލިބުނު ދިވެހި ފިރިހެން މީހާގެ ހާލު އަދިވެސް ސީރިއަސްކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.