ކުރިއަށްއޮތް 3 އަހަރުވެސް ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތް ކުރިއަރާނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރައްވައިފިއެވެ. ފިނޭންސް މިނިސްޓްރީން މިގޮތަށް ލަފާކުރައްވާފައިވަނީ އެ މިނިސްޓްރީން ނެރުއްވި ފިސްކަލް ސްޓްރެޖެޓީ ރިޕޯޓްގައެވެ.
އިމާރާތްކުރުމުގެ ސިނާއަތަކީ ރާއްޖޭގައި އެންމެ ބާރު ދުވެލީގައި ކުރިއަރަމުން އަންނަ އެއް ސިނާއަތެވެ. ނަމަވެސް ކޯވިޑް-19 އާއިއެކު މި ސިނާއަތް ވަރަށް ބޮޑަށްވެސް ހީނަރުވެގެންދިޔައެވެ. ނަމަވެސް މިހާރު މި ސިނާއަތް އަންނަނީ ކުރިއަރަމުންނެވެ.
އިމާރާތްކުރުމާއި ރިއަލް އެސްޓޭޓްގެ ދާއިރާގެ އުފެއްދުންތެރިކަން 2022 ވަނަ އަހަރު 23.3 އިންސައްތަ ކުރިއަރާނެކަމަށް 2023 ވަނަ އަހަރުގެ ބަޖެޓު ތައްޔާރުކުރިއިރު ވަނީ އަންދާޒާކޮށްފައެވެ. ނަމަވެސް 2022 ވަނަ އަހަރު ނިމުނުއިރު މި ދާއިރާގެ އުފެއްދުންތެރިކަން އިތުރުވެފައިވަނީ 11.8 އިންސައްތައިންނެވެ. ސަބަބަކީ 2022 ވަނަ އަހަރުގެ ފުރަތަމަ މަސްތަކުގައި މި ދާއިރާ ކުރިއެރި ބާރުމިނަށްވުރެ، އަހަރުގެ ފަހު ކުއާޓަކުރުގައި މި ދާއިރާގެ ކުރިއެރުން މަޑުޖެހުމެވެ.
2022 ވަނަ އަހަރުގެ ފަހުކޮޅު މުޅި ދުނިޔޭގައިވެސް އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގެ ވިޔަފާރިއާއި އިމާރާތްކުރުމުގެ ދާއިރާގެ ހަރަކާތް ވަނީ މަޑުޖެހިފައެވެ. އެހެންނަމަވެސް ދުނިޔޭގެ ބާޒާރުގެ ސަޕްލައިޗެއިނަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވެމުން އަންނާތީ، 2023 ވަނަ އަހަރު މި ދާއިރާގެ އުފެއްދުންތެރިކަން 8.1 އިންސައްތަ ކުރިއަރާނެކަމަށް ކުރެވުނު އަންދާޒާ، މިހާރު ވަނީ 9.5 އިންސައްތައަށް މުރާޖައާކޮށްފައިކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓްގައިވެއެވެ.
އެ މިނިސްޓްރީގެ ރިޕޯޓްގައި ވަނީ ކުރިއަށްއޮތް 3 އަހަރަށް މެދުރާސްތާގެ އަންދާޒާތަކަށް ބަލާއިރު މި ސިނާއަތް ކުރިއަރާނެ ބާރުމިނަށް އަލިއަޅުވާލާފައެވެ.
އެގޮތުން 2024 ވަނަ އަހަރުން ފެށިގެން 2026 ވަނަ އަހަރާ ހަމައަށް ކޮންމެ އަހަރަކު އެވަރެޖްކޮށް މި ދާއިރާގެ އުފެއްދުންތެރިކަން 7.7 އިންސައްތަ ކުރިއަރާނޭކަމަށް ބެލެވޭކަމަށް ވަނީ ބުނެފައެވެ. މި ކުރިއެރުން އަންނާނެކަމަށް ލަފާކުރެވެނީ ސަރުކާރުގެ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތަކާއި، އަމިއްލަ ފަރާތްތަކުގެ ރެޒިޑެންޝިއަލް ޕްރޮޖެކްޓްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ އެސްޓެބްލިޝްމަންޓްތަކުގެ އިމާރާތްކުރުން ފުޅާވުމުގެ ސަބަބުންކަމަށް ވަނީ ވިދާޅުވެފައެވެ.
ފިނޭންސް މިނިސްޓްރީގެ ރިޕޯޓްގައި ވަނީ 2023 ވަނަ އަހަރު 7.6 އިންސައްތަ އުފެއްދުންތެރިކަން ކުރިއަރާނެކަމަށް ކުރިން ލަފާކުރެވުނު ނަމަވެސް މިހާރު 9.4 އިންސައްތައަށް މުރާޖައާކޮށްފައެވެ. އަދި މެދުރާސްތާގައި އަހަރަކު އެވަރެޖްކޮށް 6.3 އިންސައްތައިން އިޤްތިޞާދު ކުރިއަރާނެކަމަށް ކުރިން ލަފާކުރިނަމަވެސް، މިހާރު އަންދާޒާކުރެވެނީ އުފެއްދުންތެރިކަން ކުރިއަރާ މިންވަރު ހުންނާނީ އެވަރެޖްކޮށް 6.8 އިންސައްތައިގައި ކަމަށް ވަނީ ވިދާޅުވެފައެވެ.
މެދުރާސްތާގެ އެވަރެޖް އިޤްތިޞާދީ ދުވެލީގެ އަންދާޒާ މަތިވާނެކަމަށް ލަފާކުރެވޭ މައިގަނޑު ސަބަބަކީ 2025 ވަނަ އަހަރު ވެލަނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލާއި، އައްޑޫ އަދި ހަނިމާދޫ އެއަރޕޯޓުތައް ތަރައްޤީކޮށް ނިމުމުން، ފަތުރުވެރިކަން ކުރިއަރައި، އިޤްތިޞާދުގެ އެހެނިހެން ދާއިރާތަކަށްވެސް މިކަމުގެ ހެޔޮ އަސަރު ކުރާނެކަމަށް ބެލެވުންކަމަށްވެސް ރިޕޯޓްގައި ވަނީ ވިދާޅުވެފައެވެ.