ޚަބަރު

އާސަހަރާގެ މަސައްކަތް ނިންމުމަށް އިތުރު ދެމަސް ނަގާނެ: މާލެ ސިޓީ ކައުންސިލު


  • މަސައްކަތް ލަސްވާތީ ގިނަ ބައެއްގެ ކަންބޮޑުވުން

  • ލަސްވަނީ މިސްކިތުގައި "ބޯހޯލް" އެއްގެ މަސައްކަތް ކުރަމުންދާތީ

  • އިތުރު 2 މަސް ދުވަސް އަދި ހޭދަވާނެކަމަށް ބެލެވޭ

އާސަހަރާގެ މަރާމާތުގެ މަސައްކަތް ނިންމުމަށް އަދި އިތުރު ދެ މަސްދުވަސް ނަގާނެކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އާސަހަރާއަކީ މާލޭގައި މަރުވާ މީހުން ވަޅުލަން މާލޭގެ 4 އަވަށުގައި ބޭނުން ކުރި ޤަބުރުސްތާނުތައް ފުރި އެތަން ބޭނުން ނުކުރެވޭ ޙާލަތައް ދިޔުމުން މީހުން ވަޅުލުމަށްޓަކައި ޤާއިމުކުރި ތަނެކެވެ. އާސަހަރާ ތަރައްޤީކުރިއިރު ކަށުކަމާ ކެމީގެ އެންމެހާ ކަންކަން ކުރެވޭނެ އިންތިޒާމު ޤާއިމްކުރިއެވެ. އަދި އެ ތަނުގައި މަސްޖިދުލް ތަޢާވުންގެ ނަމުގައި މިސްކިތެއް ބިނާކުރިއެވެ.

މާލެ ސިޓީ ކައުންސިލުން މަރާމާތުގެ މަސައްކަތަކަށް އެތަން ބަންދުކުރީ މިދިޔަ މޭ މަހު އެވެ. އާސަހަރަ ބަނދުކުރުމުން މާލޭގައި މަރުވާ މީހުން ވަޅުލުމުގެ ހުރިހާ އިންތިޒާމެއް ވަގުތީގޮތުން ހަމަޖައްސާފައިވަނީ ހުޅުމާލޭ ސަހަރާގައެވެ.

މަރާމާތައް މާލޭ އާސަހަރާ ބަންދު ކުރުމަށްފަހު މާލެ ސިޓީ ކައުންސިލުން އޭރު ވިދާޅުވީ، އާސަހަރާ ތަރައްޤީ ކުރުމަށްޓަކައި އިމާރާތަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް 2 މަސް ދުވަހުގެ ތެރޭގައި ގެނައުމަށްފަހު އަލުން ބޭނުން ކުރަން ފެށޭކަމަށެވެ. އެހެންނަމަވެސް އަދިވެސް އެތަނުގެ މަސައްކަތް ނިމިފައެއްނުވެއެވެ.

މި މަސައްކަތް ލަސްވަމުންދާ ސަބަބެއްކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ، މަޝްރޫޢަށް އިތުރުކުރި ސްކޯޕުގެ ދަށުން މިސްކިތުގެ ޖާގަ އިތުރުކުރަން ނިންމާފައިވާ ދިމާލުގައި ހުރި އެމްޑަބްލިއުއެސްސީގެ "ބޯހޯލް" އެއްގެ މަސައްކަތް ކުރަމުންދާތީ ކަމަށެވެ. އެހެންކަމުން މި މަސައްކަތް އެއްކޮށް ފުރިހަމަކުރަން އަދި އިތުރު ދެ މަސް ދުވަސް ބޭނުންވާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

އާސަހަރާއަށް ޒަމާންތަކަކަށްފަހު ބޮޑެތި ބަދަލުތަކެއް ގެންނަން ހަމަޖެހިފައިވާއިރު، މިތަން ތަރައްޤީކުރުމަށް ސިޓީ ކައުންސިލުން ނިންމަވާފައިވަނީ އަންހެންނާއި، ފިރިހެނުން ނަމާދުކުރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރުކުރުމާއި، އަންހެންނަށް ޙާއްޞަކޮށް ވުޟޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި އަދި ސަހަރާގައި މަޑުކޮށްލައިގެން ތިބެވޭނެ ވެއިޓިން އޭރިއާއަކާއި އެކުގައެވެ.

އާސަހަރާގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކާއި، ޕާކުތަކާއި، އެނޫންވެސް ތަންތަނުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތައް ސިޓީ ކައުންސިލުން އަންނަނީ ކުރައްވަމުންނެވެ.