ޚަބަރު

ޣައްޒާގެ ރައްޔިތުންނަށް ދިވެހިން ފަރިތަ، އެމީހުން އެދެނީ ރޫޙު ދައްކޮށްނުލާ އެހީވުމަށް


  • ފުރަތަމަ 4 ދުވަހުވެސް 4.6މިލިއަނަށްވުރެ ގިނަ ރުފިޔާ ދިިވެހިން ހަދިޔާކުރި

  • ޣާއްޒާގެ ރައްޔިތުން އެދެނީ، އެހީ ދިނުން ހުއްޓާނުލާ ކުރިއަށްގެންދިއުމަށް

  • ބޯޑަރުތައް ހުޅުވާލައިފިނަމަ، އެހީތައް ފޮނުވުން އަވަސްކުރަންޖެހޭ

މުސްލިމް އެއް ޢުއްމަތެއްގެ ގޮތުން ޕަލަސްތީނާއި ޣައްޒާގެ ރައްޔިތުންނަކީ ދިވެހިންގެ ހިތްތަކާއި ގާތް އަޚުންނާއި އުޚުތުންތަކެކެވެ. ޤައުމު ކުޑަވެފައި އާބާދީ ކިތަންމެ ކުޑަނަމަވެސް، އެހީއަށް ގޮވާލާ ކޮންމެ ދަނޑިވަޅެއްގައި ފެނިގެންދަނީ ދިވެހިންގެ ހިތުގައި ފަލަސްތީނަށް އޮތް ޚާއްސަ ލޮތްބެވެ.

އަހަރަމެންގެ ދުޢާގައި ފަލަސްތީނުގެ ރައްޔިތުން ޝާމިލްކޮށް، އެމީހުންގެ ޙަލަތާމެދު އަޑު އުފުލާ މުޅި ދުނިޔެއަށް ދައްކުވައިދެނީ އެ ރޫޚެވެ. އަދި މާލީ އެހީ ދިނުމުގައިވެސް ދިވެހިންގެ ހިތްތައް ވަނީ ހުޅުވާލާފައެވެ.

އިސްރާއީލުގެ އިސްތުއުމާރީ ބާރުތަކުން ޣައްޒާއަށް އަރާ ދެމުންދާ ހަމަލާތުގައި އެތަށް ހާސް ރައްޔިތުންނެއް ވަނީ ޝަހީދުކޮށްލާފައެވެ. މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުންދާ ހަމަލާތަކުގައި، މިވީ ހަފްތާއެއްހާ ދުވަހު އެކަނިވެސް 1600 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލަފައެވެ.

2016 ވަނަ އަހަރު ދިވެހިންތަކެއް އިސްވެ އުފެއްދި އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންއަކީ، ހާލުގައިޖެހިފައިވާ މުސްލިމުންނާއި، އަދި އެކިގޮތްގޮތުން އެހީތެރިކަން ބޭނުންވާ މީހުންނަށް ދިވެހިންގެ އެހީތެރިކަން ފޯރުކޮށްދެވޭނެ މަގު ފަހިކޮށްދިނުމަށް އުފެއްދި ޖަމިއްޔާއެކެވެ.

އައިއޭސީގެ އެހީތެރިކަން މިހާތަނަށް 28 އަށްވުރެ ގިނަ ޤައުމުގައި ހާލުގައި ޖެހިފާ މީހުން ދިިރިއުޅޭ ސަރަޙައްދުތަކަށް ފޯރުކޮށްދީފައިވާއިރު، އެންމެ ބޮޑު އޮޕަރޭޝަނެއް ހިންގަމުންދާ އެއް ސަރަޙައްދަކީ ފަލަސްތީނުގެ ޣައްޒާއެވެ. ދިވެހިންގެ އެހީ ހުއްޓާނުލާ އެ ސަރަޙައްދުގެ ރައްޔިތުންނަށް އަންނަނީ ފޯރުކޮށްދެމުންނެވެ.

ޖަމިއްޔާ އުފެދުނީއްސުރެ ދެމެހެއްޓެނިވި ގޮތެއްގައި އެހީ ދެމުން އަންނައިރު، އޮކްޓޯބަރު 7 ގައި ބަދަލުކުރަން ފެށި ޙަމާލާތަކާއެކު އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތައް ވަނީ ވަރުގަދަކޮށްފައެވެ.

އެގޮތުން ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ފަންޑު ހުޅުވާލި ފުރަތަަމަ 4 ވަރަކަށް ދުވަހު އެކަނިވެސް 4.6 މިލިއަނަށްވުރެ ގިނަ ރުފިޔާ ފައިސާގެ އެހީގެ ގޮތުގައި ދިވެހިންގެ ފަރާތުން ވަނީ ހަދިޔާކޮށްފައެވެ.

އައިއޭސީގެ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން އައިއޭސީގެ ޑިރެކްޓަރ އޮފް މީޑިއާ އެންޑް ޕީއާރް މުޙައްމަދު އަލީ ބުނީ، ޣައްޒާގެ ރައްޔިތުންނަށް މިވަގުތަށް އެންމެ ބޭނުންވެފައިވާ އެހީތެރިކަން ދިވެހި ރައްޔިތުންގެ ފަރާތުން ފޯރުކޮށްދެމުންދާކަމަށެވެ.

އެގޮތުން ޣައްޒާގެ މައި އެއް ހޮސްޕިޓަކަށް ކަރަންޓު ފޯރުކޮށްދިނުމަށް 2000 ލީޓަރުގެ ތެޔޮ ހުކުރު ދުވަހު ފޯރުކޮށްދީފައިވާކަމަށެވެ. އަދި ހައްދުފަހަނައަޅާފައިވާ އިޒްރާއީލުގެ ހަމަލާތަކުގައި ސުންނާފަތިކުރަމުންދާ ސަރަޙައްދުތަކަށް އެހީ ދިނުމަށް ބޭނުންކުރާ ރެސްކިއު އުޅަނދުތަކަށްވެސް 1000 ލީޓަރުގެ ތެޔޮ ފޯރުކޮށްދީފައިވާކަމަށެވެ. މީގެއިތުރުން އެމްބިއުލާންސްތަކަށް ބޭނުންކުރުމަށްވެސް 2000 ލީޓަރުގެ ތެޔޮ ވަނީ ދިވެހިންގެ އެހީގައި ފޯކޮށްދީފައެވެ.

މީގެއިތުރުން ގޭގެއާއި ކޭމްޕްތަކާއި ހޮސްޕިޓަލުތަކަށް ކާބޯތަކެތީގެ ޕެކޭޖުތައް އަންނަނީ ފޯރުކޮށްދެމުންނެވެ.

މުޙައްމަދު އަލީ ބުނީ، އެހީ ދިނުމުގައި އެންމެ އުނދަގޫ ޙާލަތަކަށްވަނީ ހަނގުރާމަ މަޑުޖެހި، ޣައްޒާގެ ރައްޔިތުން އަނބުރާ އާއްމު ދިރިއުޅުމަށް އައުމަށް މަސައްކަތް ކުރާ ވަގުތުކަމަށެވެ. އެވަގުތަށް ބޭނުންވާ އެހީތެރިކަން ދިނުމަށް އޮންނަންޖެހޭނީ ވަރަށް ބޮޑަށް ތައްޔާރަށްކަމަށެވެ. އެހެންކަމުން އެހީތެރިކަން ފޯރުކޮށްދިނުމުގައި، ހުއްޓާނުލާ ދެމިތިބުމަށް އައިއޭސީން ދިވެހި ރައްޔިތުންނަށް ވަނީ ގޮވާލާފައެވެ.

"މިހާރު ބޯޑަރުތައް ހުޅުވާލިއަސް އެހީ ދެވޭނީ ފަންޑު ހުރެގެން. މިއަދު ހަނގުރާމަ ހުއްޓުނަސް ދިދަތައް ތިރިކޮށްފަ އަަަރަމެން ވަންނާނީ ގެއަށް. އެމީހުން ދާންޖެހޭނީ އެއްކަލަ ފަނާވެފައިވާ ބިންތަކާއި ގެތަކަށް. މިއީ އަސްލު އަހަރަމެންގެ ރޯލު ކުޅެންވީ ވަގުތު. އެހީވުމުގެ ރޫޙާ ޖޯޝު ދައްކޮށްނުލާ ކުރިއަށްދިއުން މިވަގުތު އެންމެ މުހިންމީ." މުހައްމަދު އަލީ ބުންނެވެ.

ދަތިކުރުމުގެ ގޮތުން އިސްރާއީލުން ވަނީ ޣައްޒާ ފުރަބަންދުކޮށް ފެނާއި ކަރަންޓުވެސް ކަނޑާލާފައެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ރާއްޖޭގައިވެސް ގިނަ ހަރަކާތްތަކެއް ވަނީ ފަށާފައެވެ. އެގޮތުން ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން ހާމަކޮށްދިނުމަށް އެއްވުމެއް ބާއްވާފައިވާއިރު، ފައިސާގެ އެހީ ދިނުމަށް ފަންޑްވެސް ވަނީ ހުޅުވާލާފައެވެ. މީގެއިރުން އައިއޭސީއާއި މީޑިއާތައް ގުޅިގެން އަންނަ އަންގާރަ ދުވަހު ޓެލެތޯންއެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޣައްޒާއަށް އެހީވުމުގެ ގިނަ މަސައްކަތްތަކެއް ރާއްޖޭގެ ފަރާތުން މީގެކުރިންވެސް ވަނީ ކޮށްފައެވެ. އެގޮތުން ޒަރޫރީ ތަކެތި ފޯރުކޮށްދިނުމާއި، ގޭގެ މަރާމާތުކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި އަދި މިސްކިތެއް ބިނާކުރުމުގެ މަސައްކަތްވެސް ކުރިއަށްދެއެވެ. ދިވެހިންގެ އެހީގައި ޣައްޒާގައި ރެސްޓޯރަންޓެއްވެސް ހަދާފައިވެއެވެ. ނަމަވެސް މީގެކުރީގެ ޙަމަލާތަކެއްގައި އެތަން ވަނީ ސުންނާފަތިކޮށްލާފައެވެ.