ވިޔަފާރި

އަންނަ އަހަރުގެ ބަޖެޓް 50 ބިލިއަނަށް އަރާނެކަމަށް ލަފާކޮށްފި


  • އަންދާޒާކުރަނީ ބަޖެޓް 50.6 ބިލިއަން ރުފިޔާގެ ބަޖެޓަކަށް

  • ޚަރަދު ހުންނާނީ 48 ބިލިއަނުގައިކަމަށް ވަނީ ލަފާކޮށްފައި

  • ބަޖެޓުގެ ޖުމްލަޑެފިސިޓް ހުންނާނެކަމަށް ބެލެވެނީ 9.8 ބިލިއަނުގައި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް 50 ބިލިއަނަށް އަރާނެކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފިއެވެ. އެ މިނިސްޓްރީން މިގޮތައް އަންދާޒާކޮށްފައިވަނީ މަޖިލީހަށް ހުށަހެޅި ފިސްކަލް ސްޓްރެޓެޖީ ރިޕޯޓްގައެވެ.

ފިނޭންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓްގައިވާގޮތުން ބޭސްލައިން ޚަރަދާއ،ި ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުން ސަލާމަތްކުރެވޭނެ ޢަދަދުތަކާއ،ި ބަޖެޓުގައި ހިމަނާ އައު މަޝްރޫޢުތަކާއި ޕްރޮގްރާމްތަކަށް ބަލައި 2024 ވަނަ އަހަރުގެ ދައުލަތުގެ ޖުމުލަ ބަޖެޓުގެ އަންދާޒާއަކީ 50.6 ބިލިއަން ރުފިޔާއެވެ. މިއީ މި އަހަރު ބަޖެޓު ހުންނާނެ ކަމަށް ލަފާކުރެވޭ މިންވަރާއި އަޅާބަލާއިރު 5.3 އިންސައްތަ އިތުރު އަދެދެއްކަމަށްވެސް އެ ރިޕޯޓްގައި ވަނީ ބުނެފައެވެ.

2024 ވަނަ އަހަރު ޚަރަދު ހުންނާނެކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓްގައި ފާހަގަކޮށްފައިވަނީ 48 ބިލިއަން ރުފިޔާގައެވެ. ރިކަރަންޓު ޚަރަދުގެ ގޮތުގައި 32.7 ބިލިއަން ރުރިޔާ އަދި ކެޕިޓަލް ޚަރަދަކީ 14.9 ބިލިއަންކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ. އަދި ޚަރަދު ކުޑަކުރަން ހުށަހަޅާފައިވާ ފިޔަވަޅުތައް ތަންފީޒުވުމުން ޚަރަދުތައް 2025 ވަނަ އަހަރު 44.9 ބިލިއަން ރުފިޔާއަށް ކުޑަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. މެދުރާސްތާގައި ޚަރަދު އިތުރުވަމުންދާނީ އަހަރަކު އެވަރެޖްކޮށް 0.5 އިންސައްތައިންކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.

ދައުލަތުގެ ޚަރަދާއި އާމްދަނީގެ ސިޔާސަތުތަކަށް ގެންނަން ހުށަހަޅާ ބަދަލުތަކަށް ބަލައި 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ޖުމްލަ ޑެފިސިޓް ހުންނާނެކަމަށް ބެލެވެނީ 9.8 ބިލިއަން ރުފިޔާގައެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 8.5 އިންސައްތައެވެ. އަދި ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓް އެ އަހަރު ހުންނާނެކަމަށް ލަފާކުރެވެނީ 4.5 ބިލިއަން ރުފިޔާގައިކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެއެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 3.9 އިންސައްތައެވެ.

މެދުރާސްތާގައި ދައުލަތުގެ އާމްދަނީއާ ޚަރަދުގެ ސިޔާސަތުތަކަށް ގެންނަ ބަދަލުތަކަށް ރިއާޔަތްކޮށް ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ޑެފިސިޓް ކުޑަކޮށ،ް ބަޖެޓުގެ ޕްރައިމަރީ ބެލެންސް އަރަނިކުރެވޭނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފައެވެ. މީގެ ސަބަބުން ދައުލަތުގެ ދަރަނި އިތުރުވާ މިންވަރު ކުޑަކޮށ،ް ދެމެހެއްޓެނިވި މިންގަނޑަކަށް ވާސިލުވުމަށް އެހީތެރިވެދޭނެކަމަށް ވަނީ ބުނެފައެވެ.

އަންނަ އަހަރު ވެސް ދައުލަތުގެ ދަރަނި ހުންނާނެކަމަށް މިނިސްޓްރީން ލަފާކޮށްފައިވަނީ މި އަހަރާ ދާދި އެއްވަރެއްގައެވެ. އެގޮތުން ދަރަނި 111 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވެއެވެ.

ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުގައި ބަޖެޓުގެ އަންދާޒާތައް ހާމަކުރި ނަމަވެސް، ބަޖެޓުގެ އަސްލު އަދަދު އެނގޭނީ، މި މަސް ނިމުމުގެ ކުރިން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުންނެވެ. އަންނަ އަހަރުގެ ބަޖެޓު އެކުލަވައިލުމުގެ މަސައްކަތް އިންތިހާބީ ރައީސްގެ ޓީމާއިއެކު ފިނޭންސް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.