ޚަބަރު

ހިތުގެ ދުވަހާއި ގުޅިގެން މޫދު ކަސްރަތަށް އާއްމުން ޝައުގުވެރިކުރުމުގެ ހަރަކާތެއް


  • "މޫދު ހިތް" ހަރަކާތުގައި ކަސްރަތާއި އެކި ކުޅިވަރުތައް ކުރިއަށްގެންދިޔަ

  • ކުޑަކުދިންނާއި ގިނަ އާއްމުން މި ހަރަކަތުގައި ބައިވެރިވި

ދުނިޔޭގެ ހިތުގެ ދުވަހާއި ގުޅިގެން، ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް އާއްމުން ހޭލުތެރިކުރުމަށް ޚާއްސަ ހަރަކާތެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތަކީ މޫދު ކުޅިވަރާއި، މޫދު ކަސްރަތާއެކު ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް އާއްމުން ޝައުގުވެރިކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

"ފަތާ ހިތް" މި ނަމުގައި ކުރިއަށްގެންދިޔަ މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެޗް.ޕީ.އޭއާއި މޯލްޑިވްސް ސްވިމިން އެސޯސިއޭޝަންއިން އިސްނައިގެން، އަދިވެސް ގިނަ މުވައްސަސާތަކެއްގެ އެހީތެރިކަމާއެކުއެވެ. މި ހަރަކާތުގައި ސްވިމިން އެސޯސިއޭޝަންގެ ދަރިވަރުންނާއި، އަދި އާއްމުންގެ ތެރެއިން ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ.

އެޗް.ޕީ.އޭގެ ޕަބްލިކް ހެލްތް ކޯޑިނޭޓަރ ޢަބްދުﷲ މުއާޒް ވިދާޅުވީ، މި ހަރަކާތުގެ އެންމެ މުހިންމު ބޭނުމަކީ އަގުބޮޑުކޮށް ޖިމްއަކަށް ނުގޮސްވެސް ކަސްރަތު ކުރެވޭނެ ފަސޭހަ ގޮތްތަން ހުރިކަން އާއްމުންނަށް ބުނެދިނުންކަމަށެވެ. އަދި ކޮންމެ ރަށަކީވެސް މޫދަށް އެރޭނެ ސަރަޙައްދުތައް ހުރި ރަށްރަށަށް ވުމާއެކު، އޭގެ ބޭނުން ހިފާ ކަސްރަތާއި ފެތުމުގެ ހަރަކާތްތަކާއެކު ދުޅަހެޔޮ މީހެއްގެ ގޮތުގައި ހުރުމަށް އެހީތެރިވެދޭކަން ބުނެދިނުންކަމަށެވެ.

"މޫދުގެ ކަސްރަތާ އަދި އިތުރު އެކިއެކި އެކްޓިވިޓީތައް ކުރިއަށްގެންދިޔައިން. މޫދަކީވެސް ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް ބޭނުންހިފޭނެ ތަނެއްކަން މި ބުނެދެނީ. ކަސްރަތު ކުރާނެ އެކި ގޮތްތައް ކިޔައިދިނުމުގެ އެކްޓިވިޓީތައް ކުރިއަށް ގެންދިޔައީ." މުއާޒް ވިދާޅުވިއެވެ.

2 ގަޑިއިރަށް ކުރިއަށްގެންދިޔަ މި ހަރަކާތް އޮތީ ހުޅުމާލެ ރުއްގަނޑު 1 ސަރަޙައްދުގައެވެ. ހަރަކާތުގައި ގިނަ އަދަދެއްގެ އާއްމުން ބައިވެރިވެފައިވެއެވެ.

ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 29ވަނަ ދުވަހުއެވެ.

މިއަހަރުގެ ދުނިޔޭގެ ހިތުގެ ދުވަހުގެ ޝިއާރުގެ ގޮތުގައި ވޯލްޑް ހާރޓް ފެޑަރޭޝަންއިން ކަނޑައަޅާފައިވާ ޝިއާރަކީ "ނޯ ހާރޓް، ޔޫޒް ހާރޓް" އެވެ. މި ޝިއާރުގެ މަޤްޞަދަކީ މި ދުވަހާއި ގުޅިގެން ކޮންމެ މީހަކުވެސް، ތިމާގެ ހިތުގެ ދުޅަހެޔޮކަމާއި، އަދި ތިމާ ދިރިއުޅޭ މާހައުލާއި ހުރި ގުޅުމާއި އަދި ހިތުގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ފަރުދީ ގޮތުން ތިމާއަށް ގެނެވިދާނެ ބަދަލުތަކާއިމެދު ވިސްނާ އަމަލުކުރުމެވެ.

ރާއްޖޭގައި ހެދި ސްޓެޕް ސަރވޭއިން ދައްކާގޮތުން ރާއްޖޭގައި 15 އަހަރާއި 65 އަހަރާއި ދެމެދުގެ އާބާދީގެ %4.7 މީހުންނަކީ ހިތުގެ ބަލި، ސްޓްރޯކް އަދި އެންޖީނާ ފަދަ ބަލިތައް ޖެހިފައިވާ މީހުންނެވެ. އަދި %27.7 މީހުންނަކީ މި ބަލިތަކަށް ދިގު މުއްދަތަކަށް ބޭސް ބޭނުންކުރަމުންދާ މީހުންނެވެ.