ޚަބަރު

ސުވަރޭޖް އައުޓްފޯލް ހޮޅިއަކުން ލީކްވި މައްސަލަ ހައްލުކޮށްފި


ރަސްފަންނު ހިމެނޭ ސަރަޙައްދުގެ ސުވަރޭޖް ސީއައުޓްފޯލް ހޮޅިއަކުން ލީކްވި މައްސަލަ މިހާރު ޙައްލުކުރެވިފައިވާ ކަމަށް އެމްޑަބްލިއު އެސްސީން ބުނެފިއެވެ.

ރަސްފަންނު ސަރަޙައްދުގެ ސުވަރޭޖް ހޮޅިއަކުން ލީކްވުމާ ގުޅިގެން ރަސްފަންނަށް މޫދަށް އެރިއުޅޭ މީހުންނަށް މިކަމުގެ އަސަރެއް ކޮށްފާނެތީ ރަސްފަންނަށް މޫދަށް އެރުން، ހައުސިންގ މިނިސްޓްރީން ވަނީ ވަގުތީ ގޮތުން މަނާކުރައްވާފައެވެ.

އެމްޑަބްލިއުއެސްސީން ބުނީ ރަސްފަންނު ސަރަޙައްދުގެ ސުވަރޭޖް ސީއައުޓްފޯލް ހޮޅިއަކަށް ދިމާވި ޓެކްނިކަލް މައްސަލަ މިއަދު ހެނދުނު ޙައްލުކޮށްފައިވާކަމަށެވެ. އަދި މިމައްސަލައަކީ ވަރަށް މަދުން ނޫނީ ދިމާނުވާ މައްސަލައެއް ކަމަށާއި، މައްސަލަ ދިމާވި ހޮޅިއަކީ އެސަރަޙައްދުގެ ތޮށިގަނޑުގެ ދަށުގައި އޮތް ހޮޅިއެއްކަމުން މައްސަލަ ޙައްލުކުރުމަށް ގިނަ ވަގުތު ހޭދަކުރަން ޖެހުނުކަން އެމްޑަބްލިޔުއެސްސީން ފާހަގަކުރެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެކުންފުނީގެ ފަރާތުން މާދަމާ ރަސްފަންނުގެ ފެނުގެ ސާންޕަލް ނަގައި ޓެސްޓްކުރުމަށްފަހު ހައުސިންގ މިނިސްޓްރީއާ ޙަވާލުކުރައްވާނެކަމަށެވެ. އަދި ހައުސިންގ މިނިސްޓްރީންވެސް އެސަރަޙައްދުގެ ފެނުގެ ސާންޕަލް ނަގައި ޓެސްޓްކުރާނެކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. ސީއައުޓްފޯލް ހޮޅިއެއް އައިޖީއެމްއެޗާއި އަދި ރަސްފަންނު ހިމެނޭ ސަރަޙައްދުގައި އޮންނާނެކަމަށާއި ނަމަވެސް މި ދެހޮޅިވެސް ރަސްފަންނު ހެދުމާގުޅިގެން އިތުރަށް ބޭރަށް ޖައްސާފައިވަކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތުދެއެވެ. އަދި މިމައްސަލަ ޙައްލުކުރުމުގައި އެކުންފުނިން މި މަސައްކަތްތައް ބައްޓަންކޮށްފައިވާނީ މިފަދަ މައްސަލައެއް މުސްތަޤްބަލުގައި ދިމާނުވާނެހެން ބަލައިގެންކަމަށް އެމްޑަބްލިއެސްސީން ބުނެއެވެ.