ޚަބަރު

ޑިމޮކްރެޓްސްއިންވެސް ނިންމީ އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ނުކުރުމަށް


  • ޑިމޮކްރެޓްސްއިން ގުޅިގެން މަސައްކަތްކުރުމަށް ދެ ޕާޓީއަށްވެސް ހުށަހެޅި

  • މިގޮތަށް ނިންމީ ޕާޓީގެ ހުށައެޅުންތަކަށް ކެންޑިޑޭޓުން އެއްބަސްނުވުމުން

  • ޑިމޮކްރެޓްސްގެ ކެންޑިޑޭޓަކީ ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށް ދަ ޑިމޮކްރެޓްސްއިން ނިންމައިފިއެވެ.

ޑިމޮކްރެޓްސްއިން ބުނީ މިގޮތަށް ނިންމާފައިވަނީ، އެ ޕާޓީން ހުށައެޅި ހުށައެޅުންތަކަށް އެއްވެސް ޕާޓީއަކުން އެއްބަސްނުވުމުންނެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެން ދެވަނަ ބުރުގައި ވާދަކުރައްވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ދަ ޑިމޮކްރެޓްސްއިން ވާދަކުރެއްވި ރިޔާސީ ކެންޑިޑޭޓް އިލިޔާސް ލަބީބަށް ލިބިވަޑައިގަތީ އިންތިޚާބުގެ 3 ވަނައެވެ.

އެހެންކަމުން ދެވަނަ ބުރުގައި އެކުގައި މަސައްކަތްކުރުމަށް ޑިމޮކްރެޓްސްއިން ވަނީ ދެ ޕާޓީއަށްވެސް ހުށަހެޅުންތަކެއް ހުށަހަޅާފައެވެ.


ޑިމޮކްރެޓްސްއިން ދެ ޕާޓީއަށްއަށްވެސް ހުށައެޅި އެންމެ ބޮޑު ހުށައެޅުމަކީ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށެވެ. ނަމަވެސް އެމްޑީޕީއިންވެސް އަދި ޕީޕީއެމް/ޕީއެންސީއިންވެސް ތާއީދުކުރީ އިންތިޚާބަށްފަހު ނިޒާމީ ވޯޓަކަށް ދިއުމަށެވެ. މީގެއިތުރުން ސަރުކާރުގެ ހިންގުމުގައި ޑިމޮކްރެޓްސްގެ ބައިވެރިވުން އޮތުމަށްވެސް ހުށައަޅާފައިވެއެވެ.

ޑިމޮކްރެޓްސްގެ ހުށައެޅުންތަކާމެދު ގޮތެއް ނިންމުމަށް ދެ ޕާޓީއަށް މުޙުލަތު ދިނުމަށްފަހު، މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބަންދަލުވުން ނިންމީ، އިތުރު ދެ ދުވަހުގެ މުއްދަތެއް ދިނުމަށެވެ. ނަމަވެސް އެ މުއްދަތުގައިވެސް، އެއްވެސް ޕާޓީއަކުން ޑިމޮކްރެޓްސްގެ ހުށައެޅުންތަކަށް އެއްބަސްވެފައެއް ނުވެއެވެ.

ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބްއަކީ އިންތިޚާބުގައި 3 ވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ކެންޑިޑޭޓެވެ. އިލްޔާސް ލަބީބަށް 15000 އަށްވުރެ ގިނަ ވޯޓު ފުރަތަމަ ބުރުގައި ލިބިވަޑައިގަތެވެ. ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންވެސް ދަ ޑިމޮކްރެޓްސްއާއެކު މަޝްވަރާތަކަށް ގޮސްފައިވެއެވެ. ނަމަވެސް އެ ޕާޓީގެ ހުށައެޅުންތަކަށް އެއްވެސް ކެންޑިޑޭޓަކު އެއްބަސްވެފައެއް ނުވެއެވެ.