ސިޔާސީ

އިދިކޮޅު ފަރާތްތަކުގެ ކިބައިން އިޚްލާސްތެރިކަމެއް ނުފެނޭ - ރައީސް


ސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތްކަމަށް ވިދާޅުވެ، ތުހުމަތުގެ އިނގިލި ދިއްކުރާ ފަރާތްތަކުގެ ފަރާތުން މިއަދު ފެނިގެން ދަނީ އިޚްލާސްތެރިކަމެއް ނެތް މަންޒަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، "ރައީސް ޔާމިން 2018" އަށް ކެމްޕެއިން ލީޑަރުން ތައްޔާރުކުރުމަށް ބޭއްވި 3 ވަނަ މަހާސިންތާ ނިންމާލުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ބޭނުންވާ ހަމަޖެހުމާއި، އަމާންކަމާއި ސުލްޙަ މަސަލަސްކަން ޤާއިމުކޮށްދީ، ދައުލަތުން ކޮސްދެއްވާ ކަންކަމުގެ ތެރޭގައި ޒުވާނުން ބާރުވެރިކުރުވުމާއި އަންހެނުން ބާރުވެރި ކުރުވުންފަދަ އާއްމު ނޫން ސިފަތަށް މުޖުތަމައުތެރޭ ހަރުލެއްވުމަށްކަމަށެވެ. އަދި އެއްވެސްރައްޔިތެއްގެ ހައްޤުތަކަށް އަރައިގަތުމަށް ސަރުކާރުން މަސައްކަތް ނުކުރައްވާނެކަމަށާއި، ބަދަލުގައި ރައްޔިތުންނަށް ކަށަވަރުކޮށްދެއްވަން ބޭނުންފުޅުވަނީ، ދިވެހި ކޮންމެ ރައްޔިތަކީ މިނިވަންކަމާއެކު މި ފަސްގަނޑަށް ނޭވާލާ، އުފާވެރި ދިރިއުޅުމެއް އުޅޭ، އަދި އެމީހުން ދެކޭ ހުވަފެންތައް ހަޤީޤަތަކަށް ހެދޭނެފަދަ ޤައުމަކަށް ރާއްޖެ ހެއްދެވުންކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމިން ވިދާޅުވީ، ޤައުމަށް ހަމަޖެހުން ލިބޭނީ ހަމައެކަނި ޤާނޫނު އަސާސީގެ ފޮޅުވަތްތަކަކުން ނޫންކަމަށާއި، ހިޔާލުތަފާތުވުންތަކުގައިވެސް މަޝްވަރާގެ އުސޫލު ޚިޔާރުކޮށް، ކަންކަން އިސްލާހުކުރުމުގެ ފުރުޞަތު ސަރުކާރަށް ދެއްވަންޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައީސް ޔާމިން 2018" އަށް ކެމްޕެއިން ލީޑަރުން ތައްޔާރުކުރުމަށް ބޭއްވި 3 ވަނަ މަހާސިންތާ މިމަހުގެ 17 އިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާއިރު، މިފަހަރުގެ މަހާސިންތާ އަމާޒުކޮށްފައިވަނީ މާލޭ، ހުޅުމާލެ އަދި ވިލިމާލޭގައި ހަރަކާތްތެރިވާ ޕީ.ޕީ.އެމްގެ މަންދޫބުންނަށެވެ.

ރައީސް ޔާމިންގެ ކެމްޕެއިން އޮފީހުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މި މަހާސިންތާގައި ހަތަރު ސަތޭކައަށް ވުރެ ގިނަ މަންދޫބުން ވަނީ ބައިވެރިވެފައެވެ.