ކުރީގެ ރައީސް ޔާމީނު އަބްދުލް ގައްޔޫމްގެ މައްޗައް އުފުލާފައިވާ ވ.އާރަށް ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށްލުމަށް އިއްވާފައިވާ ހުކުމްގެ އިސްތިއުނާފު ޝަރީޢަތް ލަސްވަމުންދާ ކަމަށް ބުނެ ޕީޕީއެމްގެ ލީޑަރޝިޕުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕުން ކަންބޮޑުވުން ފާޅުކުރީ، މިމައްސަލަ ލަސްވަމުންދާ ކަމަށްބުނެ ހައިކޯޓަށް ދިއުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތުދެމުންނެވެ. ޕީޕީއެމްގެ ނާއިބު ރައީސް އަބްދުރަޙީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ އަޑުއެހުންތައް ލަސްވަނީ, ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަންނަވާތީ އާއި, އެ ކޯޓުގެ ރަސްމީ ދަތުރެއް ތާވަލުކޮށްފައި އޮތުމުން ކަމަށެވެ.
ހައިކޯޓުން ބުނީ މި މައްސަލަ ބައްލަވާ ފަނޑިޔާރުން ހަމައަށް އެބަތިއްބެވި ކަމަށާއި، އެމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރަކު މިމަހުގެ 23 ން 25 އަށް ރަސްމީދަތުރެއްގައި ފުރާ ވަޑައިގަންނަވާކަމަށެވެ. އަދި އެމައްސަލަ ލަސްކުރެއްވުމަށް އެއްވެސް މަސައްކަތެއް ހައިކޯޓުން ނުކުރައްވާ ކަމަށް އެކޯޓުން ވިދާޅުވެއެވެ.
ހައިކޯޓުން ކުރިއަށްދަނީ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ ވ.އާރަށުގެ މައްސަލައިގެ އިސްތިއުނާފްގެ އަޑުއެހުންތަކެވެ. މީގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ތުހުމަތުކުރާ މަނީ ލޯންޑަރިން އަދި ރިޝްވަތުގެ އިތުރު މައްސަލައެއް ކްރިމިނަލް ކޯޓުގައި މިހާރުވެސް ކުރިއަށްދެއެެވެ.