ޚަބަރު

ކައުންސިލްތައް ބާރުވެރި ކުރުވުމަށް ޚާއްޞަ މިނިސްޓްރީއެއް އުފައްދާނަން


  • އިޤްތިސާދީ ހަބަކަށް ނޮޅިވަރަންފަރު ހަދާނަން

  • އދ.އަށް ފަތުރުވެރިކަން ފުޅާކޮށް އެއަތޮޅަށް ދިރުން ގެނުވާނަން

ރާއްޖޭގެ ކައުންސިލްތައް ބާރުވެރި ކުރުވާނެކަމަށާއި، އެކަން ކުރައްވާނީ ވަކި ޚާއްސަ މިނިސްޓްރީއެއް އުފައްދަވައިގެން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ޑރ.މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިހާރު ހއ އާއި ހދ އަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހދ ނޮޅިވަރަންފަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްވަމުންނެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުއިއްޒު ވިދާޅުވީ، ކައުންސިލްތަކަށް ބާރު ދީފައި އޮތްކަމަށް މިހާރުގެ ސަރުކާރުން ބުނިނަމަވެސް އެކަން ކައުންސިލްތަކުން ފެންނަމުން ނުދާކަމަށާ، އެއީ ނަމެއްގައި ދީފައި އޮތް ބާރެއްކަމަށެވެ. ކައުުންސިލްތަކަށް ލާމަރުކަޒީ ޤާނޫނުން ލިބިދޭ ފުރިހަމަ ބާރު ހޯދައިދެއްވާނީ ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައިކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

"ތިންބާރަކަށް ދުސްތޫރީވެރިކަން މިއޮންނަނީ އޭގެތެރެއިން ކައުންސިލްތައް މި ވަންނަނީ ސަރުކާރުން ވެރިކަމުގެ ބާރުގެ ތެރެއަށް ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސް އޮފީހާ އަދި އެނޫންވެސް ވުޒާރާތަކާ ހަމައަށް ގެނެސްދޭނީ ކައުންސިލްތަކުން އަޅުގަނޑުމެންގެ ވެރިކަމެއްގައި ކައުންސިލްތައް މިހާރަށްވުރެ ބާރުވެރިކޮށް ހަމަހަމަ ކަމާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގެ ފުރިހަމަ ބާރުދޭނަނަން" ޑr.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ނޮޅިވަރަންފަރުގައި ބޭއްވި މި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒުވަނީ މިރަށްރަށުގައި ތަރައްޤީއަށް ފަށާފައި ހުރި ގިނަ މަޝްރޫޢުތައް ނުނިމިވާކަން ފާހަގަކުރައްވާފައެވެ. އަދި ޕީޕީއެމްޕީއެންސީގެ ވެރިކަމެއްގައި މިމަޝްރޫޢުތައް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންގޮސް ނިންމާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނޮޅިވަރަންފަރުގައި ބޭއްވި މި ޖަލްސާގައި ވާހަކަދައްވަމުން ޑރ މުއިއްޒު ވިދާޅުވީ އެރަށަކީ ބޮޑު ރަށަކަށް ވުމާއެކު މެނިފެސްޓޯގައި އެކުލަވާލާފައިވާގޮތަށް އިޤްތިސާދީ މަންފާ ގެނުވޭނެ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ. އެގޮތުން އެ އަތޮޅުގައި ފަތުރުވެރިކަން ފުޅާކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ޑރ މުއިއްޒު ވަނީ ދެއްވާފައެވެ.

އޭގެ އިތުރަށް އެރަށުގެ އުމްރާނީ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ޒަމާނީ ފެންވަރަށް މަގުތައް ހެދުމާއި، ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމާއި ޞިއްޙީ ނިޒާމް ފުޅާކުރައްވާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.