ޚަބަރު

ޤައުމީ ދުވަހުގެ ދިދަނެގުމުގެ އިޙުތިފާލުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި


  • މިއަހަހަރު މި ފާހަގަކުރަނީ 80 ވަނަ ޤައުމީ ދުވަސް

  • އެންމެ ފުރަތަމަ ގައުމީ ދުވަހެއް ފާހަގަކުރީ 1946 ވަނަ އަހަރު

  • ވަޒީރުންނާ ބޭރު ޤައުމު ތަކުގެ ސަފީރުން ބައިވެރިވަޑައިގެންނެވި

1445ވަނަ އަހަރުގެ ޤައުމީ ދުވަހާއި ގުޅިގެން، ބޭއްވި ދިދަނެގުމުގެ ޚާއްޞަ އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ. ޤައުމީ ދުވަހާއި ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި، ޖުމްހޫރީ މައިދާނުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންނާ ބޭރުގައުމު ތަކުގެ ސަފީރުންގެ އިތުރުން ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


ދިދަނެގުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވުމުން، އެ މައިދާނުން އެދެކަނބަލުންނަށް، މަރުޙަބާ ދެންނެވީ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ އެވެ.

ޤައުމީ ދުވަހުގެ ދިދަނެގުމުގެ މި ޚާއްޞަ ރަސްމިއްޔާތުގައި، ދިދަ ނެގުމުގެ އިތުރުން، ދުވަހާއި ގުޅޭ ޚާއްޞަ ދުޢާއެއް ކުރުންވެސް އޮތެވެ.

ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްތާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢްޡަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުގައެވެ. މިއަހަރު ފާހަގަކުރަމުން މިދަނީ 80 ވަނަ ޤައުމީ ދުވަހެވެ. ގައުމީ ދުވަސް ފާހަގަ ކުރަންފެށީ ހިޖްރީ ގޮތުން1365 ވަނަ އަހަރުއެވެ. މީލާދީގޮތުން އެއީ 1946 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގައެވެ.