ޚަބަރު

ހުޅުމާލޭގައި އަޅާ 704 ފްލެޓްގެ މަސައްކަތް މިއަހަރު ތެރޭ ނިންމަނީ


ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމަށް ސަރުކާރުން ގެންދަވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަފާތު މަޝްރޫޢުތައް ހިންގަމުންނެވެ.

މީގެ ތެރެއިންވެސް އެންމެ ގިނަ މަޝްރޫޢުތައް އެއްފަހަރާ ކުރިއަށްދާ އެ ރަށަކީ ހުޅުމާލެއެވެ. ތަރައްޤީގެ ގިނަ މަސައްކަތްތަކަކާއެކު، ހުޅުމާލެ ވެފައިވަނީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި މީހުން އާބާދުވެގެންދިޔަ އެ ރަށަށެވެ. ހުޅުމާލޭގައި ޢިމަރާތްކުރައްވާ ފްލެޓްތަކުގެ ތެރެއިން މިއަހަރު ނިމުމުގެ ކުރިން 704 ފެލްޓް ނިންމަވައި، އެ ފެލްޓްތައް މީހުން ދިރިއުޅުމަށް ޙަވާލުކުރެވޭނެ ކަމުގައި ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މިއީ ޗައިނާގެ އެގްޒިމް ބޭންކުގެ ލޯންގެ ދަށުން އަޅުއްވާ ފެލްޓްތަކެވެ.

ސަރުކާރުން ތަންފީޒުކުރައްވާ ގެދޮރުވެރިކުރުވުމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ކުރިއަށް ގެންދަވާ ހައުސިންގ މަޝްރޫޢުތަކުގެ ތެރެއިން، ޗައިނާ އެގްޒިމް ބޭންކުގެ ލޯންގެ އެހީގައި ޢިމާރާތްކުރައްވަމުން ގެންދަވަނީ 704 ފްލެޓެވެ. މިއީ ދެކުނުގެ 4 އަތޮޅުތަކުގައި 1500 ފެލްޓް އެޅުމުގެ މަޝްރޫޢުގެ ތެރެއިން ހުޅުމާލެއަށް ބަދަލުކުރެއްވި ފްލެޓްތަކެކެވެ.

img:http://s3.psmnews.mv/images/660x400/14583172778090.jpg|ޗައިނާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ހުޅުމާލޭގައި އަޅަމުންދާ 704 ފްލެޓްގެ މަސައްކަތް ކުރިއަށްދާ ސައިޓް / ފޮޓޯ: ޕީ.އެސް.އެމް ނިއުސް

ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއަށް މަޢުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހުޅުމާލޭގައި މިހާރު ކުރިއަށްދާ ފްލެޓް އެޅުމުގެ މަސައްކަތްތަކުގެ ތެރެއިން މި އަހަރުގެ ތެރޭގައި އެގްޒިމް ބެންކުގެ އެހީގައި އަޅުއްވާ 704 ފެލެޓްގެ ހުރިހާ މަސައްކަތްތަކެއް ނިމޭނެކަމަށެވެ. އަދި މި ފްލެޓްތަކުގައި މިއަހަރުގެ ތެރޭގައި މީހުން ދިރިއުޅެން ފަށާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޗައިނާގެ އެގްޒިމް ބޭންކުގެ ލޯނުން ދެކުނުގައި ކުރިއަށްދާ ހައުސިންގ މަޝްރޫޢުތައްވެސް މިއަހަރުގެ ތެރޭގައި ނިމޭނެކަމަށް ހައުސިން މިނިސްޓަރ ވިދާޅުވިއެވެ. ދެކުނުގެ 4 އަތޮޅުގައި އަޅުއްވަމުން ގެންދަވަނީ 796 ފްލެޓެވެ. މި ފްލެޓްތައް އަޅުއްވަނީ އައްޑޫ ސިޓީ ހިތަދޫ، ހުޅުމީދޫ، ފުވައްމުލައް، ތިނަދޫ، ގައްދޫ އަދި ވިލިގިލީގައެވެ. މިއީ އަތޮޅުތެރޭގައި ހިންގަވާ ހައުސިންގް އެންމެ ބޮޑު މަޝްރޫޢެވެ.