ޚަބަރު

ލ.އަތޮޅު ބޮޑު މަގުގެ މަސައްކަތް ނިމުމަކާ ކައިރިވެއްޖެ


ލ.އަތޮޅު ބޮޑު މަގުގެ މަސައްކަތް ކުރިއަށް އޮތް 4 މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މި މަސައްކަތް ކުރަމުންދާ ޗައިނާގެ ކުންފުންޏާއި ޙަވާލާދެއްވާ ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، މަސައްކަތުގެ ސްޕީޑަށް ބަލާއިރު، ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. ނަމަވެސް އެގްރިމެންޓްގައިވަނީ އޯގަސްޓު މަހު ނިންމާ ގޮތަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މަގުގެ މަސައްކަތާއެކު، ފޮނަދުއާއި ކައްދޫއާއި ދެމެދު އޮތް ކޯޒްވޭ ވެސް އަލުން ހެދުމަށް ހަމެޖެހިފައިވާ ކަމަށާއި، އަދި މާންދޫއާއި ކައްދުއާއި ދެމެދުއޮތް ކޯޒްވޭ ވެސް ހެދިގެންދާނެ ކަމަށެވެ. 

ލ.އަތޮޅު ފޮނަދޫ، ކައްދޫ، މާންދޫ، އަދި ގަން ގުޅުވައިދޭ ބޮޑު މަގަކީ، 16 ކިލޯ މީޓަރުގެ ދިގު މަގެކެވެ. މި މަގު ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ހެދުމަށް އެހީ ދެއްވާފައިވަނީ ޗައިނާ ސަރުކާރުންނެވެ.  220 މިލިއަން ރުފިޔާގެ މި މަޝްރޫޢަކީ، ކައްދޫ އެއަރޕޯޓް ހެދުމަށް 1980 ގެ އަހަރުތަކުގައި ކުރިއަށްގެންދިޔަ މަޝްރޫޢަށްފަހު ލ.އަތޮޅުގައި ކުރިއަށްގެންދާ ޢުމުރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢެވެ. މި މަސައްކަތް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު، ތާރުގެ މަސައްކަތުގެ 50 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެންމެ އުނދަގޫ ބޮޑެތި މަސައްކަތްތައް ނިންމާލެވިފައިވާ ކަމަށާއި، އެގޮތުން މަގުތައް ލެވެލް ކުުރުމުގެ މަސައްކަތާއި، ތާރުގެ މަސައްކަތްވެސް ނިމިފައިވާކަން އެ މިނިސްޓްރީން ފާހަގަކުރައްވައެވެ. ތާރުގެ މަސައްކަތް ފޮނަދޫގައި ނިމުމަކާ ކައިރިވެފައިވާއިރު، ކައްދޫ އަދި މާންދޫގައި މަގުގެ އެއް ފަރާތުގައި ތާރުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި ގަމުގެވެސް ބައެއް ސަރަޙައްދުތަކުގައި ތާރުގެ މަސައްކަތް ފެށިފައިވާކަން ފާހަގަކޮށްލެވެއެވެ. 

ލ.އަތޮޅުގެ ވެރިކަންކުރާ ރަށް ފޮނަދޫއާއި، ކައްދޫ އެއަރޕޯޓާއި، މާންދޫ ފިޝަރީޒް ކޮމްޕްލެކްސް، އަދި އެންމެ ޢާބަދީ ބޮޑު ރަށް ގަން ގުޅުވައިދޭ މަގުގެ ސަބަބަުން ލ.އަތޮޅަށް ބޮޑެތި ތަރައްޤީތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި މަޝްރޫޢަކީ އިގްތިޞާދީ މަސައްކަތްތައް އިތުރުވެ، އާބަދީ އެއްފަސް ކުރުމަށްވެސް ލިބިގެންދާނެ ބާރެކެވެ.