ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، ނުވަތަ އެސްއެމްއީ ބޭންކުން މިހާތަނަށް 1600އަށްވުރެ ގިނަ މީހުންނަށް 1.7 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފިއެވެ. އެސްއެމްއީ ބޭންކު އުފައްދަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން 2019 ވަނަ އަހަރުގެ މާރޗް މަހުގެ 18 ވަނަ ދުވަހުއެވެ.
ކުދި ވިޔަފާރިތަކަށް ވިޔަފާރި ފެށުމަށް ނުވަތަ ވިޔަފާރި ފަށައިގެންވެސް ބޭނުންވާ މާލީ އެހީތެރިކަން ހޯދުން މީގެކުރިން ވެފައިވަނީ ދަތި އުނދަގޫ ކަމަކަށެވެ. ސަބަބަކީ މާލީ އިދާރާތަކުން މިފަދަ ވިޔަފާރިތަކަށް ފަސޭހައިން ލޯނު ލިބޭނެ މަގު ފަހިވެފައި ނެތުމެވެ.
ނަމަވެސް އެސްއެމްއީ ބޭންކް ވުޖޫދުވުމާއިއެކު ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކުގެ މި ކަންބޮޑުވުމަށް ވަނީ ހައްލެއް ލިބިގެން ގޮސްފައެވެ. އެސްއެމްއީ ބޭންކުން މަސައްކަތް ކުރަމުންދަނީ މި ވިޔަފާރިތަކަށް ވީހާވެސް ފަސޭހަކޮށް އިންތިޒާމްތައް ހަމަޖައްސައިދިނުމަށެވެ. އެހެންކަމުން މާލީ އެހީ ލުއި އިންޓްރެސްޓު ރޭޓެއްގައި ވިޔަފާރިތަކަށް ފޯރުކޮށްދެއެވެ. އަދި މިކުންފުނިން ދޫކުރާ ލޯންތަކަށް ރަށުގައި ތިބެގެން އޮންލައިންކޮށްވެސް ހުށަހެޅުމުގެ ފުރުސަތު އޮވެއެވެ.
ސަރުކާރުން ވިދާޅުވީ، އެސްއެމްއީ ބޭންކުން މިހާތަނަށް 1638 ފަރާތަކަށް ލޯނު ދޫކޮށްފައިވާކަމަށެވެ. އަދި އެ ލޯނުތަކުގެ ޖުމްލަ ޢަދަދު 1.7 ބިލިއަން ރުފިޔާއަށް އަރައެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، އިޤްތިޞާދީ ތަރައްޤީގައި މިފަދަ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެސްއެމްއީ ބޭންކް މެދުވެރިކޮށް މިހާތަނަށް 1638 ފަރާތަކަށް 1.7 ބިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކުރެވިފައި. pic.twitter.com/FAN1tlWh5i
— Government of Maldives (@governmentmv) August 17, 2023
މި ބޭންކުން 5 ދާއިރާއަކުން އަންނަނީ ވިޔަފާރިތަކަށް ލޯނު ދޫކުރަމުންނެވެ. އެއީ ރަށު ފަތުރުވެރިކަން، ދަނޑުވެރިކަން، މަސްވެރިކަން، އުފެއްދުންތެރިކަމާއި ގުޅުންހުރި ވިޔަފާރިތައް އަދި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއެވެ.
މި ބޭންކުން ޚާއްސަ އިސްކަމެއްދީގެން އަންހެނުންނަށްވެސް އަންނަނީ ލޯނު ދޫކުރަމުންނެވެ. އެސްއެމްއީ ބޭންކު މެދުވެރިކޮށް ލޯނު ލިބުނު ފަރާތްތައްވެސް މި ބޭންކަކީ އެ ވިޔަފާރިތަކަށް ލިބިގެންދިޔަ ބޮޑު އުފަލެއްގެ ގޮތުގައި ސިފަކުރެއެވެ.
އެސްއެމްއީ ބެންކުގެ ހަމައެކަނި ޒިންމާއަކީ ލޯނު ދިނުމެއް ނޫނެވެ. އޭގެ ބަދަލުގައި އެސްއެމްއީ ބޭންކް މެދުވެރިކޮށް ފަންނީ އެހީތެރިކަން ދީގެން ކާމިޔާބު ވިޔަފާރިއަކަށް އެ ވިޔަފާރިތައް ހެދުމަކީވެސް އެސްއެމްއީ ބޭންކުގެ ވަރަށް ބޮޑު މަޤްޞަދެކެވެ.