ވިޔަފާރި

މާވަށުގައި 25 ޓަނުގެ އައިސް ޕްލާންޓަކާއި 50 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް


  • މި މަސައްކަތުގެ އަގަކީ 5.5 މިލިއަން ރުފިޔާ

  • 6 މަސްދުވަހުގެ ތެރޭގައި ނިންމަންޖެހޭނެ

  • 50 ޓަނުގެ ކޯލްޑް ސްޓޯރޭޖެއްވެސް ޤާއިމްކުރާނެ

ލ. މާވަށުގައި އައިސް ޕްލާންޓެއް އަދި ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.

ޕިޝަރީޒް މިނިސްޓްރީން ވިދާޅުވީ، ލ. މާވަށުގައި އަޅަނީ 25 ޓަނުގެ އައިސްޕްލާންޓަކާއި 50 ޓަނުގެ ކޯލްޑް ސްޓޯރޭޖެއްކަމަށާއި އެއީ 5.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މި މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 6 މަސް ދުވަސްކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

އައިސް ޕްލާންޓް އަދި ކޯލްޑް ސްޓޯރޭޖް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ހުސައިން ރަޝީދު ހަސަންއާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައީދު މުޙައްމަދުއެވެ.

މަސްވެރިންނަށް ފަސޭހައިން އަވަސްކަމާއިއެކު އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ސަރުކާރުން ދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އައިސް ޕްލާންޓްތަކާއި ކޯލްޑް ސްޓޯރޭޖްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ އައިސް ހޯދަން ކުރަންޖެހޭ ދިގު ދަތުރުތަކަށް ނިމުމެއް ގެނައުންކަމަށްވެސް ސަރުކާރުން ބުނެއެވެ.