ޤައުމީ ހަމަޖެހުން ޤާއިމްކުރުމަށް މަދަރުސާއިން ދެވޭ ތަޢުލީމާއި ރަނގަޅު ތަރުބިއްޔަތު މުހިންމު ދައުރެއް އަދާކުރާކަމަށް ވިދާޅުވެ. ސްކޫލް ދަރިވަރުން ތަރުބިއްޔަތުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ޓީޗަރުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެދިވަޑައިގަންނަވައިފިއެވެ. އެ މަނިކުފާނު މިކަމަށް އެދިވަޑައިގަތީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވި "ކެމްބްރިޖް ޓީޗަރސް ޖޮބް-އެލައިކް ސެޝަން" ނިންމުމުގެ ރަސްމިއްޔާތުގައި ވާޙަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ މުޖްތަމައެއް ބިނާ ކުރުމާއި ރަނގަޅު ޖީލެއް ބިނާ ކުރުމަށްޓަކައި މުދައްރިސުއްނަކީ ވަރަށް މުހިންމު ބައެއްކަމަށެއެވެ. އެގޮތުން މުޖްތަމަޢުއަށް ބޭނުންވާކަހަލަ ދަރިންތަކެއް އުފެއްދުމަށް ދުނިޔޭގެ ބަދަލުވަމުންދާ ކަންތައްތަކަށް ހޭލުންތެރިވުން މުހިންމު ކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ. އެގޮތުން ތައުލީމީ ދާއިރާއަށްވެސް އަންނަމުންދާ ކަންތައްތަކަށް ކޮންމެ މުދައްރިސެއްވެސް ވިސްނުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ނާއިބު ރައީސް ވަނީ ތަޢުލީމީ ދާއިރާއިން ތަމްރީނުތައް ހިންގައި މީހުން ބިނާކުރުމަށާއި، ޓީޗަރުންނަށް ރަނގަޅު އުޖޫރައެއް ހަމަޖައްސައިދިނުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ.
"ކެމްބްރިޖް ޓީޗަރސް ޖޮބް-އެލައިކް ސެޝަން" ސެޝަންގެ މުހިންމުކަން ފާހަގަކުރައްވަމުން ނައިބް ރައީސް ވިދާޅުވީ މިފަދަ ޓްރެއިނިންތަކަކީ ތައުލީމީ ދާއިރާ އިތުރައް ހަރުދަނާކުރުމަށް ކުރެވޭ މުހިންމު މަސެއްކަތެއްކަމަށެވެ.
"އަޅުގަނޑު ހަމަ ތިބޭފުޅުއްނަށް ދަންނަވާލަން އޮތީ ހުއްޓާނުލައްވާށޭ. އިލްމު އުނގެނުމަކީ އަދި ސެލްފް އިމްޕްރޫވްމަންޓަކީ ދުވަހަކު ނިމުމެއް އަންނަކަމެއްނޫން. އަޅުގަނޑުމެން ކޮންމެ ދުވަހަކު ކޮފީ މޭޒެއް ކައިރީގައި އިށީނދެވުނަސް ރައްޓެއްސަކާއި ދިމާވިއަސް އާ ކަންތައްތައް ދަސްވޭ. އޭގެ ހެޔޮ ނަތީޖާ މުޅިގައުމައް މި އައްނަނީ. އެހެންވީމައި ތިބޭފުޅުން ކުރައްވާ ބުރަ މަސައްކަތް އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލައިގަންނަން. އަޅުގަނޑު މި މަގާމުގައި އަދި އަމިއްލަ ހައިސިއްޔަތުންވެސް އަޅުގަނޑު އެބަޔަކަށްޓަކައި ފަހުރުވެރިވާނެ އެބަޔަކަޓަކައި އަޅުގަނޑުގެ ހިތުގެ އަޑިން އެ ޝުކުރުވެރިކަން އަޅުގަނޑުގެ ހިތު ތެރޭގައި އޮތްނާނެ ބަޔަކީ ދިވެހި ރާއްޖޭގައި ހިމެނޭ ހުރިހާ މުދައްރިސުން" ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވިއެވެ.
"ކެމްބްރިޖް ޓީޗަރސް ޖޮބް-އެލައިކް ސެޝަން"ގެ ނަމުގައި ބޭއްވި މި މިފޯރަމަކީ، އިންޑިޔާގެ ޝްރީ އެޑިޔުކެއަރ ލިމިޓެޑްގެ މާލީ އެހީގައި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް އާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގުޅިގެން އިންތިޒާމުކޮށްފައިވާ ފޯރަމެކެވެ.
މި ފޯރަމަކީ މުދައްރިސުންގެ ފެންވަރުމަތި ކުރުމާ، އޯ ލެވެލަށް ކިޔަވައިދިނުމުގައި މުދައްރިސުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް މަޝްވަރާގެ އަލީގައި ޙައްލު ހޯދުމާ، އުނގަންނައި ދިނުމުގެ މާޙައުލުން ކުރެވޭ ތަފާތު ތަޖުރިބާ ޙިއްސާ ކުރުމުގެ ތެރެއިން އުނގެނުން ފަހި ކުރުމުގެ މަޤުޞަދުގައި ބޭއްވި ފޯރަމެކެވެ. މި ފޯރަމުގައި މާލޭ ސަރަޙައްދުގެ ސްކޫލް ތަކުގެ ގްރޭޑް 10،9 އަށް ކިޔަވައިދެއްވާ 257 ޓީޗަރުން ބައިވެރިވިއެވެ. މި ފޯރަމްގައި މަޢުލޫމާތު ދީފައިވާ މާއްދާ ތަކުގެ ތެރޭގައި އިނގިރޭސި ،ހިސާބު،ފިޒިކްސް، ކެމިސްޓްރީ ، ބައޮލޮޖީ، ގެ އިތުރުން އާރޓް އެންޑް ޑިޒައިން އަދި ކޮމްޕިއުޓަރ ސައިންސާއި މެރިންސައިންސް ހިމެނޭއިރު ފޯރަމުގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވާފައި ވަނީ، ރާއްޖެއާ ރާއްޖޭން ބޭރުގެ ތަޖުރިބާކާރު ބޭފުޅުންނެވެ.
އެކި ސެޝަންތަކަށް ބަހާލައިގެން މިއަދު ބޭއްވި މި ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިފޯރަމްގައި ބައިވެރިވެރިވި ސްކޫލްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.