ޚަބަރު

2015 ގައި 414 ފަރާތަކަށް އިތުރުފުރުޞަތު ދީފައިވާނެ - ޕީޖީ


ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ ފަރާތްތަކަށް އިތުރު ފުރުޞަތު ދެއްވުމުގެ އުޞޫލުގެ ދަށުން ވޭތުވެދިޔަ އަހަރު 414 ފަރާތަކަށް އިތުރު ފުރުޞަތު ދެއްވައިފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އަލްއުސްތާޛާ އައިޝަތު ބިސާމް ވިދާޅުވެއްޖެއެވެ. އިތުރު ފުރުޞަތު ދެއްވުމުގެ އުޞޫލަކީ ދައުލަތުގެ ބަނޑާރަނައިބު ކަނޑައަޅުއްވައިފައިވާ ޖިނާއީ މައްސަލަތަކުގައި އަމަލުކުރައްވާނެ ސިޔާސަތުގެ ދަށުން ކަނޑައަޅުއްވައިފައިވާ އުސޫލުތަކެވެ.

އަލަށް ޢަމަލުކުރައްވަން ފެއްޓެވި ކުއްކުރާ ފަރާތްތަކަށް ދެވަނަ ފުރުޞަދު ދެއްވުމުގެ އުޞޫލުގެ ދަށުން ވޭތުވެދިޔަ އަހަރު 546 މައްސަލައެއްގައި ގޮތެއް ކަނޑައަޅުއްވައިފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކުރައްވައެވެ. އޭގެ ތެރެއިން 414 ފަރާތަކަށް މައްޗަށް ދައުވާ ނުކުރެއްވުމަށް ނިންމަވާ ދެވަނަ ފުރުޞަތު ދެއްވައިފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛާ އައިޝަތު ބިސާމް ވިދާޅުވިއެވެ.

ކުށުގެ ތުހުމަތު ކުރެވޭ ފަރާތްތަކަށް އިތުރު ފުރުޞަތު ދެއްވުމާބެހޭ އުޞޫލުގައިވާގޮތުން އިތުރު ފުރުޞަތު ދިނުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަމުގެ ތެރޭގައި ކުށުގެ ކުޑަ ބޮޑުމިނާއި ކުށުގެ ބާވަތް ހިމެނެއެވެ. ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛާ އައިޝަތު ބިސާމް ވިދާޅުވީ ވޭތުވެދިޔައަހަރު މިކަންކަމަށް ބެއްލެވުމަށްފަހު 133 ފަރާތަކަށް އިތުރު ފުރުޞަތު ދޭން ނުފެންނަކަމަށް ނިންމަވައިފައިވާކަމަށެވެ.

ބަންޑާރަނައިބު ކަނޑައަޅުއްވާފައިވާ ޖިނާއީ މައްސަލަތަކުގައި އަމަލުކުރައްވާނެ ސިޔާސަތުގައިވަނީ ފުރަތަމަ ފަހަރަށް ކުށްކުރާ، އަދި ނިސްބަތުން ކުދި ކުށްކުރާ ފަރާތްތަކަށް ކުށުގެ ޢަމަލު ހިންގި ގޮތަށް ރިއާޔަތްކުރެއްވުމަށްފަހު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއަށް ވީވަރަކުން ނުވަންނަގޮތައް ކަންކަން ހަމަޖައްސަވަން ވާނެކަމަށެވެ ޕީޖީ ވިދާޅުވީ މި އުސޫލު އިތުރަށް ހަރުދަނާކުރެއްވުމުގެގޮތުން ވޭތުވެދިޔަ އަހަރު އިތުރު ފުރުޞަތު ދިނުމާބެހޭ ކޮމިޓީގައި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ އިތުރު މުއައްޞަޞާތައް ހިމަނުއްވައިފައިވާކަމަށެވެ.

އެ އޮފީހުން ތައާރަފްކުރައްވައިފައިވާ އަވަހަށް ދައުވާ ކުރެއްވުމުގެ އުޞޫލުގެ ދަށުން 40 މައްސަލައެއްގައި ދައުވާ އުފުއްލަވާފައިވާކަމަށްވެސް ޕޮރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މައުލޫމާތުދެއްވައެވެ.