ވިޔަފާރި

ފުރަތަމަ 6 މަސްދުވަސް ނިމުނުއިރު ގްރީން ފަންޑުގައި 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ


  • ގްރީން ޓެކުހުގެ ގޮތުގައި އެންމެ ބޮޑު ޢަދަދެއް ލިބުނީ މާރޗް މަހު

  • ގްރީން ފަންޑުން އެންމެ މަދުން ހޭދަކޮށްފައިވަނީ މެއި މަހު

  • ގްރީންފަންޑުން ބޮޑަށް ޚަރަދުކުރަނީ ތިމާވެށީގެ މަޝްރޫޢުތަކަށް

މިއަހަރުގެ ފުރަތަމަ 6 މަސްދުވަސް ނިމުނުއިރު ގްރީން ފަންޑުގައި 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހުރިކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ގްރީން ފަންޑު ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި ބާކީހުރި ޢަދަދާއި، މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ގްރީޓް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއާއެކު ގްރީން ފަންޑުގައި މިހާރު 1.01 ބިލިއަން ރުފިޔާ އެބަހުއްޓެވެ.

ރާއްޖޭގައި ގްރީން ޓެކްސް ނަގަމުން އަންނަނީ އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓުތަކާއި، ރިސޯޓު ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން ކޮންމެ ދުވަހަކަށް، މީހަކަށް 6 އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ.

އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް 6 އެމެރިކާ ޑޮލަރު، އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް 3 ޑޮލަރުގެ ރޭޓުންނެވެ.

ފުރަތަމަ 6 މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ ޢަދަދު:

* ޖެނުއަރީ - 100.7 މިލިއަން ރުފިޔާ
* ފެބުރުވަރީ - 91.8 މިލިއަން ރުފިޔާ
* މާރިޗް - 105.4 މިލިއަން ރުފިޔާ
* އެޕްރީލް - 94.9 މިލިއަން ރުފިޔާ
* މެއި - 83.0 މިލިއަން ރުދިޔާ
* ޖޫން - 50.2 މިލިއަން ރުފިޔާ

ފުރަތަމަ 6 މަސް ދުވަހު ގްރީން ފަންޑުން ކޮށްފައިވާ ޚަރަދު

* ޖެނުއަރި - 74.5 މިލިއަން ރުފިޔާ
* ފެބްރުވަރީ - 66.0 މިލިއަން ރުފިޔާ
* މާރިޗް - 77.4 މިލިއަން ރުފިޔާ
* އެޕްރީލް - 35.8 މިލިއަން ރުފިޔާ
* މެއި - 7.6 މިލިއަން ރުފިޔާ
* ޖޫން - 26.2 މިލިއަން ރުފިޔާ

ގްރީން ފަންޑުން ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫއުތަކަށް ދަނީ ޚަރަދުކުރަމުންނެވެ. އޭގެތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ.