ވިޔަފާރި

މިދިޔަ 4 އަހަރުތެރޭގައި މިފްކޯއިން މަސްވެރިންނަށް 4.4 ބިލިއަން ރުފިޔާ


  • އަމާޒަކީ ފެސިލިޓީތައް އަޕްގަރޭޑްކޮށް މަސްވެރިންގެ އާމްދަނީ 2 ގުނަ އިތުރުކުރުން

  • މިއަހަރުގެ މިހާތަނަށް މަސްވެރިންނަށް 684 މިލިއަން ރުފިޔާ ދޫކުރެވިއްޖެ

މިދިޔަ 4 އަހަރުގެ ތެރޭގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް، މިފްކޯއިން މަސްވެރިންނަށް 4.4 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، ފާއިތުވި އެއްވެސް ދައުރެއްގައި މިފްކޯގެ ފެސިލިޓީތަކަށް މަސް ކިރާފައި ނުވާ މިންވަރަށް މިދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި މަސް ކިރާފައިވާކަމަށެވެ. މިއާއިއެކު މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ އަދަދުވެސް އިތުރުވެފައިވާކަން އިސްމާއިލް ފާހަގަކުރެއްވިއެވެ. އެގޮތުން ނިމުނު 4 އަހަރުގެ ތެރޭގައި މަސްވެރިންނަށް 4.4 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް އިސްމާއިލް ވިދާޅުވިއެވެ.

ހުސްވި 2022 ވަނަ އަހަރަކީ މިފްކޯގެ ތާރީހުގައިވެސް އެންމެ ގިނަ އަދަދެއްގެ މަސްގަނެ އެންމެ ބޮޑު އަދަދެއް މަސްވެރިންނަށް ދޫކުރި އަހަރެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު މިއަހަރުގެ މި މުއްދަތުގައި މިފްކޯއަށް ކިރާފައިވާ މަހުގެ އަދަދާއި ދޫކޮށްފައިވާ ފައިސާގެ އަދަދު އިތުރުކަން އިސްމާއިލް ފާހަގަކުރެއްވިއެވެ.

“މިފްކޯއަށް މިދިޔަ އަހަރު އަޅުގަނޑުމެން ގަތިން 63000 ޓަނު. 1 ބިލިއަން ރުފިޔާގެ އާމްދަނީ މަސްވެރިންނަށް ލިބުނު. އެހެންވީމަ މިއަހަރު މިހިސާބަށް އައިއިރު މެއި ނިމުނުއިރު އަޅުގަނޑުމެންނަށް 40،000 ޓަނާއި ހަމަކޮށްފި. އޭގެ މާނައަކީ މިދިޔަ އަހަރުގެ %60 އަޅުގަނޑުމެންނަށް ގަނެވިއްޖެ. މިއަހަރުގެ މިހާހިސާބަށް 41،000 ޓަނު އަޅުގަނޑުމެންނަށް ގަނެވިއްޖެ. މަސްވެރިންނަށް 684 މިލިއަން ރުފިޔާ ދޫކުރެވިއްޖެ. މި 4 އަހަރު 4.4 ބިލިއަން ރުފިޔާ ދޫކުރެވިއްޖެ.” އިސްމާއިލް ވިދާޅުވިއެވެ.

މިފްކޯގެ މަސް ގަންނަ ކާރުހާނާތައް އަޕްގްރޭޑްކޮށް ކެޕޭސިޓީ އިތުރުކުތުމުގެ ބިޔަ ޕްރޮޖެކްޓެއް ސަރުކާރުން ދަނީ ހިންގަމުންނެވެ. މިފްކޯއަށް އިތުރުކުރެވޭ ކެޕޭސިޓީއާއިއެކު މަސައްކަތް ކުރަމުންދަނީ މަސްވެރިންނަށް ދޫކުރެވޭ ފައިސާގެ އަދަދު ދެގުނަކޮށް މަސްވެރިންގެ އާމްދަނީ އިތުރުކުރުމަށްކަމަށް މިފްކޯއިން ވިދާޅުވެއެވެ. އަދި ތާޒާކަމާއިއެކު މަސް ގަނެ އެ ޕްރޮސެސްކޮށް ވެލިއު އެޑްކުރުމަށްފަހު އެކްސްޕޯޓްކުރުމަށްވެސް މަސައްކަތް ކުރަމުންދާކަމަށް މިފްކޯއިން ހާމަކުރެއެވެ.