ޚަބަރު

ޒަމާނާ އެއްގޮތަށް ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަކީ ރައީސްގެ ބޮޑު އަމާޒެއް: ފައިޞަލް


  • ފުލުހުންގެ 35 ވަނަ "އިނީޝިއަލް ޓްރެއިނިންގ" ނިންމާލައިފި

  • މިތަމްރީން ފުރިހަމަކޮށް ފުލުހުންގެ ޙިދުމަތައް 192 ފުލުހަކު ވަނީ ނުކުމެފައި

ޒަމާނީ ވަޞީލަތްތައް ހޯދައި ޒަމާނާއި، އެެއްގޮތަށް ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކުރައްވާ މަސައްކަތްޕުޅަކީ ފާހަގަކޮށްލެވޭ މަސައްކަތްޕުޅެއްކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހިންގި ފުލުހުންގެ 35 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިދިޔަ މާރިޗުމަހުގެ 12 ވަނަ ދުވަހުން ފެށިގެން ޖުލައި 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޯހަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ފުލުހުންގެ ޚިދުމަތަށް މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށާއި، ފުލުހެއްގެ މަސްއޫލިއްޔަތު އެންމެ އެދެވޭގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މުހިންމު ހުނަރާއި އިލްމު އަދި މައުލޫމާތު އުނގަންނައިދިނުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދިޔަ ކޯހެކެވެ.

48 އަންހެން ބައިވެރިންނާއި 172 ފިރިހެން ބައިވެރިން މި ކޯހުގައި ބައިވެރިވެ 192 ބައިވެރިން ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައިވެއެވެ.

އަސާސީ ތަމްރީނު ކޯހުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ނާއިބު ރައީސް ފައިސަލް ނަސީމް ވަނީ ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަދި ރައްޔިތުންގެ އިތުބާރު ހޯދައި ފުލުހުންގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޒަމާނީ ވަޞީލަތްތައް ހޯދައި ޒަމާނާ އެއްގޮތަށް ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކުރައްވާ މަސައްކަތްޕުޅު ނާއިބު ރައީސް ފާހަގަކުރެއްވިއެވެ.

ނާއިބު ރައީސް ވިދާޅުވީ ޤައުމެއްގައި ދިރިއުޅޭ ރައްޔިތިތަކަށް އެންމެ ބޭނުންވާ އެއްކަމަކީ އަމާންކަމާއި ރައްކާތެރިކަން އެގައުމެއްގައި ކަށަވަރުވެފައި އޮތް ވެއްޓެއް ގާއިމްވުންކަމަށެވެ. އަދި އެކަމަށްޓަކައި ރައްޔިތުންނާއި އެންމެ ގާތުން އަބަދުވެސް މަސައްކަތް ކުރާނީ ފުލުހުންކަމަށާއި، އެގޮތުން ގައުމުގެ ރައްޔިތުންގެ އިޖްތިމާއީ ކަންކަން ރަނގަޅު ކުރުމަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

"ކޮންމެ ގައުމެއްގައިވެސް ތަފާތު އެކިއެކި މައްސަލަތައް ހުންނާނެ، ރައްޔިތުންގެ މެދުގައި ތަފާތު އެކިއެކި ކަންތައްތައް އަބަދުވެސް ހިނގާނެ އެގޮތުން އަޅުގަނޑުމެންނަށްވެސް ދުވަހުން ދުވަހަށް އިސްލާޙްކުރަންޖެހޭ ކަންކަން އަންނަނީ ކުރިމަތިވަމުން. އެކަންކަން ހައްލުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ފުލުހުން އަންނަނީ ކުރަމުން އަދި ޒުވާނުން މިކަންކަމުގެ ތެރެއަށް ނުވަދެ ގައުމަށް ހިދުމަތް ކުރުމުގެ ރޫހް އާލަން ކުރަންޖެހޭ" ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

ނާއިބު ރައީސް ފައިސަލް ނަސީމްގެ ވާހަކަފުޅުގައި އަސާސީ ތަމްރީންކޯސް ފުރިހަމަކުރި ފުލުހުންނަށް މަރުހަބާ ދެންނެވިއެވެ. އަދި ކޯހުގައި ކިޔަވައިދެއްވި އިންސްޓްރަކްޓަރުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް، އެފަރާތްތަކަށްވެސް ނާއިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި މި ކޯހުން ވަނަވަނައަށް އައި ފުލުހުންނަށް ސެޓްފިކެޓާ ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްޙޫރިއްޔާގެ ނާއިބު ފައިސަލް ނަސީމްއެވެ.

މި ކޯހުން އެއްވަނަ ހޯދައި ކޮމިޝަނާރސް އެކްސަލަންސް އެވޯޑް ހާސިލްކޮށްފައިވަނީ ތ.ދިޔަމިގިނލި/ދުވެލި ކޮންސްޓަބަލް ރިޝްވާން އިބްރާޙިމްއެވެ. ކޯހުން ދެވަނަ ހާސިލްކޮށްފައިވަނީ ހއ ވަށަފަރު/ފަހާގޭ ކޮންސްޓަބަލް މުސާއިދު މުޙައްމަދެވެ. ތިންވަނަ ހާޝިލް ކުރީ ތ.ގުރައިދޫ އޮނުތޫރި ކޮންސްޓަބަލް އަލީ ސިމާހުއެވެ. މި ކޯހުން އެންމެ މޮޅު ސްކްޑަކަށް ހޮވުނީ އައިނީލާ ސްކޮޑެވެ.

މި ރަސްމިއްޔާތުގައި ތަމްރީން ފުރިހަމަކޮށް ފުލުހުންގެ ޤައުމީ ޙިދުމަތަށް އަލަށް ނުކުތް ފުލުހުންނަށް ވަނީ އަޒުމް ލައިދީފައެވެ. އަޒުމް ލައިދެއްވީ އެކްޓިން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރެއިނިންގ އެންޑް އެޑިއުކޭޝަން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސޮބާޙްއެވެ.

މި ރަސްމިއްޔާތުގައި ތަމްރީން ފުރިހަމަކޮށް ފުލުހުންގެ ހިދުމަތައް ނުކުތް ފުލުހުން ޝަރަފްގެ ހިނގާލުމެއްވެސް ވަނީ ބާއްވާފައެވެ.

މި ކޯހަކީ ޔުނިވާސިޓީ ޕްރޕަރޭޝަން ޕޮރޮގްރާމެއްގެ ގޮތުގައި ފާސްކުރެވިފައިވާ ތަމްރީނު ޕޮރޮގްރާމެކެވެ. ޒަމާނީ ގޮންޖެހުންތަކާއި އެކު ރައްޔިތުންނަށް އެންމެ އެކަށޭނަ ޚިދުމަތެއް ފޯރުކޮށް ދެވޭނެ، ފުލުހުންނަށް ރައްޔިތުން ކުރާ އިތުބާރާއި ޔަޤީންކަން ދެމެހެއްޓަނިވި ޝަޚްޞިއްޔަތުތަކެއް ބިނާކުރުމަށް ބޭނުންވާ އެންމެހާ ބައިތައް މިކޯހުގެ ތެރޭގައި ވަނީ ކިޔަވައިދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްޙޫރިއްޔާގެ ނާއިބު ފައިސަލް ނަސީމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންނާއި އައްޑޫ ސިޓީގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާއި، ފުލުހުންގެ އިސް އޮފިސަރުންނާއި މި ކޯހުގެ ބައިވެރިންގެ ބެލެނިވެރިން ބައިވެރިވިއެވެ.