ޚަބަރު

މިނިވަންދުވަސް ފާހަގަކުރުމަށް އައްޑޫގައި ކުރިއަށްދިޔަ ހަރަކާތްތަކުގައި ނާއިބު ރައީސް ބައިވެރިވެޑައިގެންފި


  • ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތު މިއަދު އައްޑޫގައިވެސް ބޭއްވި

  • ޤައުމަށް ކުޑަނަމަވެސް ޚިދުމަތެއް ކޮށްދިނުމަކީ އުފަލެއްކަމުގައި ހަދަންޖެހޭކަމަށް ނައިބު ރައީސް ވިދާޅުވި

  • އައްޑޫގައިވެސް ކުލަގަދަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވޭ

ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން އައްޑޫސިޓީގައި މިއަދު ހެނދުނު ބޭއްވެވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތާ މިނިވަންދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މިއަދު ހެނދުނު 6:00 ގައި އައްޑޫ ސިޓީ ހިތަދޫގެ ސިޓީ ސްކެއަރގައި ބޭއްވެވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރާއި ސިޓީ ކައުންސިލުގެ މެންބަރުންނާއި އައްޑޫ ސިޓީގައި ހުރި ދަޢުލަތުގެ އެކި މުޢައްސަސާތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެއަށްފަހު ދުވަހާ ގުޅޭ ޖަލްސާއެއް ވަނީ ބާއްވާފައެވެ. ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް އައްޑޫސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން މިއަދު ހެނދުނު އައްޑޫ ހައި ސްކޫލުގެ ހޯލުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާފައި ވަނީވެސް ނާއިބު ރައީސް ފައިސަލް ނަސީމްއެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނާއިބު ރައީސް ފައިސަލް ނަސީމް ވަނީ މިނިވަންދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އައްޑޫ ސިޓީއާ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފޮނުއްވާފައެވެ. ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، ޤައުމަށްޓަކައި ކޮންމެ ފަރުދަކުވެސް ކުޑަނަމަވެސް ޚިދުމަތެއް ކޮށްދިނުމަކީ އުފަލެއްކަމުގައި ހަދަންޖެހޭކަމަށެވެ.

މިނިވަން ދުވަހުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖެއަށް މިނިވަންކަން ހޯދައިދެއްވި ޤައުމީ އަބުޠާލުން އެކުރެއްވި މަތިވެރި ޖިހާދުގެ ހަނދާން އައުކޮށް އެ ބޭފުޅުންގެ ޒިކުރާ އައުކުރަންޖެހޭކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި މި ސަރުކާރުން އެންމެ އިސްކަމެއްދޭ ކަމަކީ ޤައުމުގައި ހަމަޖެހުން ޤާއިމުކުރުންކަން ފާހަގަކުރެއްވިއެވެ. އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރެވޭ އެކި މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން އެމަނިކުފާނު ވަނީ ސަރުކާރުން މިހާރު އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކާއެކު އައްޑޫސިޓީއަށް އިންގިލާބީ ބަދަލެއް ގެނެވޭނެކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ޤައުމުގެ ތަރައްޤީ ޙާޞިލުކުރުމުގައި ޒުވާނުން އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު މަސައްކަތްކޮށްދެއްވުމަށާއި އަދި ކިޔަވާކުދިން މަސައްކަތްތެރިބަޔަކަށްވެ ކޮންމެ ރޮނގަކުންވެސް ޤައުމަށް ޚިދުމަތްކުރާ ބަޔަކަށް ވުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އައްޑޫ ސިޓީއަށް ވަޑައިގެންނެވީ ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހުގެ މުނާޞަބާ ފާހަގަކުރުމަށް އެ ސިޓީގައި ބޭއްވި ބައެއް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.