ވިޔަފާރި

އިނގިރޭސިވިލާތުގައި ރާއްޖެ އިޝްތިހާރުކުރުމަށް 1 އަހަރުގެ ކެންޕެއިނެއް


  • ޓްރެވަލްބޭގް އަކީ 2022 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ބުކިންގ ވިއްކާފައިވާ އެއް ކުންފުނި

  • ރާއްޖެއާއި ބެހޭ މައުލޫމާތު 2.5 މިލިއަނަށް ވުރެ ގިނަ މީހުންނަށް ފޯރާނެ.

  • އިނގިރޭސިވިލާތަކީ ރާއްޖެއަށް 3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމު

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއަރ އެންޑް ޓްރެވަލް ސާވިސް ފޯރުކޮށްދޭ އެއް ކުންފުނ،ި ޓްރެވަލްބޭގްއާއި ގުޅިގެން އިނގިރޭސިވިލާތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ކެންޕެއިނެއް ފަށައިފިއެވެ.

މި ކެންޕޭންގެ މަޤްޞަދަކީ އިނގިރޭސިވިލާތުގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން، ޗުއްޓީ ހޭދަކުރުމުށް އެންމެ އެކަށޭނެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމެވެ.

އެމް.އެމް.ޕީ.އާރު.ސީން މައުލޫމާތުދޭ ގޮތުގައި މި ކެންޕެއިން އަންނަ އަހަރުގެ އޭޕްރީލް މަހާއި ހަމައަށް ކުރިއަށްދާނެއެވެ. އޮންލައިން ސޯޝަލް މީޑިއާ، އަދި ޕްރިންޓް ޗެނަލްތައް މެދުވެރިކޮށް ހިންގާ މި ކެމްޕޭންގެ ސަބަބުން ރާއްޖެއާއި ބެހޭ މަޢުލޫމާތު 2.5 މިލިއަނަށް ވުރެ ގިނަ މީހުންނަށް ފޯރާނެއެވެ.

ރާއްޖެއަކީ އިނގިރޭސިވިލާތުގެ ފަތުރުވެރިންގެ މެދުގައި މަޝްހޫރު އަދި މަޤްބޫލު މަންޒިލެކެވެ. އެހެންކަމުން މި ކެމްޕޭންގެ މައިގަނޑު މަޤްޞަދަކީ ގިނަ މީހުންނަށް ރާއްޖެ އިޝްތިހާރުކޮށް ޗުއްޓީ ހޭދަކުރުމަށް އެހެން މަންޒިލްތަކުގެ ބަދަލުގައި ދިވެހިރާއްޖެ ޚިޔާރުކުރުމަށް ހިތްވަރުދިނުމާއ،ި އިނގިރޭސިވިލާތުގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އެންމެ އެކަށޭނެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުންކަމަށް އެމް.އެމް.ޕީ.އާރު.ސީން ބުނެއެވެ.

ޓްރެވަލްބޭގް އަކީ 40 އަށްވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިފައިވާ، ކޮންމެ ބަޖެޓަކަށް ވެސް ޗުއްޓީ ދަތުރުތައް ފަރުމާކޮށްދޭ ކުންފުންޏެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ކުންފުންޏެކެވެ. ޓްރެވަލްބޭގް އަކީ 2022 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ބުކިންގ ވިއްކާފައިވާ އެއް ކުންފުންޏެވެ.

މި ޖޮއިންޓް މާކެޓިންގ ކެމްޕޭންގެ މަޤްޞަދަކީ، މި ކާމިޔާބީގެ މައްޗަށް ބިނާކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ބުކިންގްތަކާއި ފަތުރުވެރިކަމުގެ އާމްދަނީ އިތުރުކުރުންކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މި ކެމްޕޭންގައި ރާއްޖޭގެ ލަގްޒަރީ ރިސޯޓްތަކާއި، ލިވަބޯޑްތައް އަދި ރާއްޖޭގައި އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް ހުރި ފުރުޞަތުތަކާއި ރާއްޖޭގެ ސާފު ރީތި ތިމާވެއްޓާ ގުޅޭ ތަފާތު ތަޖުރިބާތަކާއި، ތިމާވެށި ހިމާޔަތްކުރަން ކުރެވޭ މަސައްކަތްތައް އިޝްތިހާރުކުރާނެއެވެ.

މިދިޔަ އަހަރު އިނގިރޭސިވިލާތުގެ މާކެޓުން އައި ފަތުރުވެރިންގެ ޢަދަދު ވަނީ %185.6 އިތުރުވެފައެވެ. އެއީ މުޅި ޖުމްލަ 179،309 ފަތުރުވެރިންނެވެ. މިއަހަރުގެ މިހާތަނަށް އިނގިރޭސިވިލާތަކީ ރާއްޖެއަށް 3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމެވެ. އެ ޤައުމުން މިހާތަނަށް ރާއްޖެއަށް 86،731 ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.