ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށް، ކުރިއެރުވުމަށް އެމްއެމްޕީއާރުސީން ކުރާ މަސައްކަތް ބަލައިގަނެ، އިންޑަސްޓްރީގެ އިސް ބޭފުޅުން އެކަން ފާހަގަކުރަމުން ދިއުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ ޠައްޔިބް މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީއަކީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޝްތިހާރުކޮށް، ޕްރޮމޯޓްކުރުމުގެ މަސައްކަތް ރަސްމީކޮށް ހަވާލުކުރައްވާފައިވާ ސަރުކާރު ކުންފުނި ނުވަތަ ޓޫރިޒަމް ޕްރޮމޯޝަން ބޯޑެވެ. އެމްއެމްޕީއާރުސީން ގެންދަނީ ރާއްޖެ ޕްރޮމޯޓްކުރުމަށް ތަފާތު އެކި މަސައްކަތްތައް ކުރައްވަމުންނެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮންނަ ފެއަރތަކުގައި ބައިވެރިވުމުގެ އިތުރުން، ޑިޖިޓަލް އެކި ޕްލެޓްފޯމްތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް ވަރޗުއަލް ހަރަކާތްތައްވެސް ދަނީ ބާއްވަމުންނެވެ. އަދި ދުނިޔޭގެ ބޮޑެތި މެއިން ސްޓްރީމް މީޑިއާތައް މެދުވެރިކޮށް ރާއްޖެއާއި ގުޅޭ މައުލޫމާތު އެތައް މިލިއަން ބަޔަކަށް ދަނީ ފޯރުކޮށްދެމުންނެވެ. މީގެއިތުރުން ދުނިޔޭގެ ނަން ހިނގާ މީޑިއާތަކުގެ ނޫސްވެރިން ރާއްޖެ ގެނެސް، އެ މީހުންގެ ތަޖުރިބާވެސް ދަނީ އެތައް މިލިއަން މީހުންނަކާއި ހިއްސާކުރަމުންނެވެ. މި ނޫނަސް އެތައް މަސައްކަތްތަކެއް އެމްއެމްޕީއާރުސީން ދަނީ ރާއްޖެ ޕްރޮމޯޓްކުރުމަށް ކުރިއަށްގެންދަމުންނެވެ.
އެމްއެމްޕީއާރުސީން ރާއްޖެ ޕްރޮމޯޓްކުރުމަށް ކުރާ މަސައްކަތަކީ ކާމިޔާބު މަސައްކަތްތަކެއްކަންވެސް ދަނީ ހާމަވަމުންނެވެ. މީގެކުރިން ރާއްޖެއިން ނުހޯދާ ބޮޑެތި ކާމިޔާބީތަކެއް މިދިޔަ 4 ވަރަކަށް އަހަރު ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ހޯދައިފިއެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކާއި މިލިއަނުން ފަތުރުވެރިން ޒިޔާރަތްކުރާ އެހެން މަންޒިލްތަކާއި ވާދަކޮށް ޖެހިޖެހިގެން 3 ފަހަރަށް ފަތުރުވެރިކަމުގެ އެންމެ މަގްބޫލް މަންޒިލްގެ އެވޯޑް ނުވަތަ ވޯލްޑް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެއިން ހޯދައިފިއެވެ. އެއީ ބުނެލަން ފަސޭހަ ވާހަކައެއް ނަމަވެސް، އެތައް މަސައްކަތެއް ކޮށްގެން ނޫނީ ހާސިލު ނުކުރެވޭނެ ކާމިޔާބީއެކެވެ.
ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އެމްއެމްޕީއާރުސީން ކުރާ މަސައްކަތް ދުނިޔެއިންވެސް ވަނީ ބަލައިގެންފައެވެ. ވޯލްޑް ލީޑިންގ ޓޫރިޒަމް ބޯޑް ނުވަތަ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އެންމެ ރަނގަޅު މަސައްކަތެއްކުރާ ކުންފުނީގެ އެވޯޑްވެސް އެންމެފަހުން ހޯދާފައިވަނީ އެމްއެމްޕީއާރުސީންނެވެ. އެމްއެމްޕީއާރުސީން ކުރާ މަސައްކަތްތަކާއި އެ މަސައްކަތްތަކުގެ ނަތީޖާ ވަރަށް ސާފުކޮށް ފެންނަން އޮތުމަކީ ކުންފުނީގެ މަސައްކަތް ހަރުދަނާގޮތެއްގައި ކުރިއަށްގެންދަވާކަމުގެ ހެއްކެކެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ މަސައްކަތް އެމްއެމްޕީއާރުސީން ކުރިއަށްގެންދަނީ ވަރަށް ބޮޑު ޒިންމާއެއްކަމުގައި ދެކިގެންކަމަށެވެ. އަދި އެ މަސައްކަތްތައް ވީ އެންމެ ފުރިހަމައަށް އަދާކުރެއްވުމަށް އެމްއެމްޕީއާރުސީގެ ހުރިހާ މުވައްޒަފުންވެސް ބުރަ މަސައްކަތްތަކެއް ކުރާކަމަށް ތައްޔިބް ވިދާޅުވިއެވެ.
ތައްޔިބް ވިދާޅުވީ މަސައްކަތް ކުރިއަށް ގެންދާއިރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ ޓޫރިޒަމް އިންޑަސްޓްރީގެ ބާނީންނާއި އިސް ބޭފުޅުން އެމްއެމްޕީއާރުސީގެ މަސައްކަތް ބަލައިގަތުންކަމަށެވެ. މީގެއިތުރުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެމްއެމްޕީއާރުސީގެ މަސައްކަތް ގާތުން ބައްލަވާ، ދެއްވާ އިރުޝާދަކީވެސް މަސައްކަތްތަައް ވަރުގަދަކުރުމަށް ލިބޭ ހިތްވަރެއްގެ ގޮތުގައި ތައްޔިބް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު އެންމެ އުފާވަނީ އިންޑަސްޓްރީގެ އެންމެ ސީނިއަރ ބޭފުޅުން މިކަންކަން ފާހަގަކުރައްވާތީ. ޗަންޕާ ބްރަދާސްގެ ޙުސައިން ޢަފީފާއި، ޔުނިވަރސަލް މުޙަންމަދު ޢުމަރު މަނިކު ކޯވިޑްގައި އެމްއެންޕީއާރުސީން ކުރި މަސައްކަތް ފާހަގަކުރެއްވުމުން އެކަމާ އުފާކުރަން. އަދި މިހާތަނަށް އައިރު އެންމެ ހިތްވަރު ލިބިވަޑައިގަތީ އެ ދެބޭފުޅުން ކިބައިން. މި ދެބޭފުޅުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙް ވެސް ވަނީ ދެ ފަހަރެއްގެ މަތިން އެމްއެންޕީއާރުސީގެ އޮފީހަށް ވަޑައިގެން، އެ ކުންފުނިން ކުރާ މަސައްކަތްތައް ފާހަގަކުރައްވައި، ލިބިފައިވާ ކާމިޔަބީތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައި ހިއްވަރު ދެއްވާފައި" ތައްޔިބު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ މަސައްކަތްތައް މިއަހަރު އަދިވެސް އޮތީ ކުރިއަށެވެ. ޠައްޔިބު ވަނީ މި އަހަރު ހިންގުމަށް ހަމަޖެހިފައިވާ އިތުރު ޙަރަކާތްތައް ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއަހަރު ކުރިއަށް ގެންދިއުމަށް ރޭވި ކަންތައްތަކުގެ %60 މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ 120 ވަރަކަށް ހަރަކާތް މިހާރު ހިންގިފައިވާއިރު ޝެޑިއުލްއާ އެއްގޮތަށް އަދިވެސް ގިނަ ފެއަރތަކާއި މާކެޓިން ކެމްޕެއިންތަކުގެ އިތުރުން ސޯޝަލް މީޑިއާގެ ކެމްޕެއިންތައް ވެސް ކުރިޔަށް ގެންދަވާނެ ކަމަށް ތައްޔިބް ވިދާޅުވިއެވެ. އެމްއެމްޕީއާރުސީގެ އޮންލައިން މާރކެޓްގައިވެސް ރާއްޖެ އިޝްތިހާރުކުރުމުގެ މުހިންމު މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
ޠައްޔިބު ވިދާޅުވި ގޮތުގައި އަހަރުގެ އެންމެ ކާމިޔާބު އެންމެ ފަޚުރުވެރި މަސައްކަތަކަށްވީ ވިޒިޓް މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ ވިޒިޓް މޯލްޑިވްސް ސްޓޯރީ ޓެލިން ކޮންފަރެންސެވެ. މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 80 އަށްވުރެ ގިނަ ސްޓޯރީ ޓެލާރސް ވަނީ ބައިވެރިވެފައެވެ. އެމްއެންޕީއާރުސީން ވަނީ ޖެހިޖެހިގެން 3 އަހަރު ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ހާސިލްކޮށްފައެވެ. އަދި މިދިޔަ އަހަރުގައި ވަނީ ވޯލްޑްސް ލީޑިން ޓުއަރިސްޓް ބޯޑު، ނުވަތަ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އެންމެ ރަނގަޅަށް މަސައްކަތްކުރާ ބޯޑުގެ އެވޯޑްވެސް ހާސިލްކޮށްފައެވެ.